އަހުމަދު ހައިތަމް

ޝަޖާންގެ ދުލުން: ކުދިން ސަލާމަތްވީ ހަމަ ކިރިޔާ

Oct 25, 2021

ބިރުދެއްކުމުގެ ސަބަބުން ދަރިންގެ ފުރާނައަށް ނުރައްކާވި ކަމަށާއި ފުލުހުންނަށް މައްސަލަ ހުށަހެޅީ ދަރިންނަށްޓަކައި ކަމަށް މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމްގެ އަނބިކަނބަލުން ޝަޖާން މުއާޒް ވިދާޅުވެއްޖެ އެވެ.

ހައިތަމްއާއި ޝަޖާން އަށް މަގުމަތިން ދިމާކޮށް ބިރުދައްކާފައިވަނީ މިދިޔަ ޖޫން މަހު އެވެ. އެކަން ކުރި ކަމަށް ބުނަނީ ހައިތަމްގެ ކުރީގެ އަންހެނުން ނަޖުމާ މޫސާ އާއި އޭނާގެ އަންހެން ދަރިފުޅު ފާތުމަތު ދިފްލާ އެވެ.

އޭރު ޝަޖާން އިންނެވީ އެއްމާބަނޑު ދެކުދިންނަށް އާލާސްވެ އެވެ. އެ ހާދިސާއަށްފަހު ޝަޖާންގެ ހާލު ދެރަވުމާއި އަދި ބަނޑުގައި އޮތް ދެ ދަރިންނަށް އެކަމުގެ ސަބަބުން ދިމާވި މައްސަލަތައް ޝަޖާން މިއަދު ފުރަތަމަ ފަހަރަށް ޓްވީޓާގައި ވަނީ ހިއްސާކުރައްވާފަ އެވެ.

ޝަޖާން ވިދާޅުވީ އޭނާގެ ބަނޑުގައި ފައިން ޖެހި ކަމަށް ދައްކާ ވާހަކަތަކަކީ ދޮގެއް ކަމަށެވެ. ނަމަވެސް އޭނާގެ ބަނޑުގައި ޖަހަން މަސައްކަތްކުރި ކަމަށެވެ.

"އަހަރެން އަދިވެސް ހަނދާން އެބަހުރި [އޭނާ]ގެ ހީލް އަހަރެންގެ ބަނޑާ ދިމާލަށް އައި ވަގުތު ހައިތަމް އަހަރެން ފަހަތަށް ދަމައިގަތީ،" ޝަޖާން ވިދާޅުވި އެވެ.

ހާދިސާ ހިނގި ރޭ ހާލު ދެރަވެގެން ޝަޖާންއަށް ހޮސްޕިޓަލުގައި ފަރުވާ ވެސް ދިނެވެ. ޝަޖާން މިއަދު ވިދާޅުވީ ކޮންމެ ވަގުތެއްގައި ވެސް ސިޒޭރިއަން ހަދަން ޖެހިދާނެ ކަމަށް ޑޮކްޓަރުން އެރޭ ބުނި ކަމަށެވެ.

އެ ހާލުގައި ކުދިންނަށް ކަމެއް ވެދާނެ ކަމަށް ބަލައި ވަރަށް ބޮޑު ރިސްކެއް ނަގައިގެން ސްރީލަންކާ އަށް ފްރައިގެން ދިޔަ ކަމަށްވެސް ވިދާޅުވި އެވެ. ދެ ކުދިން ވިހޭ އިރު ވަރަށް ހާލު ދެރަވި ކަމަށާއި އެތަނުން އެއްކުއްޖަކު ސަލާމަތްވީ ހަމަ ކިރިޔާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. ހޮސްޕިޓަލުގައި ކުދިންނަށް ފަރުވާދެމުންދިޔަ ފޮޓޯ ހިމެނޭ ވީޑިއޯއެއް ހިއްސާކޮށް ޝަޖާން ވިދާޅުވީ އެ ކުއްޖާގެ ހިތުގައި ލޯވަޅެއް ވެސް ހެދިފައިވާ ކަމަށެވެ. ނަމަވެސް ކުއްޖާ ބޮޑުވާ ވަރަކަށް އެ ލޯވަޅު ބެދޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވާ ކަމަށެވެ.

ފުލުހުންނަށް މައްސަލަ ހުށަހެޅި ފަހުން ނަޖުމާ އާއި ދިފްލާގެ ފަރާތުން މައްސަލަ އަނބުރާ ގެނައުމަށް އެދި ބިރުދައްކާފައިވާ ކަމަށް ވެސް ޝަޖާން ވިދާޅުވެފައިވެ އެވެ. އެ ގޭގެ ސީސީޓީވީ ކެމެރާތަކާއި ކުޅެން ވެސް އެމީހުންގެ ފައިސާ އާއި ސިޔާސީ ބާރުވެރިކަން ބޭނުންކޮށްގެން މަސައްކަތްކުރި ކަމަށާއި، ނަމަވެސް އެފަދަ ކަންކަމަކީ ފައިސާ އާއި ސިޔާސީ ނުފޫޒުން ހައްލު ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

"މިއީ އާދައިގެ ތްރެޓެއް ނޫން. މީގެ ސަބަބުން [އަހަރެންގެ] ދަރިންގެ ފުރާނައަށް ނުރައްކާވި. އެހެންވީމާ [އަހަރެން] މި މައްސަލައެއް އަނބުރާ ނުގެންނާނަން. ފުލުހުން ޕީޖީއަށް މައްސަލަ ފޮނުވާފައި މިވަނީ ތިން މަސް ދުވަހު ތަހުގީގު ކުރުމަށްފަހު،" ޝަޖާން ވިދާޅުވި އެވެ.

މި މައްސަލައިގައި ނަޖުމާ އާއި ދިފްލާ އަށް ދައުވާކޮށްދިނުމަށް އެދި ފުލުހުންގެ އިދާރާއިން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިމަހުގެ ތިން ވަނަ ދުވަހު އެވެ. ޕީޖީ އޮފީހުން މިއަދު އަވަސް އަށް މައުލޫމާތު ދިން ގޮތުގައި ދައުވާކުރަން ފޮނުވި ދެ މީހުންގެ ތެރެއިން އެކަކަށް ދައުވާ އުފުލައި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ވަބީ ފޮނުވާފަ އެވެ. ނަމަވެސް މައްސަލައިގެ ބާވަތުން އިތުރު ތަފްސީލް ދެވެން ނެތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޖީ އޮފީހުން ދައުވާ ކޮށްފައި ވަނީ ހައިތަމްގެ ކުރީގެ ދޮން ދަރި، ދިފްލާ އަށެވެ.