މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމާއި އޭނާގެ މިހާރުގެ އަނބިކަނބަލުން ޝަޖާން މުއާޒަށް މަގުމަތިން ބިރުދެއްކި މީހުންގެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު ދައުވާ ކުރަން ފޮނުވައިފި އެވެ.
ފުލުހުން މިއަދު އަވަސް އަށް ބުނީ އެ މައްސަލައިގައި މިމަހުގެ ތިން ވަނަ ދުވަހު ދެ މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި ހައިތަމް އާއި އޭނާގެ އަނބިކަނބަލުންނަށް ބިރުދައްކައި ފުރައްސާރަ ކުރި މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވަނީ ހައިތަމްގެ ކުރީގެ އަނބިކަނބަލުން ނަޖުމާ މޫސާ އާއި އޭނާގެ އަންހެން ދަރިފުޅަށެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޖޫން މަހުގެ ފަސްވަނަ ދުވަހުގެ ރެ އެވެ.
މަގުމަތިން އެމީހުންނާ ދިމާކޮށް އިންޒާރުދީ ހަޑިހުތުރު ބަސްތަކުން އަޑުގަދަކުރުމުގެ ސަބަބުން ޝަޖާންއަށް ޝޮކެއް ޖެހި އެރޭ ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ވެސް ދީފަ އެވެ. ޝަޖާން އެވަގުތު އިންނެވީ އެއްމާބަނޑު ދެ ކުދިންނަށް އާލާސްވެ އެވެ.
މައްސަލައާއި ގުޅިގެން މީގެ ކުރިން ހައިތަމް ވިދާޅުވެފައިވަނީ އެއީ މީހުންނާ ދިމާކޮށް ބިރު ދެއްކި ފުރަތަމަ ފަހަރު ނޫން ކަމަށެވެ. އޭގެ ކުރިން ވެސް މަގުމަތިން ފެނުމުން ފުރައްސާރަކޮށް ހަޑިހުރު ބަސްތަކުން މުއާމަލާތް ކޮށްފައިވާ ކަމަށެވެ.