ލައިފްސްޓައިލް

ނަޒްމާ: ޕައިލެޓަކަށް ވާން ބޭނުންވި ޑޮކްޓަރު!

  • ބައްޕަގެ ހުވަފެން ހަގީގަތަކަށް ހަދައިދީފި
  • އެންމެ ބޮޑު ޝުކުރެއް ފިރިމީހާއަށް
  • އަޒުމަކީ އިންސާނިއްޔަތަށް ހިދުމަތް ކުރުމުގައި ދެމިހުރުން

އެންމެ ކުޑައިރު ވެސް އޭނާ "އުދުހެން" ބޭނުންވި އެވެ. ހުވަފެނަނީ ޕައިލެޓަކަށް ވުމެވެ. އެކަމަކު އެ ހިޔާލު ދޫކޮށްލީ ބައްޕައަށްޓަކަ އެވެ. ބައްޕަގެ ހުވަފެނުގައި ހަގީގީ ކުލަ ޖެއްސުމަށެވެ. ބައްޕަގެ ބަސް އަހާ، ދަރިއެއްކަން ސާބިތުކޮށް ދިނުމަށެވެ. އެ އަޒުމުގައި ނުކުމެ، ކާމިޔާބު ހޯދިއްޖެކަން މި އޮތީ ސާބިތުކޮށްދީފަ އެވެ. މިހާރު މިއީ އެތައް ބައެއްގެ ލޯބި ހޯދާފައިވާ ޑޮކްޓަރެކެވެ. މިއީ އޭޑީކޭ ހޮސްޕިޓަލްގެ އަންހެނުންގެ ބަލިތަކަށް ހާއްސަ، ޑރ. ނަޒްމާ ހަމީދެވެ.

"އެންމެ ފުރަތަމަ ވާން ބޭނުންވީ ޕައިލެޓަކަށް. އެކަމަކު ބައްޕަގެ އަބަދުގެ ވެސް ޑްރީމެއް އަޅުގަނޑު ޑޮކްޓަރަށް ހެދުމަކީ. ބައްޕަ ބުނާ ގޮތުން ކިތަންމެ ދުވަހެއް ވިއަސް ޑޮކްޓަރެއްނަމަ މަސައްކަތް ކުރެވޭނެ. އެކަމަކު ޕައިލެޓަކަށް ވެއްޖިއްޔާ އަންހެން ކުދިންނަށް ވަކި ހިސާބަކުން ވޯކެއް ނުކުރެވޭނެ. އެހެންވެ ޑޮކްޓަރަށްވީ،" އޭޑީކޭ ހޮސްޕިޓަލްގައި 2012 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން ގެންދާ ޒުވާން ޑރ. ނަޒްމާ "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

ޑރ. ނަޒްމާގެ ކިޔެވުމުގެ ހަޔާތް ފެށްޓެވީ އަމީނީއްޔާ ސްކޫލުންނެވެ. އަދި މަތީ ސާނަވީ ގްރޭޑްތައް ނިންމެވީ އަވަށްޓެރި ސްރީލަންކާގަ އެވެ. އަދި އެ އަށްފަހު، ޑޮކްޓަރުކަން ކިޔަވާ ވިދާޅުވީ ރަޝިޔާ އާއި ބަންގްލަދޭޝްގަ އެވެ. ޒަވާޖީ ހަޔާތެއް ފައްޓަވައިގެން ކުއްޖަކު ވެސް ލިބިފައިވާ ޑރ. ނަޒްމާއަކީ ވަގުތަށް ކަމޭހިތާ، ވަޒީފާއަށް ލޯބިކުރާ މުވައްޒަފެކެވެ. ޒުވާން މަންމަ އެކެވެ. ގިނަ ބައެއްގެ ލޯބި ލިބިފައިވާ ޑޮކްޓަރެކެވެ.

"އަބަދު ވެސް އޮަޕަރޭޝަން ކުރާ ހިތްވޭ"

އަންހެނުންގެ ހާއްސަ ބަލިތަކާ ބެހޭ ޑޮކްޓަރަކަށްވުމަށް ނަޒްމާގެ ޝައުގުވެރިކަން އެނބުރިގެން ދިޔައީ ޑޮކްޓަރު ކަން ދަސް ކުރުމުގެ މަރުހަކާ، އެމްބީބީއެސް ހެދި ދުވަސްވަރު އެވެ. އޮޕަރޭޝަން ކުރުމަކީ އަބަދު ވެސް ޝައުގުވެރިކަން ހުންނަ ދާއިރާއެއް ކަމަށް ޑރ. ނަޒްމާ ވިދާޅުވި އެވެ.

"އެމްބީބީއެސް ހެދި އިރު އެކި ކަންކަންކަމުގައި ހުރިހާ ފީލްޑެއްގައި އުޅެން ޖެހޭ. އެގޮތައް އުޅުނިއިރު އަޅުގަނޑަކަށް އެންމެ އިންޓްރެސްޓްކޮށް ޝައުގުވެރިވީ މި ދާއިރާ. ލޮލުގެ ހާއްސަ ޑޮކްޓަރަކަށް ވެސް ވާ ހިތްވި. ހާއްސަކޮށް އޮޕަރޭޝަން ކުރާ ހިތްވޭ. އެހެންވެ އަންހެނުން މި ދާއިރާ ނެގީ،" ހިތްހެޔޮ ޑޮކްޓަރު ވިދާޅުވި އެވެ

ބަނޑު ބޮޑުވުން ލޭ މައްޗަށް: ބޮޑު މައްސަލައެއް!

ޑރ. ނަސްމާ ވިދާޅުވި ގޮތުގައި މާބަނޑު އަންހެނުންގެ ފަރާތުން އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ލޭ މައްޗަށް ދިއުމާއި ހަކުރު މައްޗަށް ދިއުން ޕޮލިސިސްޓިކް އޯވަރީސްގެ މައްސަލަ ކަމަށެވެ.

"ލޭ މައްޗަށް ދިއުމާއި ހަކުރު މައްސަލަ ފާހަގަ ކުރެވެނީ. އެކަމަކު ފުރަތަމަ ޖޮއިން ކުރިއިރާ ބަލާއިރު ވަރަށް ބޮޑަށް ބަދަލު ވެއްޖެ. މިހާރު ގިނަ މީހުންނަށް އެނގޭ ހަކުރު މައްޗަށް ދިއުމުން ކަންތައް ކުރާނެ ގޮތް. ވެދާނެ ޓީވީ ޕްރޮގްރާމްސްތަކާ އެއްޗިހި ގިނަވީމަ ކަމަށް ވެސް. ވަރަށް އެވެއާވެއްޖެ މިހާރު،" ތިން އަހަރު ދުވަހުގެ ތަޖުރިބާ ހިއްސާ ކުރައްވަމުން ޑރ. ނަޒްމާ ވިދާޅުވި އެވެ.

އޭޑީކޭ ހޮސްޕިޓަލްގެ ފޭވަރިޓް މުވައްޒަފު

އޭޑީކޭގައި މަސައްކަތް ކުރައްވަމުން ދާ ތިން އަހަރުވެފައިވާއިރު ޑރ. ނަޒްމާއަކީ މިހާރު އޭޑީކޭގައި ހުރި އެންމެ މަގުބޫލު ޑޮޮކްޓަރުންގެ ތެރޭގައި ހިމެނޭ އެއް ޑޮކްޓަރެވެ.

ނަޒްމާ ވިދާޅުވި ގޮތުގައި އޭޑީކޭގެ އެތައް ސަތޭކަ މުވައްޒަފުންގެ ތެރެއިން މިދިޔަ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފުގެ މަގާމު ލިބުމުގެ ސިއްރަކީ ވަޒީފާ އަށް ކަމޭހިތުން ކަމަށެވެ.

"އަޅުގަނޑަކަށް ހީވަނީ މި މަގާމު ލިބުނީ ޕޭޝަންޓުންގެ ފީޑްބެކް ރަނގުވީމަހެން. އަޅުގަނޑު ވަރަށް ބޮޑަށް ޓްރައިކުރަން ވަގުތަށް ދާން. އަޅުގަނޑު ގަބޫލުކުރަން ހުރިހާ މީހުން ހިތްހަމަ ނުޖެއްސޭނެކަން. ނަމަވެސް އަޅުގަނޑުގެ ބެސްޓުގައި މި މަސައްކަތް ކުރަނީ،" ޑރ. ނަޒްމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭޑީކޭ ހޮސްޕިޓަލްގައި އުޅޭ ހިތްވާ އެއް ސަބަބަކީ މެނޭޖުމަންޓް ރަނގަޅުވުން ކަމަށެވެ.

"މިތާގައި ނޯންނާނެ މެނޭޖުމަންޓަކާ ގެޕެއް. ހަމަ ގުޅާލާފަ ބުނަން ޖެހޭނީ. އަޅުގަނޑުމެން ފުޑްކޯނާގައި އިށީނދެގެން ތިއްބައި ބޮސް ނާޝިދު އަޔަސް. އައިސް އިށީންނާނެ އަޅުގަނޑުމެންގެ ކައިރީގައި. ވިދާޅުވާނެ ކޮންމެކަމެއްތޯ އޭ ބޭނުމީ؟ އެކަމެއް ބުނެފައި ދެ ދުވަސް ވެސް ނުވާނެ. އެކަމެއް ކޮށްދޭނެ. އަޅުގަނޑު އޭޑީކޭ އަށް ޖޮއިން ކުރިއިރު އެންމެ ބޮޑަށް އެހީވި އެއް ބޭފުޅަކީ ޑރ. ބައްޓި،" ނަޒްމާ ވިދާޅުވި އެވެ.

ނޭވާ ހިފައްޓާލަން ޖެހޭ ވަގުތު ކޮޅެއް

ޑރ. ނަޒްމާ ވިދާޅުވި ގޮތުގައި މި މަސައްކަތުގައި ނޭވާ ހިފަހައްޓާލަން ޖެހޭ ބައެއް ހާލަތުތަކާ ކުރިމަތިވި އެވެ. އެފަދަ އެއް ހާދިސާއަކީ މާބަނޑު އަންހެނަކު ވިއްސަން އުޅުނު ދުވަހު ކުރިމަތިވި ކަމެއް ކަމަށް ޑރ. ނަޒްމާ ވިދާޅުވި އެވެ. ޑޮކްޓަރަށް މިކަހަލަ ކިތަންމެ ދުވަހެއް އަންނާނެ އެވެ. އެ ދާއިރާއަށް އޭނާ ނިކުމެ އެހެރީ ވެސް އެ ޗެލެންޖު އަންނާނެ ކަމަށް ބަލައިގެންނެވެ. ކޮންޖެހުންތަކާއި ހާސްވާ ވަގުތުތަކުގައި ވެސް އެކަމަށް ކުރިމަތިލެވޭނެތީ އެވެ.

"އައީސީޔޫގައި ބާއްވައި އޮތް ޕޭޝަންޓަކަށް ދިމާވިކަމެއް އެއީ. އެއީ ހެލްޕް ސިންޑްރޮމް ކިޔާ ބައްޔެއް. އަޅުގަނޑުމެން ޓްރާންސްފިއުސް ކޮށްކޮށް ވެސް އެކަން ރަނގަޅެއް ނުކުރެނުނު. އެންމެ ފަހުން ބޭބީ ނަގަން ޖެހުނީ. އަޅުގަނޑުމެން ޕޭޝަންޓާ ވެސް ވާހަަކަ ދެއްކީ. އޮޕަރޭޝަން ކުރިއިރު ވަރަށް ހާސްވި. އެކަމަކު ޑރ. ނިއާފް ވެސް ވިދާޅުވި އިނގެއޭ ނާވަސްވާނެކަން. ޑރ. ނިއާފް ވިދާޅުވި އައިއެމް ކޮންފިޑެންޓް އިން ޔޫ އޭ. އެ ޕޭޝަންޓް އިރާދުކުރެއްވިޔާ ރަނގަޅު. ބޭބީ ވެސް ރަނގަޅު. ވަރަށް އުފާވި،" ނޭވާ ހިފަހައްޓާލަން ޖެހުނު ދުވަހެއްގެ ހަނދާންތައް އާކުއްވަމުން ޑރ. ނަޒްމާ ވިދާޅުވި އެވެ.

ފިރިމީހާއަށް ޝުކުރިއްޔާ

ޑރ. ނަޒްމާ ވިދާޅުވި ގޮތުގައި ބިޒީކަން ބޮޑު މި ވަޒީފާގައި އެންމެ ބޮޑު އެހީއެއް ލިބެނީ ފިރިމީހާގެ ފަރާތުންނެވެ. އޭނާގެ ފިރިމީހާ ވެސް މަސައްކަތް ކުރަނީ އައިޖީއެމްޗެއްގެ ޑޮކްޓަރެއްގެ ގޮތުގަ އެވެ. ނަޒްމާ ވިދާޅުވި ގޮތުގައި ފިރިމީހާގެ އެހީތެރިކަން ނުލިބޭނަމަ މި ވަޒީފާ އަދާކުރަން ދަތިވާނެ އެވެ. އެއީ ގިނަ ވަގުތު އާއިލާއާ ދުރުގައި ހޭދަކުރަން ޖެހުމެވެ. މި ވަޒީފާ އަކީ އަރާމު ކުރުމެއް ނެތް ވަޒީފާއެކެވެ. ޑޮކްޓަރެއްގެ ހިދުމަތަށް ކޮންމެ ވަގުތެއްގައި ވެސް ގޮވާލަފާނެ އެވެ.

"ކޮންމެ ދުވަހަކު އަޅުގަނޑު ކޮންސަލްޓް ކުރާ މީހުން އަންނާނެތާ ޑެލިވަރީ އަށް. އަންނަ އިރު ދަންވަރު ވިއަސް، ހެނދުނު ވިއަސް ހަމަ އަޅުގަނޑު ދާންޖެހޭނީ. ބޮޑު ކަމެއް ވެއްޖިއްޔާ އަންނަން ޖެހޭ. އެހެންވެ ވަރަށް ބޮޑަށް ޑެޑިކޭޓް ކޮށް އުޅެން ޖެހެނީ. އެހެންވެ ފިރިމީހާ އާއި އާއިލާގެ ސަޕޯޓް ނުލިބޭނަމަ ނުވާނެ،" ނަޒްމާ ވިދާޅުވި އެވެ.

އާއިލާގެ ސަޕޯޓާ އެކު، ޑރ. ނަޒްމާ ހުންނެވީ ހިދުމަތުގައި ދެމި ހުރުމުގެ އުންމީދުގަ އެވެ. ކުޑައިރު ޕައިލެޓަކަށް ވުމުގެ އުންމީދު ފުރިހަމަނުވިނަަމަވެސް މިހާރު ޑރ. ނަޒްމާގެ އުންމީދަކީ ބަލިމީހުންނަށް ފަރުވާ ކުރުމެވެ. ބަލި އެތައް ހިތެއްގެ ފަރުވާ އަކީ މިހާރު އޭނާ އެވެ. ޑޮކްޓަރަށް ލިބޭ އެންމެ ބޮޑު ހިނިތުން ވުމަކީ މީހުންނަށް އެހީތެރިވުމުގައި ދެމި ހުރުމެވެ. އެ ހިތުމަތުގައި އޭނާ ހުރީ ބަލިވެ ވަރުބަލިވާކަށް ވެސް ނޫނެވެ. އަޒުމަކީ އިންސާނީ ހިދުމަތުގައި ދެގޮތެއް ނުވެ، ދެމިހުރުމެވެ.