ރައީސް މުހައްމަދު ނަޝީދު

ނަޝީދު މާމިގިއްޔަށް ވަޑައިގެން ގާސިމާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުއްލި ގޮތަކަށް އދ. މާމިގިއްޔަށް ވަޑައިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ބައްދަލުކުރައްވައިފި އެވެ.

ރައީސް ނަޝީދު މާމިގިއްޔަށް ވަޑައިގަތީ މިއަދު މެންދުރުފަހު އެވެ. އެމަނިކުފާނުގެ އަރިހުގައި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒުއާއި، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްގެ އިތުރުން އެމްޑީޕީގެ ޕީޖީ ގުރޫޕް ލީޑަރު އަލީ އާޒިމު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މާމިގިލި އިންޓަނޭޝަނަލް އެއާޕޯޓްގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ މާމިގިއްޔަށް ރައީސް ނަޝީދު ވަޑައިގަންނަވާ ކަން ކުރިން އެނގިފައި ނުވާ ކަމަށެވެ. ނަމަވެސް ހާއްސަ ބޭފުޅަކު ވަޑައިގަންނަވާތީ ރަތް ދޫލައިން މަރުހަބާ ދެންނެވުމަށް ގާސިމް އިބްރާހީމްގެ ފަރާތްޕުޅުން އިސް ބޭފުޅަކު މުވައްޒަފުންނަށް އެންގެވި ކަމަށެވެ.

ގާސިމް އިބްރާހީމްގެ އެއާލައިން، ވިލާ އެއާ އިން އޮޕަރޭޓް ކުރާ ފްލައިމީގެ ބޯޓެއްގައި ރައީސް ނަޝީދު މާމިގިއްޔަށް ވަޑައިގަތުމުން ގާސިމް އިބްރާހީމް ވަނީ އެއާޕޯޓުން ރަތްދޫލައިން އެމަނިކުފާނަށް މަރުހަބާ ދަންނަވާފަ އެވެ.

ރައީސް ނަޝީދާއި ގާސިމް އިބްރާހީމް ބައްދަލުކުރެއްވި ނަމަވެސް އެ ބައްދަލުވުމާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. ނަމަވެސް ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަދި މިސަރުކާރުގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ނަޝީދު މާމިގިއްޔަށް ވަޑައިގެންނެވި ވީޑިއޯ ހިއްސާކުރައްވާފަ އެވެ. އެކަމަކު އަލީ ސޯލިހުގެ ޓްވީޓުގައި ވެސް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

ރައީސް ނަޝީދު މާމިގިއްޔަށް ވަޑައިގެން އެ ރަށުގައި މާގިނައިރު މަޑުނުކުރައްވާ، ގާސިމް އިބްރާހީމާ އެކު ވަޑައިގެންނެވީ ގާސިމްގެ ސަން އައިލެންޑް ރިސޯޓަށެވެ. ދެ ބޭފުޅުން އެކުގައި ވަނީ އެ ރަށުގައި މެންދުރުގެ ފަރިއްކޮޅު ވެސް ކުރިއަށް ގެންދަވާފަ އެވެ.

ރައީސް ނަޝީދަށް މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދެވުނު ބޮމުގެ ހަމަލާ އަށް ފަހު ރާއްޖެއިން ބޭރުން އިތުރު ފަރުވާ ހޯއްދެވުމަށްފަހު އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ މިމަހުގެ 11 ވަނަ ދުވަހު އެވެ. މިއީ ރާއްޖެ ވަޑައިގެންނެވި ފަހުން އެމަނިކުފާނު އަތޮޅު ތެރޭގައި މީހުން ދިރިއުޅޭ ރަށަކަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ރައީސް ނަޝީދު ގެންދަަވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމަށް މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެ މަސައްކަތުގައި ގާސިމް އިބްރާހީމާ ބައްދަލުކުރައްވާ މަޝްވަރާ ކުރެއްވުމަށް އެމަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށް އަރިސް ބައެއް ބޭފުޅުން ކުރިން ވިދާޅުވެފައިވެ އެވެ. އެކަމަކު މިއަދުގެ ބައްދަލުވުމަކީ ސީދާ ކޮން ބޭނުމެއްގައި ބޭއްވި ބައްދަލުވުމެއް ކަމެއް އެނގިފައެއް ނުވެ އެވެ. އަދި ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާނެ ކަމަށް ގާސިމް އިބްރާހީމް ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދު މިއަދު މާމިގިއްޔަށް ވަޑައިގަތުމުގެ ކުރިން އެމަނިކުފާނު ވަނީ މަޖިލީހުގައި ހިމެނޭ އިދިކޮޅު މެންބަރުންނާ ވެސް ބައްދަލުކުރައްވާ ގާނޫނުއަސާސީ އިސްލާހު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމުން ނޫނީ ސިޔާސީ ގޮތުން އެއްވެސް މަޝްވަރާއެއް ކުރަން ބޭނުން ނުވާ ކަމަށް އިދިކޮޅު މެންބަރުން ވިދާޅުވުމާ ގުޅިގެން އެ ބައްދަލުވުން ކުރިއަށްދާ ގޮތެއް ނުވި އެވެ.