ވާހަކަ

ވީމޭ ކަލާޔާނުލާ

(22 އޮކްޓޫބަރ 2021އާ ގުޅޭ)

ޝަހުރުގެ ގާތަށް ދުވެފައި އައީ ކުޑަކުޑަ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާއަށް ބަލާފައި ހީވަނީ ގާތްގަނޑަކަށް 3 ވަރަކަށް އަހަރުގެ ކުއްޖެއްހެންނެވެ. އެ ކުއްޖާ އައި ގޮތަށް ޝަހުރުގެ އުނގަށް ޖެހިގަތެވެ. އެއީ ރާއްޖެއަށް ނިސްބަތްވާ ކުއްޖެއް ނޫންކަން ޔަޤީންނެވެ. ވާނުވާ ނޭނގިފައިވާ ޝަހުރު، އޭނާގެ ދެލޮލުން ކަރުނަތައް ފޮހެލުމަށްފަހުގައި އެކުއްޖާގެ ގައިގައި ހިފައިލިއެވެ. އެއާއެކު އެކުއްޖާ "ޑެޑީ" އޭ ކިޔާފައި ގޮވައިލީ ޝަހުރަށެވެ. ޝަހުރު ބައްޕައަކަށް ވީ ކަމުގެ އުފާވެރި ޚަބަރު އޭނާއަށް ދިނީ އޭނާ ނުވެސް ދަންނަ ކުޑަކުއްޖެކެވެ. އެއީ އިލާޙީ ނިންމުންތަކެވެ. ތަރުތީބުން އެކުވެފައިވާ ތަޤުދީރެވެ. ނަމަވެސް ހިތާމައަކީ އެ ޚަބަރަކީ އެއްވެސް މާނައެއް އޮތް ޚަބަރެއްކަން ޝަހުރަށް ނޭނގުނު ކަމެވެ. ޝަހުރު ޤަބޫލު ކުރާ ގޮތުގައި އޭނާއަށް ބައްޕާއޭ ކިޔައި ގޮވައިލާނެ ފުރާނައެއް އަދި ނެތެވެ. ވަރަށް ބޭނުން ވިޔަސް، އަދި އެ ނަސީބު އޭނާގެ ޙަޔާތުގައި އޮތްހެން ޝަހުރަށް އިޙްސާސެއް ނުވެއެވެ.

ޝަހުރަށް ސިހިފައި ބަލައިލެވުނީ، އޭނާގެ އުނގުގައި އިން ކުޑަ ފިރިހެން ކުއްޖާ މީހަކު ނެގިހެން ހީވެގެންނެވެ. ޙަޤީޤަތުގައި ވެސް މިވީ ކުޑަ ވަގުތުކޮޅުގެ ތެރޭގައި ނިކަން ބޮޑު ޚިޔާލަކަށް ޝަހުރު ގަންބުވާލައިފިއެވެ. އެއީ އެކުއްޖާގެ މަންމައެވެ. ރަކި ގޮތަކަށް ހީނލާފައި "ސޮރީ"އޭ ބުނެ އެކުއްޖާގެ މަންމަ އެެތަނުން ދިޔައެވެ. އަނެއްކާ ވެސް ޝަހުރުގެ ހިތަށް ވޭން އަޅަން ފެށިއެވެ. މުޅި މީހާގެ ސިކުނޑި އަނެއްކާ ވެސް އަނބުރައިލީ ޔޫހާގެ ޙާލަތު ހިތަށް އައުމުންނެވެ. ކިތަންމެ ވަރަކަށް ރުޔަސް ދެން ވާނެ އެއްވެސް ކަމެއް ނެތެވެ. ތަޤުދީރުގެ ނިޔާ ބަދަލެއް ނުކުރެވޭނެއެވެ. އެއީ މަތީ ފަރާތުން ނިންމި ގޮތެވެ. ޝަހުރަށް މިއަދު އެ ޙާލަތަށް ރުހުން ނޫން، އޭނާއަށް އޮތީ އިތުރު ކޮން ގޮތެއް ހެއްޔެވެ؟

މުޅިންް އައު ދުވަހަކަށް އިރު އެރީ ވެސް ހޮސްޕިޓަލުގެ އެ ގޮނޑީގައި ޝަހުރު އިންދައެވެ. އޭނާގެ މޫނުމަތީގައި އެއްވެސް ތާޒާ ކަމެއް ނެތެވެ. ލޯ ކައިރީގައި ވަނީ ކަރުނަ ހިކިފައެވެ. އެއްވެސް ވަރަކަށް އުފަލެއް މިއިން އެއްވެސް ދުވަހަކު ޝަހުރަށް ލިބިފައިވާހެން އޭނާއަށް ބަލާފައި ހީވެސް ނުވެއެވެ. ޝަހުރުގެ ދާދި ގާތުގައި އެވަގުތު އިން ޔާސިރުގެ ޙާލަކީ ވެސް ހަމަ އެއީ އެވެ. ބައްޕަ އަކަށް އަޅާ ވޭނާއި ހިތާމައަކީ މީހަކަށް ދުލުން ކިޔައިދެވެން ކުޅަދާނަ ވާނެ އިޙްސާސެއް ނޫން ކަން ކަށަވަރެވެ.

"އަހަރެން ވަރަށް ވިސްނައިފިން. މީ އަހަރެމެން ދެމީހުން އެންމެ ހިތްވަރު ކުރަންވީ ވަގުތު." ޔާސިރު ގޮސް އިށީންނީ ޝަހުރާ ޖެހިގެން އިން ގޮނޑީގައެވެ. އަދި މަޑުމަޑުން ހިފައިލީ ޝަހުރުގެ އަތުގައެވެ.

"އަހަރެންނަށް ވިސްނެނީ މިކަން ސިއްރު ކުރަން. އެކަމު އެއީ އަހަރެމެން ވަރަށް ހިތްވަރުކޮށްގެން ވާނެ ކަމެއް." ދެންވެސް ވާހަކަ ދެއްކީ ޔާސިރެވެ. އިސްދަށަށް ޖަހައިގެން އިން ޝަހުރު ބަލައިލީ ޔާސިރުގެ މޫނަށެވެ.

"އާނ ދަރިފުޅާ! އަހަރެމެން މިކަން ސިއްރު ކުރާނީ.. ހުސްނާ އަށް.. ރާދާއަށް ވެސް.. އަދި މުޅި ޢާއިލާއަށް. ޔޫހާއަށް ވެސް މިއިން އެއްވެސް ކަމެއް ނާންގާތި! މިކަން އެނގެއްޖިއްޔާ، ދުވަހަކުވެސް މި ޢާއިލާއަށް އުފަލެއް ނުލިބޭނެ. އަދި މި ލިބިފައިވާ ކުޑަ ހިނދުކޮޅު ކަރުނައިން ނިމިގެން ގޮސް، ހިނގައި ދާނެ." ޔާސިރު ދައްކަމުން ދިޔަ ވާހަކަތައް އެއްވެސް ވިސްނުމެއް ނެތި ޝަހުރު ދިޔައީ ޤަބޫލު ކުރަމުންނެވެ. ކަމުގެ ޙަޤީޤަތާ އެކުގައި މި ކުޑަ ވަގުތު ކޮޅުގައި ޢާއިލާއަށް އެއްވެސް އުފަލެއް ނެތް ކަން ޝަހުރަށް އެނގެއެވެ. ޔާސިރުގެ ވާހަކަތައް ޤަބޫލު ކުރިކަން އެންގުމުގެ ގޮތުން ޝަހުރު އާނއެކޭ ބުނާ ފަދަ ބީދައަކުން ބޯޖަހައިލިއެވެ. ހިތްވަރާ އެކުގައި ކުރިއަށް ދިޔުމަށް ހިތުގެ އެންމެ އަޑިން ވަރުގަދަ ޢަޒުމެއް ކަނޑައަޅަމުންނެވެ.

ލިވިޔާ ބާއްވާފައި އޮތް ހޮސްޕިޓަލުގެ ކޮޓަރީގެ ތެެރޭގައި ހާލިދާ އާއި މާހިރު ވެސް ތިއްބެވެ. އެމީހުންނާ އެކުގައި އެންމެ އުފާވެފައި ހުރީ ޔަޤީނުން ވެސް ޒަކްވާނެވެ. ޒަކްވާން ބަލާފައި ހީވަނީ އޭނާއަށް ދަރިއަކު ލިބިގެން އުޅޭހެންނެވެ. އެމޫނުމަތިން ރަމުޒު ވަމުން ދިޔަ އުފާވެރިކަމަކީ ކޮޅުނެތްކޮޅަށް ޒަކްވާނަށް ލިބިފައިވާ އުފަލެވެ. ހިތްހަމަޖެހުމެވެ. ދޭތެރެދޭތެރެއިން ނުހުރެވެން އައިސް ބޭބީ ބާއްވާފައި އޮންނަ އެނދުގެ ގާތުގައި ހުއްޓިލައިގެން ޒަކްވާން ހުންނާނެއެވެ. އިރުއިރުކޮޅާ އެ ތުއްތު ތުއްތު މަޑު ދެއަތުގައި ޒަކްވާން ފިރުމައިލާނެއެވެ. ހަމަ ލޯބި މަޑު ފުއްގަނޑެއް ކަހަލަ ތުއްތު ތުއްތު ފުރާނައެކެވެ. ދޮންދޮން ކުޑަކުޑަ މޫނަށް ބަލާ ބަލާ މީހަކު ފޫއްސެއް ނުވާނެކަން ޔަޤީންނެވެ.

"ހަމަ ކުޑަކުޑަ ދޮންބެ މީ.." އެންމެ ފަހުން ޒަކްވާނަށް ނުހުރެވެން ބުނެވުނެވެ. އެ އަޑު ކިތަންމެ ހާވެސް ރަނގަޅަށް ލިވިޔާގެ ކަންފަތުގައި ޖެހުނެވެ. ލިވިޔާގެ ތުންފަތުން ދުވެލީ ލުއި ހިނިތުންވުމެކެވެ. ލިވިޔާ އެއްވެސް އެއްޗެއް ނުބުނެ ހަމަ އޮތީއެވެ. ނަމަވެސް ލިވިޔާގެ މަންމަގެ އަނގަ މަޑަކުން ނޯއްތެވެ.

"ނޫނޭ! ކިތަންމެ ވައްތަރު ވިޔަސް.. ތީ ޝަހުރުގެ ދަރިއެއް ނޫން. އޭނަ އޮތީ ބައްޕަގެ ގުޅުން ކަނޑާފަ. އެހެންވީމަ ޒަކްވާން ތިހެން ނުބުނޭ!" ހާލިދާ ބުނެލިއެވެ.

"ނޫން! އެއްވެސް މީހަކަށް ލޭގެ ގުޅުމެއް ނުކެނޑެނޭ. އެއީ ވާނެ ކަމެއް ނޫން. ޝަހުރުގެ ލޭ ހިނގާނީ. އެ ޙަޤީޤަތް ބަދަލެއް ނުކުރެވޭނެ." ޒަކްވާން އެހެން ބުނެލަމުން ބަލައިލީ އެނދުގައި އޮތް ލިވިޔާއަށެވެ. ލިވިޔާ ހިނިތުންވެލީއެވެ. ޒަކްވާން އޭނާގެ ވަގުތުތައް ލިވިޔާއާ ބޭބީއާ އެކުގައި ވޭތު ކުރަމުން ދާއިރު، ޝަހުރު އުޅެމުންދާ ޙާލަތު އެއްވެސް ވަރަކަށް ޒަކްވާނަކަށް އަންދާޒާ ވެސް ކޮށްނުލެވެއެވެ. ޒަކްވާން ޤަބޫލުކޮށްގެން ހުރީ ޝަހުރު އުޅެމުން ދާނީ އުފަލުން ގެތިފައިވާ ފުރިހަމަ ދިރިއުޅުމެއްގަ ކަމަށެވެ.

****

7 ދުވަސް ވެގެން ލިވިޔާ އާއި ޝަހުރުގެ ދަރިއަށް ނަން ކިޔައިފިއެވެ. ނަމަކަށް ކީ ލިޔާން ބިން މުހައްމަދެވެ. އެ ނަމަކީ ލިވިޔާ ބޭނުން ވެގެން ކީ ނަމެކެވެ. އެއީ ލިވިޔާ ޝަހުރަށް ވެފައިވާ ވަޢުދެކެވެ. އެދެމީހުން ލޯބިން އުޅުނު ދުވަސްތަކުގައި އެމީހުން މާކުރިން ގެންދިޔައީ ދިރިއުޅުމުގެ ޕްލޭން ކުރަމުންނެވެ. އެގޮތުން ޝަހުރު ބޭނުންވީ އެމީހުންނަށް ލިބޭ ފުރަތަމަ ދަރިއަކީ ފިރިހެން ކުއްޖަކަށް ވެއްޖެ ނަމަ ލިޔާން ކިޔާށެވެ. އެކަމަށް ލިވިޔާ އެއްވެސް ދެކޮޅު ހެދުމެއް ނެތި އެއްބަސް ވިއެވެ. އެ ވަޢުދު އަދިވެސް ލިވިޔާގެ ހަނދާނުން ކައްސައެއް ނުލައެވެ. ލޯބިން ދެމީހުން ދެއްކި ހުރިހާ ވާހަކައެއް އިއްޔަ ދެއްކި ވާހަކަތަކެއް ފަދައިން ލިވިޔާގެ ހަނދާނުގައި އެބަހުއްޓެވެ. އެއީ ދުވަހަކުވެސް ލިވިޔާގެ ހިތުން ފިލައިގެން ނުދާނެ ވާހަކަތަކެކެވެ.

ލިޔާންގެ ގާތަށް ވަރަށް ގިނައިން ޖޭސްމީން އައިސް އުޅެއެވެ. އެގޮތަށް އައިސް އުޅޭއިރު، ޖޭސްމީން އާއި ޒަކްވާންގެ ގުޅުން ވެސް ދިޔައީ އިތުރު ވަމުންނެވެ. ނަމަވެސް ޖޭސްމީންގެ ހިތުގައި އަބަދުވެސް ޒަކްވާނަށް ލޯބި އޮތަސް، އެ އިޙްސާސެއް ކުޑަކޮށް ވެސް ޒަކްވާންގެ ހިތުގައެއް ނުހުރެއެވެ. ލިވިޔާގެ އެދުމަށް ޒަކްވާން އެ ގުޅުން ކުރިއަށް ގެންދަނީ އޭ ވެސް ބުނެވިދާނެއެވެ. ލިޔާން ލިބުނު ފަހުން، ޒަކްވާން މުޅީންހެން އުޅެނީ ލިވިޔާގެ ގޭގައެވެ. ބައެއް ރޭރޭ ނިދަނީ ވެސް އެގޭގައެވެ. ލިޔާން ދެކެ ޒަކްވާން ވަނީ އާދަޔާ ޚިލާފު ލޯތްބެކެވެ. ޒަކްވާންގެ ހަރަކާތްތަކުން ލިވިޔާއަށް އުފާވެރިކަން ގެނުވައެވެ. ލިޔާނަށް ބައްޕައެއް ނެތްކަމުގެ އިޙްސާސް ޒަކްވާން ނުކޮށްދޭނެ ކަމުގެ ޔަޤީންކަން އޭނާގެ ހަރަކާތްތަކުން ލިވިޔާއަށް ދިޔައީ ލިބެމުންނެވެ.

ޝަހުރާއި ޔާސިރު ތައްޔާރު ވަމުން ދިޔައީ އެނބުރި ރާއްޖެ ދިޔުމަށެވެ. ޔޫހާ ގޮވައިގެންނެވެ. ރާއްޖޭގައި ތިބި ދެފަރާތުގެ ޢާޢިލާއަށް ބޮޑެތި އޮޅުވާލުން ތަކެއް އޮޅުވައިލުމަށްފަހުގައެވެ. ޔޫހާގެ ޙާލަތުގެ ޙަޤީޤަތް ޔޫހާއަށް ވެސް އެދެމީހުން އޮޅުވައިލީއެވެ. ދޮގު ހެދީއެވެ. އެއީ އެތައް ސަބަބު ތަކަށް ޓަކައެވެ. ހުރިހާ ޙަޤީޤަތެއް، ހުރިހާ ސިއްރެއް އިންޑިއާގައި ވަޅުލުމަށްފަހު، އެޤައުމުން ނައްޓައިލަން އެމީހުން މިވަގުތު ތިބީ އިންޑިއާގެ ޓިރްވަންޑުރަމް އިންޓަރނޭޝަލް އެއާރޕޯޓުގައެވެ.

"އިރާދަކުރެއްވީތީ ހުރިހާ ކަމެއް ވެސް މިއޮތީ ރަނގަޅުވެފަ.." ޔާސިރު ފިރުމައިލީ ޔޫހާގެ ކޮނޑުގައެވެ. އަދި ހިނިތުންވެލީ ގަދަކަމުންނެވެ. ޔޫހާ ހީނލަމުން ބަލައިލީ ޝަހުރަށެވެ. އެވަގުތަކީ ޝަހުރަށް ކެތްނުވެގެން އޭނާގެ ލޮލުން ކަރުނަ ފައިބައިގަތް ވަގުތެވެ. ޔޫހާގެ ދެލޯ ބޮޑުވިއެވެ. ހައިރާން ވިއެވެ. ޝަހުރުގެ ލޮލުން ފޭބި ކަރުނަތަކަށް ޔޫހާ ބަލައިލީ ޝައްކުގެ ނަޒަރަކުންނެވެ. (ނުނިމޭ)