(21 އޮކްޓޯބަރ 2021 އާ ގުޅޭ)
ކާރަށް އަރަންދެން ނީރާއަށް ގުޅޭތޯ ލައިޒަލް މަސައްކަތް ކުރިއެވެ. ރިންގުވެފައި ކެނޑެނީއެވެ. މިހާރު ފޯނު ވެސް އޮތީ ނިވާލާފައެވެ. ހާސްކަން ހަމައަކަށް އެޅުވުމަށް ލައިޒަލް ފުންނޭވާއެއް ލިއެވެ. ސިކުނޑީގެ ބޭނުން އޭނާ ހިފިއެވެ. ކާރު ދުއްވާލުމާއެކު އޭނާ ޔަމާނަށް ގުޅިއެވެ. އީހާނު ކޮބާތޯ ބަލާށެވެ.
ގަޑިތަކުން ހެނދުނު އެގާރަ ޖެހުމާ ކައިރިވެއްޖެއެވެ. އެހެންވިޔަސް ހެނދުނުގެ ނާސްތާ ކުރާށާއި ކޮފީއެއް ބޯލުމުގެ ގަސްދުގައި ކެފޭއަށް ވަންނަމުންދިޔަ މީހުން މަދެއްނުވެއެވެ. ފައިސާ ކައުންޓަރުގައި ޔަމާނު އިންއިރު އޯޑަރެއް އައިސްގެން ކޮފީ ތައްޔާރުކުރާން އީހާނު ކޮފީ މެޝިނު ކައިރީ ހަރަކާތްތެރިވަމުންދިޔައެވެ. އެ ކެފޭއަށް ވަދެގެން އައި ލައިޒަލް މަޑުކޮށްލީ ކޮފީ ކައުންޓަރު ކައިރީއެވެ. ސީދާ އީހާނާއި ބައްދަލުކުރަން އައި މީހަކު ފަދައިންނެވެ. ތަބަކުގައި ހަތަރުޖޯޑު ކޮފީ ބަހައްޓާލަމުން އެ ހިފައިގެން އީހާނު އެނބުރިލިއެވެ. އެހިނދު ފުރަތަމަ ވެސް އީހާނަށް ފެނުނީ ލައިޒަލްއެވެ. ވާހަކައެއް ދެއްކުމުގެ ބަދަލުގައި އީހާނު ކައުންޓަރުން ނުކުމެ ކޮފީ ތަބަށް ހިފައިގެން ގޮސް މޭޒެއްގެ ދޮށުގައި ހުއްޓިލައިފިއެވެ.
"ހޭއި! ކެން ވީ ޓޯކް." އީހާނު އެނބުރި އައުމާއެކު ލައިޒަލް ވާހަކަދެއްކިއެވެ.
"ވާހަކަދައްކަބަލަ." ސަމާލުކަމެއް ނުދީ އީހާނު ބުނެލިއެވެ.
"މިތާކުނޫން." ލައިޒަލް ނިކަން އަވަހަށް ބުންޏެވެ.
"ޕްލީޒް..."
އީހާނު ޖަވާބެއް ނުދިނުމުން ލައިޒަލް ބާރުއެޅިއެވެ. އީހާނުގެ ލޮލުން ހައިރާންކަން ފާޅުވެލިއެވެ. އޭނާގެ ގާތުގައި ލައިޒަލްގެ ދުލުން "ޕްލީޒް"އޭ ބުނެލުމަކީ ނުވާނޭކަމެއްކަން އެނގޭތީއެވެ. ނޭނގޭ ބާރުމިނެއްގައި ހިތް ތެޅެން ފެށިއެވެ. ނީރާގެ ޚަބަރަކައިގެން ލައިޒަލް އައިސް އިނިއްޔޭ އީހާނާށް ހީވެއްޖެއެވެ. ޔަމާނު ބަލާލާ ގޮތުން އޭނާއަށް ލައިޒަލް އަންނާނޭކަން ކުރީން އެނގިފައި އޮތިއްޔޭ ވެސް އީހާނަށް ހީވެއްޖެއެވެ. ހިނގައިގަންނަމުން ލައިޒަލްއަށް އީހާނު އިޝާރާތުން އަންގާލީ އައުމަށެވެ.
ދެ ޒުވާނުން އެރީ މަތީގަ ހަދާފައި ހުންނަ ކަރޯކޭ ބަޔަށެވެ. އެބައި ހުޅުވާލާނީ ހަވީރުއެވެ. އެހެންވެ ހެނދުނުގެ އެވަގުތު އެތަން އޮތީ ފަޅަށެވެ. ފުރަތަމަ ޖެހުނު ބޫތުގެ ތެރެއަށް ދެ ޒުވާނުން ވަނެވެ. އީހާނު އިށީނުމުން ވެސް ލައިޒަލް ހުރީ ކޮޅަށެވެ. ހެދުން އަޅާފައި ހުރި ގޮތުން އެ އައީ އޮފީހުންކަން ދެނެގަންނަން އީހާނަށް ވެސް އެނގުނެވެ.
"ކޮންވާހަކައެއް ދައްކަން." މިފަހަރު އިސްނެގީ އީހާނެވެ.
"ނީރާ ކޮބާ؟."
"ކީއްކުރަން އެޔެއް ބަލަނީ."
"އީހާނު. އަހަރެން މިއައީ ކަލެއާ ޖަދަލުކުރާކަށްނޫން. މީގެ ކުޑައިރުކޮޅެއް ކުރީން އޭނާއާ ކޮންޓެކްޓްވީއިރު ހުރީ އެއާޕޯޓްގަ."
"އާ ޔޫ ޝުއަރ... އެކަމަކު..." އީހާނު ކުއްލިއަކަށް ހާސްވިއެވެ. އެންމެފަހުން އީހާނަށް އެނގިގެން ނީރާ ހުރީ މާފުށީގައެވެ. ލަމްހާއަށް ނީރާ ގުޅީ އެ ރަށުގައި ހުރެއެވެ. މަންމައާ އީހާނު ވާހަކަދެއްކުމުން ވެސް އެނގިފައި އޮތީ އަވަހަކާ ނީރާ މާލެ އަންނަން ގަސްދު ނުކުރާކަމެވެ. އެކަމާ ޚުދު ލަމްހާ ވެސް ހުރީ އިންތިހާއަށް ކަންބޮޑުވެފައެވެ.
"އަހަރެންގެ އިވުން ރަނގަޅު. އޭނާ ހުރީ އެއަރޕޯޓްގަ. އީހާނަށް ނޭނގެންޏާ އަޅާނުލާ..."
"ނީރާ ނުބުނޭތަ އަހަރެންގެ ވާހަކައެއް." އީހާނު ޔަގީންކުރަން ބޭނުންވީއެވެ. ނީރާއަކީ މިހާރު އީހާނުގެ އަނތްބެއްނޫންކަން ލައިޒަލްއަށް ނޭނގެޔޭ އީހާނަށް ހީވާތީއެވެ.
"އީހާނު، އަހަރެން ފޮނުވި އެއްޗިއްސަށް ކިހިނެއް ހެދީ؟." ވަގުތުކޮޅަކަށް އީހާނާ ނަޒަރު ސީދާކޮށްލައިގެން މަޑުކޮށްލުމަށްފަހު ކުއްލިއަކަށް ލައިޒަލް އަހާލިއެވެ. އީހާނުގެ މޫނުމަތިން ރުޅިވެރިކަން ފާޅުވާން ގިނައިރެއް ނުނެގިއެވެ. އެވަރުން ލައިޒަލްއަށް ހުރިހާކަމެއް ޔަގީންވެއްޖެއެވެ.
"ކީއްވެ ނީރާ އެކަނި އެ އުޅެނީ؟. ކީއްވެ އޭނާ އެންމެން ދޫކޮށްލާފައި ދާން ޖެހުނީ؟. ނީރާ އާއިލާ ކަމުގައި ދުށް މީހުން އޭނާ ބާކީކޮށްލީތަ؟. ނޫނީ އަހަރެންގެ ސަބަބުންތަ؟."
"އެހެނެއްނޫން. މަންމަ ނީރާދެކެވާ ލޯތްބަކީ ދުނިޔެއަށް ދައްކަންވާ ލޯތްބެއްނޫން... ލައިޒަލް، އަހަރެމެން ދެ މީހުން ވެސް އޭނާދެކެ ލޯބިވޭ. އެކަމަކު އަހަރެމެން ދެމީހުންނަކީ ކުށްވެރިން. ނީރާއަށް ހިތްދަތިކަން އަހަރެމެން ދެމީހުން ވެސް ދީފިން. ހަގީގަތުގައި އެންމެ ބޮޑު ކުށެއްކުރީ އަހަރެން ކަންނޭނގެ... އެހެންވިޔަސް މިހާރު ނީރާއަކީ މިނިވަނެއް، ބާކީ މިއޮތް ތިން ހަފްތާއަށްފަހު އޭނާގެ އިއްދައިގެ މުއްދަތު ނިމި އަހަރެންގެ ކިބައިން މުޅީން މިނިވަންވާނެ. އާއިލާއާ ދުރުގައި ނީރާ އުޅޭން ނިންމީ އަހަރެންގެ ސަބަބުން. އާއިލާއިން އޭނާ ދުވަހަކުވެސް ބާކީއެއް ނުކުރާނެ. އަހަރެން މިހުރީ ނީރާ ބެހެއްޓި ހިސާބުގައި. ހެދުނު ގޯސް ހަނދާނެއް ނުނެތޭ، އެކަމަކު ދެން އިތުރަށް ނީރާ ރޮއްވާކަށް ބޭނުމެއްނޫން. އޭނާގެ ނިންމުންތަކަށް އަހަރެން އިހްތިރާމްކުރާނަން. އޭނާއަށް އަހަރެންދެކެ ލޯތްބެއް ނުވެވުނު. އަހަރެން ހީކުރީ މިހާރު ލައިޒަލްއަށް އޮންނާނީ އެނގިފައި ކަމަށް. އަހަރެން އެވާހަކަ ނުދައްކަން ހުރީ އެކަކު ކައިރީ ވެސް އެވާހަކަ ނީރާ ނުބުނާތީ. ހީކުރީ އެޓްލީސްޓް ރިދާ ކައިރީ އޮންނާނީ ބުނެފައިކަމަށް. އެކަމަކު ޔާނު އަހަންނާ ސުވާލެއް ނުކުރޭ. އެހެންވެ އެނގޭ ރިދާއަށް ވެސް އަދި ނޭނގެނީކަން... ސީރިއަސްކޮށް... އަހަންނަކަށް ނޭނގޭ ނީރާ ދިޔައީ ކޮންތާކަށްކަމެއް، މަންމައަށް އޭނާ ގުޅާ، މަންމަ ބުނީ ނީރާ ހުރީ މާފުށީގައޭ. އެވަރު އަހަންނަށް ވެސް އެނގެނީ... ނީރާ ހުރިތަނެއް އެނގެން އަހަރެން ވެސް ބޭނުން."
"ރިދާއަށް އެނގޭނެ. އަހަރެންގެ ވާހަކަ އޭނާގެ ކައިރީ ނީރާ ދައްކާފައި ހުރިއިރު އެހެން ވާހަކަތައް ވެސް ހުންނާނީ ހިއްސާކޮށްފައި. ނީރާއަށް ޓަކައި ނުބުނަން ރިދާ ހުރެދާނެ."
"މަންމައާ އަހަރެން ވާހަކަދައްކާނަން. މަންމައަށް އެނގިފަ އޮތިއްޔާ އަހަރެން ގުޅާނަން." އީހާނު ބުންޏެވެ.
އިރުކޮޅަކު ހައިރާންވެފައި ލައިޒަލްއަށް ހުރެވުނެވެ. ނީރާގެ ކަމެއްގައި ލައިޒަލްއަށް އީހާނު އެއްބާރުލުން ދޭތަން ފެނުމުން އަދިވެސް ގަބޫލުކުރަން ދަތިވަނީއެވެ. އެކަމުގައި ވެސް އޭނާގެ އަމިއްލަ އެދުމެއް އޮވެދާނޭ ހީވަނީއެވެ. ފިކުރުތަކުގެ ތެރޭގައި ވަނިކޮށް ލައިޒަލްއަށް އީހާނު ގޮވާލި އަޑު އިވުނެވެ. އެއާއެކު ލައިޒަލްއަށް ނީރާ ހުރި ތަނެއް އެނގިއްޖެނަމަ އީހާނަށް އަންގާނަންކަމަށް އެއްބަސްވިއެވެ. އެ ދެމެދުގައި ފުރަތަމަ ފަހަރަށް ދެބަސްވުމަކަށް ނުގޮސް ކަމަކަށް އެއްބަސްވެވުނީއެވެ. އެވެސް ނީރާގެ ކަމެއްގައެވެ. އެތަނުން ނުކުންނަން ލައިޒަލް އެނބުރިލި ވަގުތު އީހާނު އަނެއްކާ ވެސް ގޮވާލިއެވެ.
"އުޝާ ގުޅި... ވަރަށް ހެނދުނާ." އީހާނު ބުނެލިއެވެ. އޭނާއަށް ލައިޒަލްގެ ނިތަށް ގިނަވެލި ރޫތަކާއި ދެ ލޮލުން ފާޅުވި ނުރުހުން ފެނުނެވެ.
"ކީކޭ ބުނީ." ލައިޒަލްގެ އަޑުގައި ކުރީން ނުވި ހަރުކަށިކަމެއް އެކުލެވިފައި ވިއެވެ.
"ކޯލު މިސްވީ. ނިދާފަ އޭރު އޮތީ. އަދި ނުގުޅަން. ޝީ އިޒް ސްޓިލް ޔޯ ވައިފް. ވައި ޑޯންޓް ޔޫ އާސްކް ހާ. ތިގޮތަށް ނީރާގެ ކަންކަމުގައި އުޅުން އުޝާ ހިތްހަމަޖެހޭ ކަމަކަށް ނުވާނެ." އީހާނު ބުނެލިއެވެ.
"އައި ނޯ." ލައިޒަލް ވަގުތުން ބުނެލިއެވެ.
ދެމީހުން އެކުގައި ފައިބައިގެން އަންނަތަން ފެނުމުން ޔަމާނަށް އިންތަނުން ތެދުވެވުނެވެ. ދެ އެކުވެރީންގެ މޫނަށް ފަރުވާތެރިކަމާއެކު ޔަމާނު ބެލިއެވެ. އެމީހުން ދެއްކީ ކޮންވާހަކައެއް ކަމެއް ޔަމާނަކަށް ނޭނގެއެވެ. އޭނާ ހާސްވެފައި އިނީ ލައިޒަލްއާއި އީހާނުގެ ގުޅުން ހީނަރުވެފައި އޮތްވަރު އެނގޭތީއެވެ. އެ ދެމީހުން އެކަކުއަނެކަކަށް ނަފުރަތުކުރެއެވެ.
"ކޮފީއެއް ލިބިދާނެތަ؟." ލައިޒަލް ބުނެލިއެވެ. އީހާނު ބޯޖަހާލީއެވެ. އެ މަންޒަރު ބަލަން ހުރި ޔަމާނު އަޖައިބުވެ އަންތަރީސްވިއެވެ. އީހާނު ކައުންޓަރުގެ އެތެރެއިން ގޮސް ކޮފީ މެޝިނުކައިރީ ހުއްޓެންދެން ޔަމާނުގެ ނަޒަރު އޭނާއާއެކު ދަތުރުކޮށްލިއެވެ. އޭނާ ލައިޒަލްއަށް ބަލާލީ ކައުންޓަރުގެ ބޭރުގައި ހުރި އުސް ގޮނޑިތަކުން ގޮނޑިއެއްގައި އިށީންނަމުން ލައިޒަލް ގޮވާލީމައެވެ. ޔަމާނު އައިސް ލައިޒަލްއާއި ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.
"ރިދާ ކޮންއިރަކުން ފްރީވާނީ."
"ހަވީރު، އޮފީސް ނިމުނީމަ. ކިހިނެއްވީ؟." އެކުވެރިޔާއަށް ޖަވާބު ދީފައި ޔަމާނު ސުވާލުކުރިއެވެ.
"ވާހަކަދައްކާލަން. ރިދާއާއެކު ޔާނު ހުއްޓަސް އަހަންނަށް އޯކޭ. ޝީ އިޒް ޔޯ ގާލް، އަހަންނަށް ވެސް ރަނގަޅީ ޔާނު ހުރިއްޔާ. މިކޮޅުން މީޓުވާ ގޮތަށް ހަމަޖައްސާނީ. އަންނަމުން އަހަންނަށް ގުޅާ."
"ވީގޮތެއް އަދިވެސް ނުބުނަމެންނު." ޔަމާނު އެއްސެވެ.
"އޭރުން އެނގޭނެ. ރިދާ ގޮވައިގެން އައީމަ." ލައިޒަލް ބުންޏެވެ.
އެ ދެ އެކުވެރީންގެ އަޑު ކޮފީ ހަދަން ހުރި އީހާނަށް އިވެއެވެ. ކޮފީ ޖޯޑު ހިފައިގެން އީހާނު އައިސް ލައިޒަލްގެ ކުރިމަތީ ބެހެއްޓިއެވެ. އޭނާ ދެން އެނބުރިލީ ކޮފީ މެޝިނު ކައިރީ ސާފުކުރާށެވެ. ޔަމާނާއި ލައިޒަލް ވާހަކަދައްކަން ތިބީމައެވެ. ދެމީހުން ދެއްކީ ކޮންވާހަކައެއްތޯ ޔަމާނު އަހާލީމާ ވެސް ލައިޒަލް ހާމައެއްނުކުރިއެވެ. ލައިޒަލްއާ މެދު އީހާނަށް ވިސްނާލެވުނެވެ. އޭނާއަށް އަބަދުވެސް ލައިޒަލްގެ ފަރާތުން ފެންނަނީ މަޑުމައިތިރިކަމެވެ. ލައިޒަލް ރުޅި އައިސްފަ ހުއްޓާ ފުރަތަމަ ވެސް އީހާނު ދުށީ އޭނާގެ އުފަންދުވަހުގެ ޕާޓީގައެވެ. އެފަދަ ހީނުކުރާ ކޮންމެ ސިފައެއް ލައިޒަލްގެ ފުށުން ފާޅުވެފައި ހުރީ ނީރާއާ ގުޅުންހުރި ކަމެއްގައި އެކަންޏެވެ. މިހާރު މިވަގުތު ވެސް އެ މޫނުން ފާޅުވާން ހުރި ކެތްތެރިކަން ކުޑަވެ ހާސްވެފައިވާ އަސަރުގެ އަސްލަކީ ހަމަ ނީރާއެވެ. އެކަމަކު ނީރާއާ ގުޅިގެން ގިނަ ވާހަކަތަކެއް ލައިޒަލް ނުދައްކައެވެ. އެވެސް އީހާނު ސުވާލު އުފެދެން މެދުވެރިވި ކަމެވެ. ޔަމާނު ދާން ޖެހިގެން ލައިޒަލްގެ ކައިރީން ތެދުވެ ކޭޝް ކައުންޓަރަށް އައެވެ.
"ކީއްވެ އޭއްޗެހި ފޮނުވީ. އަހަރެން ރުޅި އަރުވާލަންތަ ނޫނީ ނީރާ ދެރަކޮށްލަންތަ؟" މަޑުމަޑުން އައިސް ލައިޒަލް އިން ދިމާ ކުރިމަތީ މަޑުކޮށްލުމާއެކު އީހާނު އަހާލިއެވެ. އެހިނދު ލައިޒަލް އިސްޖަހާލިއެވެ. ހުސްވާން ކައިރިވެފައި ހުރި ކޮފީ ޖޯޑުގެ މަތީ ކައިރި ފަށުގައި އޭނާ ޝަހާދަތް އިނގިލި ހާކާލިއެވެ.
"އެކަން ކުރީ އަހަންނެއްނޫނޭ ބުނިއްޔާ ގަބޫލުކުރެވޭނެތަ؟" ލައިޒަލް ބުނެލިއެވެ. އީހާނުގެ ފިޔަވަޅު ފަހަތަށް އަޅާލި ގޮތުން އޭނާއަށް ލިބުނު ސިހުން ސިއްރެއް ނުވިއެވެ. އެހެންވެދާނޭ ހެއްޔޭ ވަގުތުން އީހާނުގެ ހިތުގައި ސުވާލު އުފެދުނެވެ. ލައިޒަލްގެ ފޯނުން ލައިޒަލް ނުފޮނުވަންޏާ އެކަން ކުރާނީ ދެންފަހެ ކާކުހޭ އީހާނަށް އަހާލެވުނެވެ. އެ ސުވާލަށް ލައިޒަލް ޖަވާބެއް ނުދިނެވެ.
"ދަނީ..." ލައިޒަލް ތެދުވެ ވޮލެޓުން ނެގި ސަތޭކައިގެ ގަނޑު ކައުންޓަރު މަތީ ބާއްވާލިއެވެ. އޭނާ އީހާނަށް ބަލާލުމެއް ނެތި ކެފޭއިން ނުކުންނަން ދިޔައީއެވެ.
ކާރަށް އަރައިގެން ވަކި ހިސާބަށް ދެވުމާއެކު ލައިޒަލް ކާރު ހުއްޓާލިއެވެ. ހުންގާނުގައިވީ ދެއަތުގައި ގުދުވެލުމާއެކު ބޯއަޅާލައި ދެ ލޯ މަރާލިއެވެ. ނީރާ ހޯދަން ބޭނުންވިޔަސް އޭނާ ހޯދަން ދާނޭ ތަނެއް ލައިޒަލްއަކަށް ނޭނގުނެވެ. އެހެންވިޔަސް ލައިޒަލް ގޮތެއް ނިންމިއެވެ. އޭނާ ނީރާ ހޯދާނެކަމެވެ. އަދި ދެ މީހުން ބައްދުވާއިރު އޭނާ ނީރާއާ ބައްދަލުވާނީ ލައިޒަލްގެ ގޮތުގައެވެ. މީހެއްގެ ފިރިއެއްގެ ގޮތުގައެއް ނޫނެވެ. އަނެއްކޮޅުން އުޝާ އެކުރީ ލައިޒަލް ދުވަހަކުވެސް މަޢާފުނުކުރާނޭވަރު ކަމެކެވެ. މިއަދު އެއްވެސް ކަމަކަށްވުރެ ބޮޑު ތަކުލީފަކާއި ވޭން ލައިޒަލްގެ ހިތަށް ލިބެމުންދަނީ އުޝާގެ އެ ޢަމަލުގެ ސަބަބުންނެވެ. ގަސްދުގައި ނީރާއަށް އޭނާ އަނިޔާދޭން މެދުވެރިއަކަށް އެހެދީ ލައިޒަލްވީމައެވެ. ދެމެދުގައިވީ އެއްބަސްވުން އުވާލި މީހަކީ އުޝާއެވެ. ހިޔާލުތަކުގައި ވަނިކޮށް ލައިޒަލްގެ ފޯނު ރިންގުވިއެވެ. އަވަހަށް ފަޓުލޫނު ޖީބުން ފޯނު ނެގީ ނީރާއަށް ވެދާނޭތީއެވެ. ނަމަވެސް އިސްކުރީނުގައިވީ އުޝާގެ ނަމެވެ.
"ލައިޒަލް ބިޒީތަ؟." ހެލޯއޭ ލައިޒަލް ބުނެލުމާއެކު އުޝާ އަހާލިއެވެ.
"ކިހިނެއް ހަދަންވީ؟."
"މަންމަ ގުޅި. މިއަދު ހަވީރު ލައިޒަލް ގޮވައިގެން ގެއަށް އައިސް ބަލާށޭ ބުނީ." އުޝާ ބުންޏެވެ.
"ހަވީރު ބިޒީ. ފަހުން ގުޅާނަން." ލައިޒަލް ފޯނުކޯލު ކަނޑާލީއެވެ. އޭނާ ކާރު ދުއްވާލީ އުޝާ ކައިރިއަށް އެޕާޓްމެންޓަށް އައުމަށެވެ.
* * * * *
ގަން އެއާޕޯޓުން ނީރާގެ ނަން އޭފޯގަނޑެއްގައި ލިޔެ، އެ ކަރުދާސް ހިފަހައްޓާލައިގެން ހުރި އިސްކޮޅުން ދިގު ޒުވާނާ ފެނުނެވެ. އާންމު ދިވެހިންގެ ފެންނަ ފަދަ އޮޅަލި ކުލައިގެ ހަންގަނޑެކެވެ. ދިގު މޫނަކާއި ތަނަވަސް ނިތްކުރިއެކެވެ. ވަރުގަދަ ދެބުމައެވެ. މޫނުގެ ކިއްސަރު ނުހަނު ފިރިހެންވަންތައެވެ. ކަށިޖަހާ ވަރަށް ތުނިކޮށް ބަހައްޓާފައި ހުރި ތުނބުޅިމަތިހެވެ. އޭނާގެ ކަޅުކަން ގަދަ ބޯ އިސްތަށިގަނޑު ހުރީ ހޭވިފައެވެ. ލާފައި ހުރީ މަޑު ނޫކުލައެއްގެ އަތްކުރު ޓީޝާޓަކާއި ގަދަނޫކުލައިގެ ފޭދިފައި ހުރި ޖީންސެކެވެ. އަރާފައި ހުރީ ފައިވާނަކަށެވެ. ހުރިހާ ގޮތަކުން ބެލިޔަސް އޭނާ ނުހަނު އާދައިގައެވެ. ވަޒީފާއެއް އަދާކުރާ މުވައްޒަފެއްގެ ސިފައެއް އެ ޒުވާނާގެ ފުށުން ނުފެނެއެވެ. ފޮށްޓާއި ދަބަސް ހިފައިގެން އެ ޒުވާނާގެ ކައިރިއަށް ނީރާ އަންނަތަން ފެނިގެން އޭނާ އަތުން އިޝާރާތް ކުރީ ކަރުދާހުގައިވާ ނަމަށެވެ. ޖަވާބުގައި ނީރާ ބޯޖަހާލީއެވެ. އެއާއެކު އޭނާ ކަރުދާސް ތިރިކޮށްލިއެވެ. ނީރާ އައިސް ކައިރިވުމާއެކު އަތްދިއްކޮށްލީ ސަލާމަށެވެ. ފާޅުކޮށްލި ހިނިތުންވުމުގައި ހިތްހެޔޮކަން ވެއެވެ.
"ރިޔާން، ބުކިން ހަދަން ގުޅީމަ ވާހަކަދެއްކީ އަހަރެން." ނީރާއާ ސަލާމްކޮށްލަމުން އެ ޒުވާނާ ބުނެދިނެވެ. ދެން ވެސް ނީރާ ހަމައެކަނި ބޯޖަހާލީއެވެ.
ކާރު ބާއްވާފައި އޮތް ހިސާބަށް ނީރާ ގޮވައިގެން ރިޔާން އައެވެ. ޑިކީއަށް ފޮށިލާން ރިޔާން އުޅުނުއިރު ނީރާ ފަހަތު ސީޓަށް އަރާ އިށީނެވެ. އޭނާ ކުރީ ދޮރުފަތް ހުޅުވާލާފައި ބެހެއްޓީ ނީރާ ކުރިއަށް އަރާނޭ ކަމަށެވެ. އާންމުކޮށް އެހެން އެކަނި އަންނަ އަންހެންކުދީން ޑްރައިވަރަކާއެކު ކުރީ ސީޓުގައި އިނުން މައްސަލައަކަށް ނުހަދައެވެ. ރިޔާނަކީ އަހުލާގު ހިފަހައްޓަން އެނގޭ ޒުވާނެކެވެ. އެހެން ދިމާވާ ދިމާވުމެއްގައި އޭނާގެ އަމިއްލަ ގޮތް ކިޔައި ނުހަދައެވެ. ނީރާގެ ނިންމުން ފެނުމުން އެކަމާ އޭނާ އަޅާނުލީ އެހެންވެއެވެ.
ދަތުރުވީ ނީރާ ހީކުރި ވަރަށްވުރެ ދިގު ދަތުރަކަށެވެ. "ރިއާމިރާ"އިން ދޭތެރެއަކުން ރިޔާން ބަލާލާތީ ފެނެއެވެ. ކިހާއިރެއްވާނެތޯ ނީރާއަށް އަހާލެވުނެވެ. އޭނާ ވާހަކަދެއްކުންވީ ރިޔާނަށް ލިބުނު ހިތްވަރަކަށެވެ.
"އަދި ދިހަ މިނެޓް. ޗުއްޓީއައްތަ؟" ރިޔާނު ވާހަކަދެއްކިއެވެ. ނީރާ ބޯޖަހާލީއެވެ.
"އެކަނިތަ؟. މިކޮޅުގައި ބަޔަކުތިބީތަ؟." ރިޔާނު އިތުރު ސުވާލު ކުރިއެވެ. ނީރާ ހެޑްސެޓް ކަންފަތަށް ހެޔޮވަރުކޮށްލައި އިސްއޮބާލީއެވެ. އެ އަންހެންކުއްޖާ އިތުރަށް ވާހަކަދައްކަން ބޭނުންނުވީކަން ރިޔާން ވަގުތުން ދެނެގެންފިއެވެ. ބޮޑާ އަންހެންކުއްޖެކޭ ހިތަށް އަރާނޭ ފަދަ ސިފައެއް ނީރާގެ ފުށުން ރިޔާނަށް ފާހަގައެއްނުވިއެވެ. އޭނާގެ އެ މަނާވެގަތުން ބޮޑަށް ހީވީ އަމިއްލަ ޒާތިކަންކަން ނުދަންނަ މީހުންނާ ހިއްސާކުރަން ބޭނުންނުވީ ހެންނެވެ. ގެސްޓްހައުސްއާ ހަމައަށް އާދެވެގެންދެން ކާރުގައިވީ ހިމޭންކަމެވެ.
* * * * *
ކާރުން ފައިބައިގެން އައިސް އެޕާޓްމެންޓް ހުންނަ އިމާރާތުގެ ލިފްޓަށް ލައިޒަލް އެރިއެވެ. އޭނާ ގެއަށް އަންނަ ކަމެއް އުޝާއަކަށް ނޭނގޭނޭއެވެ. އޭނާ ނަގާ ކޮންމެ ފިޔަވަޅެއްގެ ޚަބަރު އުޝާއަށް އެނގޭކަށް ވެސް ނުޖެހެއެވެ.
"ލައިޒަލް." ސޯފާގައި އޮވެފައި ތެދުވެ އުޝާ ގޮވާލީ ދޮރުން ލައިޒަލް ވަންތަން ފެނުމުންނެވެ. ތަޅު ހުޅުވާ އަޑު އިވުމުން ވެސް އޭނާ އޮތީ ލައިޒަލްކަން ޔަގީންކޮށްގެންނެވެ. (ނުނިމޭ)