ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ލިމިޓްތައް ނުހިމެނޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޔޫއެސް ޑޮލަރު ވިސާ ކްރެޑިޓް ކާޑެއް މިއަދު ތައާރަފްކޮށްފި އެވެ.
ބީއެމްއެލް އިން ބުނީ ކަސްޓަމަރަށް އެޕްރޫވްވޭ ކަނޑައެޅިފައިވާ ކްރެޑިޓް ކާޑު ލިމިޓާ ހަމައަށް ބޭނުން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ކާޑަކީ ރާއްޖޭން ބޭރުގެ ގިނަ އަދަދެއްގެ މުއާމަލާތްތައް ކުރަންޖެހޭ ފަރާތްތަކަށް ވަރަށް އެކަށީގެންވާ ކާޑެކެވެ.
ފައިސާ އަނބުރާ ދައްކަން ޖެހޭނީ ޑޮލަރުން
މި ކާޑަކީ އަނބުރާ ދައްކަން ޖެހޭ ފައިސާ ޑޮލަރުން ދެއްކޭ ގޮތަށް ތައާރަފު ކުރި ކާޑެކެވެ. މިހާރު ކްރެޑިޓް ކާޑު ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކާއި މޯބައިލް ބޭންކިން މެދުވެރިކޮށް މިހާރުގެ ކާޑު ޑޮލަރު ކާޑަކަށް ބަދަލު ކުރަން ހުށަހެޅޭނެ އެވެ.
މި ކާޑަށް އަލަށް އެދޭ ފަރާތް ތަކަށް އޮންލައިންކޮށް ވެސް ހުށަހެޅޭނެ އެވެ.
![](https://images-01.avas.mv/post/big_rs8JJPq5ovfzB9Q7X6LXJPIBy.jpg)
މި ކާޑާ ބެހޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ޑޮލަރު ލިބޭ މިންވަރަށް ނުހަނު ބޮޑު އަސަރެެއްކޮށްފައިވާތީ ހާލަތަށް ރިއާޔަތްކޮށް، މިދިޔަ އަހަރު ބޭންކުން ވަނީ ޑެބިޓް އަދި ކްރެޑިޓް ކާޑު މެދުވެރިކޮށް ބޭރަށްދާ ޑޮލަރުގެ ނިސްބަތް މަދުކުރުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅާފަ އެވެ.
"މި ވޭތުވެދިޔަ އަހަރުތެރޭ ބޭންކުން މިވަނީ ލިމިޓަށް ހެޔޮ ބަދަލު ތަކެއް ގެނެސްފައި. ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރުމަށް އާންމު ގޮތެެއްގައި ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް މިއަދު މި ތައާރަފް ކުރެވުނު ކާޑާއެކު އިތުރު ހައްލެއް ލިބިގެންދާނެ،" ޓިމް ވިދާޅުވި އެވެ.
"ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ލިމިޓް ނުހިމެނޭ ގޮތަށް ކަސްޓަމަރުންނަށް ކްރެޑިޓް ކާޑުގެ ލިމިޓާ ހަމައަށް މި ކާޑު ބޭނުންކޮށްގެން ވިޔަފާރި ވެސް ކުރެވޭނެ."
މި ވޭތުވެދިޔަ އަހަރުތެރޭ ބޭންކުން މިވަނީ ލިމިޓަށް ހެޔޮ ބަދަލު ތަކެއް ގެނެސްފައި. ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރުމަށް އާންމު ގޮތެެއްގައި ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް މިއަދު މި ތައާރަފް ކުރެވުނު ކާޑާއެކު އިތުރު ހައްލެއް ލިބިގެންދާނެޓިމް ސޯޔާ | ބީއެމްއެލް ސީއީއޯ
އަލަށް ތައާރަފް ކުރެވުނު ޔޫއެސް ޑޮލަރު ވިސާ ކްރެޑިޓް ކާޑު، ކޯޕަރޭޓް ކާޑުގެ ގޮތުގައި ވިޔަފާރިތަކަށް ވެސް ދޫކުރެވޭނެ އެވެ. ޔޫއެސް ވިސާ ކްރެޑިޓް ކާޑު ބޭނުންކޮށްގެން ރާއްޖެ އާއި ރާއްޖޭން ބޭރުގެ މުއާމަލާތްތައް ވެސް ކުރެވޭނެ އެވެ.
ތިން ހާހަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،000 އަށް ވުރެ ގިނަ މާޗެންޓުންނާއެކު ބީއެމްއެލް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައި ގަންނަ ބޭންކެވެ. މީގެ އިތުރުން ބީއެމްއެލް އަކީ ރާއްޖޭގައި ވިސާގެ ޕްރިންސިޕަލް މެންބަރު ވެސްމެ އެވެ.