އީރާންގެ ނިއުކްލިއާ މަޝްވަރާތައް މިވަގުތު އޮތީ ސައިވެފައި ކަމަށް ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތާ ބެހޭ ސަފީރު، ޖޯސެފް ބޮރެލް ވިދާޅުވެއްޖެ އެވެ.
ބޮރެލް ވިދާޅުވީ އެމެރިކާގެ ސިޔާސީ މަސްރަހު މިހާރު އޮތް ގޮތުންނާއި ދެކޮޅު ނުޖެހި ހުރި ސިޔާސަތުތަކުގެ ސަބަބުން ނިއުކްލިއާ ޑީލް ކޮޅެއްގައި ނުޖެހި ސައިފެވައި އޮންނާނީ ކަމަށެވެ.
އޭއެފްޕީއަށް ބޮރެލް ވިދާޅުވީ އިރާނާ އެކު ނިއުކްލި އެއްބަސްވުމަކަށް ދިއުމަށް މަޝްވަރާ ކުރެއްވިޖެ ކަމަށާއި ދެން އޮތީ ބަޔަކަށް ފެންނަ ގޮތް ސިޔާސަތަށް ބަދަލުކުރުން ކަމަށެވެ.
އެމެރިކާ އާއި ދުނިޔޭގެ ބާރުތަކުން އިރާނާ އެކު ނިއުކްލިއާ އެއްބަސްވުމަކަށް ދާން ބޭނުންވަނީ އީރާން ނިއުކްލިއާ ބޮމެއް އުފައްދަން ކުރާ މަސައްކަތްތައް ފޭލިކޮށްލުމަށެވެ.
އީރާނުން ނިއުކްލިއާ މާއްދާތައް މުއްސަނިދުކުރުން ހުއްޓާލައިފި ނަމަ އެމެރިކާ އާއި ޔޫރަޕުން އީރާނާ ދެކޮޅަށް އަޅާފައި ހުރި ދަތިކުރުންތައް ވެސް އުވާލާނެ ކަމަށް ހުޅަނގުން ބުނެ އެވެ.
އެހެން ނަމަވެސް ނިއުކްލިއާ އެއްބަސްވުން މިހާރު އޮތް ގޮތުން އެއްބަސްވުމާ މެދު ކަންބޮޑުވާ ކަމަށް އީރާން އޮތީ ބުނެފަ އެވެ.
ޖޯސެފް ބޮރެލް އަކީ ނިއުކްލިއާ އެއްބަސްވުމެއް އެކުލަވާލުމަށް އީރާންއާ ހުޅަނގާ ދެމެދު މެދުވެެރިއެއްގެ ދައުރު އަދާކުރެއްވި ސަފީރެކެވެ.
އީރާންއާ އެކު 2015 ގައި އެމެރިކާ ހަދާފައި އޮތް ނިއުކްލިއާ އެއްބަސްވުން 2018 ގައި ޓްރަމްޕް ސަރުކާރުން އުވާލުމާ ގުޅިގެން އީރާނުން ވަނީ ނިއުކްލިއާ މާއްދާތައް މުއްސަނދިކުރުން އިހުނަށް ވުރެ އިތުރުކޮށްފަ އެެވެ.
ޔޫރޭނިއަމް މުއްސަނދި ކުރުން އިތުރުކޮށް އަދި އިންޓަނޭޝަލަ އެޓޮމިކް އެނާޖީ އޭޖެންސީން (އައިއޭއީއޭ) އީރާންގެ ނިއުކްލިއާ މަރުކަޒުތަކުގައި ހަރުކޮށްފައި ހުރި ކެމެރާތައް ވެސް ވަނީ ނިންވާލާފަ އެވެ.
އީރާނުން ބުނާ ގޮތުން އެއްބަސްވުމެއް ނެތް ހާލަތުގައި އީރާން ބޭނުން ގޮތަކަށް ނިއުކްލިއާ މަސައްކަތްތައް ކުރެވިދާނެ އެވެ. އަދި އައިއޭއީއޭ އަށް އެއްބާރުލުން ދިނުމާއި ނުދިނުން އެއީ އީރާންގެ މަސްލަހަތުގައި އޮތް ކަމެއް ކަމަށްވެސް ވަނީ ބުނެފަ އެވެ.
ނިއުކްލިއާ އެއްބަސްވުމެއްގައި ސޮއިކޮށްފިނަަމަ އުސޫލުތަކުގައި ދެމިއޮންނާނެ ކަމަށް ވެސް އީރާން ބުނެ އެވެ. އެކަމު އީރާން އަށް ގެއްލުންވާ ގޮތަށް އެއްބަސްވުމެއް ގާއިމުނުކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.