ރާއްޖެއަށް މިހާރު 30 އަށް ވުރެ ގިނަ އެއާލައިން ދަތުރު ކުރަމުން ގެންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާރު ރާއްޖެއަށް 33 އެއާލައިނުން އަންނަނީ ދަތުރު ކުރަމުންނެވެ. މީގެތެރެއިން އެންމެ ގިނައިން ޓޫރިސްޓުން ގެންނަ އެއާލައިން އަކީ އެމިރޭޓްސް އާއި ގަތަރު އެއާވޭސް އެވެ.
ޓޫރިޒަމްގެ އެންމެ ޕީކް ސިޒަން ކުރިއަށް އޮތްއިރު މިހާރުގެ އަންދާޒާ އަކީ މި އަހަރުގެ ބާކީ އޮތް ދެ މަސް ތެރޭ އިތުރު އާ އެއާލައިނެއްގެ ދަތުރު ފެށުމެވެ. އެންމެ ފަހުން ރާއްޖެއަށް ދަތުރު ފަށާފައިވަނީ ރާއްޖޭގެ އެންމެ ދުވަސްވީ އެއް މާކެޓު ކަމަށްވާ އިޓަލީވިލާތުންނެވެ.
ސަރުކާރުން ވަނީ މި އަހަރު ނިމުމުގެ ކުރިން 1.5 މިލިއަން ޓޫރިސްޓުން ގެނައުމުގެ ލަނޑުދަނޑިއެއް ކަނޑައަޅާފަ އެވެ. ނަމަވެސް ކޮވިޑުގެ ހާލަތަށް ބަލައި މި އަމާޒު ރިވިއު ކުރުމަށްފަހު މިހާރު ވަނީ މި އަހަރު އެއް މިލިއަން ޓޫރިސްޓުން ހަމަވާނެ ކަމަށް އަންދާޒާކޮށްފަ އެވެ.
ރާއްޖެ އަންނަ އެއާލައިންތައް އިތުރުވެފައިވާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ތޮއްޖެހުން ވަނީ ބޮޑުވެފަ އެވެ. އަދި އެމްއޭސީއެލް އިން ދަނީ މިކަން ހައްލު ކުރަން މަސައްކަތް ކުރަމުންނެވެ.