ދުނިޔެ

"ހިފަހައްޓާފައި ހުރި މުދަލުން އީޔޫއަށް ކުރެވިދާނެ ކަމެއް އެބަ އޮތް"

އީރާން އަސްކަރިއްޔާގެ ވެރިޔާ މުހައްމަދު ބަޣޭރީ، ބުރަސެލްސްއަށް -- ޔޫރަޕިއަން ޔޫނިއަން ނަސޭހަތެއް ދެއްވައިފި އެވެ.

އެނާ ވިދާޅުވީ ދުނިޔޭގެ އެއްވެސް ތަނެއްގައި އޭނާގެ މުދަލެއް ހުރިކަން ޔޫރަޕްގެ ވެރިންނަށް އެނގިއްޖެނަމަ އެއިން ރަނގަޅު ބޭނުމެއް ޔޫރަޕަށް ހިފިދާނެ ކަމަށެވެ.

ޔުކްރޭނަށް ހަމަލާ ދިނުމަށް ރަޝިއާއަށް ޑްރޯން ވިއްކާ މައްސަލާގައި ޔޫރަޕިއަން ޔޫނިއަނުން އޮތީ އީރާނާ ދެކޮޅަށް ދަތިކޮށްފަ އެވެ. އަދި އެވަރުން ނުފުދިގެން ވަކިވަކި ފަރުދުންނަށް އަމާޒުކޮށް ސަރުކާރުގެ ވެރިންނަށް ވެސް އޮތީ ދަތިކޮށްފަ އެވެ. އެ ލިސްޓްގައި ބަޣޭރީގެ ނަން ވެސް އޮތީ ހިމަނާފަ އެވެ.

ބަޣޭރީ ވިދާޅުވި ގޮތުގައި ޔޫރަޕިއަން ޔޫނިއަންގެ ބާރުގެ ދަށުގައި އޭނާގެ މުދަލެއް ހުރި ނަމަ އިންސާނިއްޔަތަށްޓަކައި އެ މުދަލެއް ދޫކޮށްލައްވާ ކަމަށެވެ. އަދި ދުނިޔޭގެ ބޭންކެއްގައި މުހައްމަދު ހުސައިން ބަޣޭރީގެ އެއްވެސް ފައިސާއެއް ހުރި ނަމަ އެ ފައިސާއެއް ބޭނުންކުރުމުގެ އިޚުތިޔާޜު ވެސް ޔޫރަޕަށް ދޫކޮށްލައްވާ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ އެ ފައިސާއަށް ކުރަންޖެހޭ ކަމަކީ ޔޫރަޕަށް ފިނި މޫސުން ލައިގަންނަން ވާއިރަށް ބޯޓުދެލި ގަނެ އާންމުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އެ ނޫން ގޮތެއްގައި ބޯމަތީގައި މިހާރު އޮތް ފިނި މޫސުން ޔޫރަޕަށް ވޭންގަދަ ދުވަސްތަކަށް ވެދާނެ ކަމަށެވެ.

ބަޣޭރީ ވިދާޅުވި ގޮތުގައި އޭނާއާ ދެކޮޅަށް ޔޫރަޕާއި އެމެރިކާއިން ދަތިކުރަނީ ކީއްވެތޯ ސުވާލު ނުކުރައްވާނެ އެވެ. އެއީ އެނގެން ބޭނުންވާ ސަބަބެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

އީރާންގެ އަތްފައި ބަނދެ ދަތިކޮށްފައި އޮންނަތާ ގަރުނެއް ހަމަވާން ކައިރިވަނީ ކަމަށް ވިދާޅުވެ ބަޣޭރީ ވިދާޅުވީ ހުޅަނގުން ހީކުރީ އެމީހުން ގާތަށް ސަލާންޖަހަން އީރާން ދާނެ ކަމަށެވެ.

ހުޅަނގުން އީރާނާ މެދު ހަސަދަވެރިވާއިރު ބޯޑަރުގެ ރައްކާތެރިކަމަށް ދަމާލާނެ ކަށިނަރުކޮޅެއް އީރާނަށް ވިއްކާނެ ބަޔަކު އެއިރު ނުވި ކަމަަށް ބަޣޭރީ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެ މީހުން މިހާރު ތިބީ އީރާންގެ އަސްކަރީ އާލާތްތައް ގަންނަން ކިޔޫގައި ކަމަށެވެ.

ބަޣޭރީ ވިދާޅުވީ އެމެރިކާގެ ފަހަތުގައި އޮންނަހާ ހިނދަކު ހަމަ ވިސްނުން ނުވިސްނޭނެ ކަމަށާއި ދެވޭ ނުދެވޭ ތަނެއް ވެސް ޔޫރަޕަށް ނޭނގޭނެ ކަމަށެވެ.

ޔޫރަޕަށް ޖެހިފައި އޮތް ހާލަތަށް މިސާލު ޖައްސަވައި އޭނާ ވިދާޅުވީ ޔޫރަޕްގެ މިސާލަކީ ފެނުން ގެއްލިފައި ހުރި މީހެއްގެ އިނގިލި ކުރީގައި ހިފައިގެން ހިނގާ ފެނުން ގެއްލިފައި ހުރި މީހެއްގެ މިސާލު ކަމަށެވެ.