އީރާން ނިއުކްލިއާ އެއްބަސްވުމާ ބެހޭ ގޮތުން ޔޫރަޕިއަން ޔޫނިއަންގެ އެންރިކޭ މޯރާއާ އެކު ދެވަނަ ބައްދަލުވުމެއް މިމަހު ބާއްވާނެ ކަމަށް ނިއުކްލިއާ މަޝްވަރާތަކުގައި އީރާނުން އެންމެ އިސްކޮށް މަޝްވަރާކުރައްވާ އަލީ ބާގިރީ ކާނީ ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް 2018 ގައި ނިއުކްލިއާ އެއްބަސްވުން ވަނީ އުވާލައްވާފަ އެވެ. އަދި އީރާނަށް އިގްތިސޯދީ ގޮތުން ހަރުކަށި ފިޔަވަޅުތައް ވަނީ އަޅުއްވާފަ އެވެ. އެހެންނަމަވެސް މިއަހަރު އޭޕްރީލްގައި ދުނިޔޭގެ ބާރުތަކުން ނިއުކްލިއާ އެއްބަސްވުން އިއާދަ ކުރުމާ ގުޅޭ ގޮތުން އީރާނާ އެކު ވަނީ މަޝްވަރާތައް އަލުން ފަށާފަ އެވެ.
އީރާނުން ނިއުކްލިއާ މަޝްވަރާތައް މެދުކަނޑާލީ މިދިޔަ ޖޫން މަހު އީރާނުގައި ބޭއްވި ރިޔާސީ އިންތިޚާބަށެވެ. އީރާނުން އެއިރު ބުނީ މަޝްވަރާތައް އަލުން ފަށާނީ އިބްރާހިމް ރައީސީ މަގާމާ ހަވާލުވެ ވަޑައިގަތުމުން ކަމަށެވެ.
ނިއުކްލިއާ އެއްބަސްވުމުގައި ކަނޑައަޅާފައިވާ މިންވަރަށް ވުރެ އެތައް ގުނައެއް އިތުރަށް އީރާނުން ވަނީ ޔުރޭނިއަމް މުއްސަނދި ކޮށްފަ އެވެ.
އީރާނުން ބުނަނީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިނުދެނީސް މަޝްވަރާ ކުރެވެން ނެތް ކަމަށެވެ. އެހެންނަމަވެސް ހުޅަނގާއި ވިލާތުން ބުނާ ގޮތުން މަޝްވަރާތަކަށް ވަގުތު އޮތީ ކުޑަތަންވެފަ އެވެ. އެހެންކަމުން އަލުން މަޝްވަރާތައް ފެށުން ނޫން ގޮތެއް އީރާނަކަށް ނެތެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް އަލުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާ ގުޅިގެން ތެހެރާނުން ވަނީ މުއްސަނދި ކޮށްފައި ހުރި ޔުރޭނިއަމްގެ ސްޓޮކްތައް އަލުން މަސައްކަތްތަކަށް ނެރެފަ އެވެ.