މާލެ ހިއްފަސޭހަ ތަނަކަށް ހެދުމުގެ ގޮތުން ކުރާ މަސައްކަތުގެ ތެރެއިން މާލޭގައި އަނެއްކާވެސް އާ ޕާކެއް ތަރައްގީ ކުރަން ހައުސިން މިނިސްޓްރީ އިން ނިންމައިފި އެވެ.
މިއަދު ހައުސިން މިނިސްޓްރީގެ ޕްލޭނިންގް އެންޑް އާބަން ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ މަސައްކަތްތަކާ ގުޅޭ ގޮތުން ނޫސްވެރިންނާ ބައްދަލު ކުރައްވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަބީބު ވިދާޅުވީ މާލޭގެ އެކި ހިސާބުތަކުގައި ޕާކުތަށް ތަރައްގީ ކުރުމުގެ މައިގަނޑު އެއް މަގުސަދަކީ ހިއްފަސޭހަ ހުސް ޖާގަ ގިނަ އިޖްތިމާއީ ގޮތުން ދުޅަހެޔޮ ވެއްޓެއް މާލޭގައި ގާއިމް ކުރުން ކަމަށެވެ. އަދި ވިދާޅުވީ މިފަހުން ހުޅުވި ދެޕާކުން ވެސް އެ މަސައްކަތުގެ ބޭނުން ހާސިލް ވެއްޖެކަން އެންގިއްޖެ ކަމަށާއި އެތަންތަނުގެ ބޭނުން ރައްޔިތުން ރަނގަޅަށް ހިފާކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.
ހަބީބު ވިދާޅުވީ އެ މަގްސަދުގައި ސޯސަންގޭގައި ޕާކެއް އަޅަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެމަސައްކަތް ކުރުމަށް އެމްއާރްޑީސީއާ ވާނީ މިހާރު ހަވާލުކޮށްފައި ކަމަށް ވެސް ވިދާޅުވި އެވެ.
"ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ މިހާރު ސޯސަންގޭގެ ބޭރުގެ ފާރު ތަޅާލައިފަ ހުރިތަން. އެތާގައި އަޅުގަނޑުމެން ޑިވަލޮޕްކުރަން ނިންމާފަ އޮތީ ކުޑަކުދިންގެ ޕާކަކާއި އެކީ ގުޅުވާގެން ޕާކިން ޒޯނެއް އަޅަން. މިިމަސައްކަތް ކުރުމަށް މިހާރު ވާނީ އެމްއާރްޑީސީއާ ހަވާލުކޮށްފައި،" ހަބީބު ވިދާޅުވި އެވެ.
ސޯސަންގޭގައި ހަދަން ނިންމާފައިވާ ޕާކުގެ އަމަލީ މަސައްކަތް ދެހަފްތާތެރޭގައި ފެށޭނެ ކަމަށާއި އަދި މަސައްކަތް ނިމި ދެ މަސްތެރޭގައި ޕާކު ހުޅުވާނެ ކަމަށް ހަބީބު ވިދާޅުވި އެވެ.