ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑް ވަގުތީ ހިޔާގެ ހިދުމަތްތައް ހުއްޓާލައިފި

ކޮވިޑް-19 އާ ގުޅިގެން އަސާސީ ހައްގުތައްް ގެއްލުނު ފަރާތްްތަކަށް ދިން ވަގުތީ ހިިޔާގެ ހިދުމަތްތައް ޖެންޑާ މިނިސްޓްރީން ހުއްޓާލައިފި އެވެ.

ކޮވިޑް ފެތުރޭ މިންވަރު ކޮންޓްރޯލްކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން މާލެ ސަރަޙައްދު ފުރަބަންދު ކުރުމުން އަސާސީ ހައްގުތަކުން (ކާބޯތަކެތި، އަންނައުނު، ބޯހިޔާވަހިކަން) މަހުރޫމުވީ މީހުންނަށް ޖެންޑާ މިނިސްޓްރީން ވަނީ ވަގުތީ ބޯހިޔާވަހިކަމެއް ހަމަޖައްސާފަ އެވެ. އެގޮތުން 253 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީައިވާއިރރު އޭގެ ތެރޭގައި 103 ފިރިހެނުންނާއި 144 އަންހެނުން އަދި އެއްމަސް ނުފުރޭ 6 ތުއްތު ކުދިން ހިމެނެ އެވެ

ޖެންޑާ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވަނީ އެ ނިސްބަތްވާ ރަށްރަށަށް ދިއުމަށް ނުވަތަ އެ ފަރާތްތައް އަމިއްލައަށް ދާއިމީ ބޯހިޔާވަހިކަމެއް ހޯދުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ވަގުތު ދިނުމުގެ ގޮތުން އެ ފަރާތްތަކަށް ކުރިން އެންގުމަށްފަހުގައި ކަމަށެވެ. އަދި މިނިސްޓްރީން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވަނީ އެ ފަރާތެއް ނިސްބަތްވާ ރަށަށް ދިއުމަށް ކޮންމެ ފަރާތަކުން ވެސް އެއްބަސްވުމުން ކަމަށެވެ.

އަދި މިހާތަނަށް ބޯހިޔާވަހިކަން ފޯރުކޮށްދިން 13 ފަރާތެއް ފިޔަވާ އެހެން ހުރިހާ ފަރާތެއް ހޯމް ކަރަންޓީނުވުމަށް ނިސްބަތްވާ ރަށެއްގައި ނުވަތަ ދާއިމީ ހިޔާވައްސެއްގައި ވަނީ އިންތިޒާމް ކުރެވިފައި ކަމުން ވަގުތީ ހިޔާވަހިިތަކުން ދިން ހިދުމަތްތައް ހުއްޓާލީ ކަމަށް ޖެންޑާ އިން ބުންޏެވެ.

"..މާލެ ސަރަހައްދުގެ ފުރަބަންދުގެ ހާލަތަށް އެޗް.ޕީ.އޭގެ ފަރާތުން ލުއިތަކެއް ދިނުމާއި ސަރުކާރުގެ މުއައްސަސާތަކުން ކޯވިޑް-19އާ ގުޅިގެން ހިންގި ހަރަކާތްތައް ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެނެސްފައިވާތީ، ވަގުތީ ހިޔާތަކުން ދެމުންގެދިޔަ ހިދުމަތްތަކަށް ނިމުމެއް ގެނައުމަށް މި މިނިސްޓްރީން ވަނީ ނިންމައިފައެވެ.." މިނިސްޓްރީން ނެރުނު ބަޔާނުގައި ވެ އެވެ.

އިތުރަށް ބުނީ ވަގުތީ ހިޔާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް އަދިވެސް ބައެއް އާއިލާތައް ތިބުމާއެކު، އެ ފަރާތްތައް ނިސްބަތްވާ ރަށަށް ދިއުމަށް އެދޭ ނަމަ، އެ ކަންކަން މިނިސްޓްރީން ހަމަޖައްސައިދޭނޭކަމަށާއި އެ ނޫން ގޮތެއް ހަމަޖެއްސުމަށް ބޭނުންވާ ނަމަ އެ ފުރުސަތު ވެސް އެ ފަރާތްތަކަށް ވަނީ ދެވިފައި ކަމަށެވެ.

އަދި، ހިޔާތަކުގައި ތިބި ފަރާތްތަކުގެ ތެރެއިން ވަޒީފާ ގެއްލުނު މީހުން "ޖޮބް ޕޯޓަލް"ގައި ރަޖިސްޓްރީކޮށް އެހީތެރިކަން ހޯދުމަށް ލަފާ ދީފައިވާނެ އެވެ. މީގެ އިތުރުން، ދިގުމުއްދަތެއް ވަންދެން މާލެގައި ދިރިއުޅުން ބިނާކޮށްފައިވާ އާއިލާތައް އެނބުރި ރަށަށް ދިއުމަށް އުޒުރުވެރިވާތީ އެ ފަރާތްތަކަށް ވެދެވޭނެ އެހީތެރިކަމާ ގުޅޭގޮތުން ވެސް ކަމާގުޅޭ މުއައްސަސާތަކާ މަޝްވަރާކޮށް އެ އާއިލާތަކަށް ދެވޭނޭ އެހީއާމެދު ގޮތެއް ނިންމުމުގެ މަސައްކަތް ވެސް މިނިސްޓްރީން ކުރަމުން ގެންދާ ކަމަށެވެ.

މިނިސްޓްރީން ބުނީ މިހާރު ވަގުތީ ހިޔާގައި ތިބީ 1 އާއިލާއަކަށް ނިސްބަތްވާ 13 މީހުންނެވެ. އޭގެ ތެރޭގައި 4 ކުޑަކުދިން ހިމެނޭ ކަމަށެވެ.

"..ދެންނެވިފައިވާ 13 ފަރާތުގެ އިޖުތިމާއީ އަދި އިގްތިސާދީ ހާލަތު ދެނެގަތުމަށް ހެދި އެސެސްމަންޓްތަކަށް ރިއާޔަތްކުރާއިރު، މި ފަރާތްތަކުގެ އިގުތިސާދީ ހާލަތު ބަދަލުވެފައިވާތީ އާއި ސަރުކާރުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުން ނިމުމަކަށް ގެނައުމަށް ނިންމައިފައިވުމުން، މި ފަރާތްތައް ރަށަށް ދިއުމަށް އުޒުރުވެރިވުމުން، ދިރިއުޅުމުގެ ކަންކަން އަމިއްލައަށް ހަމަޖެއްސުމަށް މިނިސްޓްރީން އެތައް ފަހަރެއްގެ މަތިން ވަނީ އެ ފަރާތްތަކަށް އަންގާފައި.." ޖެންޑާ މިނިސްޓްރީން ބުންޏެވެ.

ޖެންޑާ މިނިސްޓްރީގެ މީޑީއާ އޮފިޝަލް، އިބްރާހިމް މުހައްމަދު އަވަސް އަށް މައުލޫމާތު ދެމުން ބުނީ އެ އާއިލާ އަށް ވާނީ ކުރިންވެސް ނޯޓިސް ދެވިފައި ކަމަށާއި އުސޫލެއްގެ ގޮތުން އެތަން ހުސް ކުރުމަށް އެންގިފަައިވާނެ ކަމަށެވެ. އަދި، ހިޔާ އަށް އަންނަ ދުވަހުން ފަަށައިގެން މިނިސްޓްރީން ދިޔައީ އިރުޝާދުތައް ދެމުން ކަމަށްވެސް ބުންޏެވެ.

ޖެންޑާ އިން އިތުރަށް ބުނީ ވަގުތީ ބޯހިޔާވަހިކަން ދިނުމަށް ޔޫތު މިނިސްޓްރީން ދީފައިވާ އިމާރާތްވެސް އަނބުރާ ހަވާލު ކުރުމުުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.