ސުޕްރީމް ކޯޓް

ޒިނޭގެ މައްސަލަ ސާބިތުކުރަން ޑީއެންއޭ ބަލައިގަނެވޭނެ ކަމަށް ނިންމައިފި

ޒިނޭގެ ކުތް ސާބިތުކުރުމަށް ޑީއެންއޭ ހެއްކެތް ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ނިންމީ މުހައްމަދު ތައުފީގު ކިޔާ ފިރިހެނެއްގެ މައްޗަށް ދައުލަތުން ކުރި ޒިނޭގެ ކުށުގެ ދައުވާގެ މައްސަލައިގެ ނިންމުމުގަ އެވެ.

އޭނާގެ މައްޗަށް ދައުވާކުރީ ފާތުމަތު ޝަމީމާ ނަމަކަށް ކިޔާ އަންހެނަކު ވިހޭ ކުއްޖަކީ އޭނާ، މުހައްމަދު ތައުފީގާއެކު ޒިނޭކުރުމުގެ ސަބަބުން ލިބިފައިވާ ކުއްޖެއްކަމަށް ޝަމީމާ ބުނާތީއާއި އެ ކުއްޖާގެ ޑީއެންއޭ ތައުފީގުގެ ޑީއެންއޭ އާ ދިމާވާތީ އެވެ.

ޒިނޭގެ މި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ދައުވާކުރީ ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގަ އެވެ.

އެ ކޯޓުން ނިންމީ ޒިނޭކުރުމުގެ ދައުވާ މުހައްމަދު ތައުފީގުގެ މައްޗަށް ސާބިތު ނުވާ ކަމަށެވެ. އެއީ އިސްލާމީ ޝަރީއަތުގައި ޒިނޭކުރިކަން ޝަރީއަތަށް ސާބިތުކުރެވޭނީ ޒިނޭކުރި މީހާގެ އިއުތިރާފުން ނުވަތަ މަދުވެގެން ހަތަރު ފިރިހެނުންގެ ހެކިބަހުން ކަމަށްވާތީ ކަމަށް ނިންމުމުގައިވެ އެވެ.

ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މި ނިންމުން ދައުލަތުން އިސްތިއުނާފް ކުރި އެވެ. އެކަމަކު ހައިކޯޓުން ވެސް މައްސަލަ ނިންމީ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފަ އެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ޒިނޭގެ ކުށް ސާބިތުކުރުމަށް އިސްލާމީ ޝަރީއަތުގައި އޮތް މިންގަޑާއި ހަމަތަކާއި އެ ކުށަށް ކަނޑައެޅިފައިވާ އުގޫބާތް ކީރިތި ގުރުއާނާއި ސުންނަތުން ސާބިތުވާތީ، އިސްލާމީ ޝަރީއަތުގައި ޒިނޭކުރުމުގެ ކުށް ސާބިތުކުރުމަށް އޮތް މިންގަނޑާއި އުސޫލުތަކާއި ހަމަތަކުގެ ބޭރުން އެކުށް ސާބިތުކޮށް އުގޫބާތެއް ނުވަތަ އަދަބެއް ވިޔަސް ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނަކުން ކަނޑައެޅުން ހުއްދަވެގެން ނުވާ ކަމަށެވެ.

ހައި ކޯޓުން ދަށު ކޯޓުގެ ހުކުމަށް ތާއީދުކުރުމުން ދައުލަތުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފް ކޮށްފަ އެވެ. ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވައިފައިވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ސުޖޫން މުހައްމަދެވެ.

އެ މައްސަލައިގައި ހުކުމް ކުރައްވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ އެކަށީގެންވާ ފަދަ ގޮތުގައި ގަބޫލުކުރެވިދާނެ ފަދަ ގަރީނާ ނުވަތަ ގަރީނާތަކަކުން ކަމުގައި ވާނަމަ، ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ އެ މާއްދާގެ (ހ)ގެ އެއްވަނަ ނަންބަރުގައި ބަޔާން ކޮށްފައިވާ ޒިނޭގެ ކުށް ސާބިތުކުރަނީ، އެ ކުށް ކުރި މީހާގެ އިއުތިރާފު ނުވަތަ ހަތަރު ހެކީންގެ ހެކިބަހުން ނޫން ގޮތުގައި، ޑީއެންއޭ އާއި ހައްޔަރުގައި އިނުމުގެ ގަރީނާ ފަދަ އެކަށީގެންވާ ފަދަ ގޮތުގައި ގަބޫލުކުރެވިދާނެ ފަދަ ގަރީނާ ނުވަތަ ގަރީނާތަކަކުން ކަމުގައި ވާނަމަ، އެ ކުށަކީ، އެނޫން ހާލަތްތަކުގައި އެ ކުށް ދަރަޖަކުރެވޭ ނިސްބަތަށް ވުރެ އެއް ދަރަޖަ ތިރީގައިވާ ކުށެއް ކަމަށެވެ.

އެހެންކަމުން މި މާއްދާގައިވާ ގޮތުން ރާއްޖޭގައި ވެސް ޑީއެންއޭ ފަދަ ގަތުއީ ގަރީނާތަކުން ހައްދުގެ ކުށް ސާބިތުކުރެވޭނެ ކަން އެނގޭ ކަމަށް ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ފާހަގަކުރެއްވި އެވެ. އަދި މި މައްސަލައިގައި ދައުވާ ރައްދުވާ މީހާގެ މައްޗަށް ޒިނޭ ކުރިކަން ސާބިތުވާ ކަމަށް ވިދާޅުވިއެވެ.

ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ސުޖޫން މުހައްމަދު ވަނީ ތާއީދުކުރައްވާފަ އެވެ. އަދި ސުޕްރީމު ކޯޓުން ފާހަގަކުރި އުސޫލުތަކުގެ އަލީގައި، މި މައްސަލަ އަލުން ބެލުމަށް ރާއްޖޭގެ ހައިކޯޓަށް ތަހުވީލު ކުރުމަށް ވެސް ފަނޑިޔާރުން ވަނީ ނިންމަވާފަ އެވެ.