ދައުލަތުގެ ބަޖެޓް

އަންނަ އާދިއްތަ ދުވަހު ބަޖެޓު ހުށަހަޅަނީ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް އަންނަ އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން ނިންމާފައިވަނީ އަންނަ އަހަރަށް 37 ބިލިއަން ރުފިޔާގެ ބަޖެޓަށް ހުށަހެޅުމަށެވެ. މި އަހަރަށް ސަރުކާރުން ކަނޑައެޅީ 34.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އަންނަ އަހަރު ވެސް އެންމެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް ލަފާކުރެވެނީ މުވައްޒަފުންނަށް ހިންގާ ހަރަދާއި އޮފީސް ހިންގުމަށް ހިނގާނެ ހަރަދު ތަކަށެވެ.

އަންނަ އަހަރު މުވައްޒަފުންގެ މުސާރަތައް ހާމަނައިޒްކޮށް ނުވަތަ ހަމަހަމަ ކުރަން އަޅާ ފިޔަވަޅުތަކާއެކު 1.2 ބިލިއަން ރުފިޔާ އަދި ސޯޝަލް ހައުސިން މަޝްރޫ އަށް 1.5 ބިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެ އެވެ. އަދި މިނިވަމް ވޭޖާއެކު ބައެއް މުވައްޒަފުންގެ މުސާރައަށް އަންނަ ބަދަލާއެކު ބަޖެޓުން އިތުރަށް 500 މިލިއަނެއްހާ ރުފިޔާ ހޭދަ ކުރަން ޖެހޭނެ އެވެ.

ދައުލަތަށް އަންނަ އަހަރު 23.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ކުރިން ވިދާޅުވެފައިވެ އެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭ 14.7 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތުގައި ލިބޭ 5.3 ބިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ 2.2 ބިލިއަން ރުފިޔާ އާއި އާމްދަނީ ހޯދުމަށް އަލަށް ތައާރަފްކުރާ ކަންކަމުން ލިބޭނެ ކަމަށް ލަފާކުރާ 1.3 ބިލިއަން ރުފިޔާ ވެސް ހިމެނެ އެވެ.

އަންނަ އަހަރުގެ ދައުލަތުގެ ދަރަނި 10.2 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ. އެކަމަކު ދައުލަތުގެ ދަރަނި ކުޑަކުރުމަށްޓަކައި މުހިއްމު ސިޔާސަތުތަކެއް ކަނޑައަޅައި މާލީ ހާލަތު އެއްހަމައެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.