ދިއެފްއެމް ރޭޑިއޯގެ ކުރީގެ ސީއީއޯ އަދި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ކުރީގެ މެންބަރު މަސްއޫދު ހިލްމީއަށް ހަމަލާދީ ޒަހަމްކޮށްލި ލ. ފޮނަދޫ، ދިލްކުސާގެ އަހްމަދު ޝަމީމް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.
މަސްއޫދަށް ހަމަލާ ދީފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ހަތަރުވަނަ ދުވަހުގެ ރޭގަނޑު އެވެ. އޭނާ އަށް ފޮނަދޫގައި ހަމަލާދިނީ އަންހެނުން ގޮވައިގެން ސައިކަލްގައި ދުއްވާފައި ދަނިކޮށް އެރޭ 9:30 ހާއިރު އެވެ.
އެރޭ އަހުމަދު ޝަމީމް ހައްޔަރުކުރުމަށްފަހު ވަނީ ހަތް ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ. އޭގެ ފަހުން ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި ބަންދުން ދޫކޮށްލައިފަ އެވެ.
ނަމަވެސް އެ މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރި އެވެ. އަހުމަދު ޝަމީމް ބަންދުން ދޫކޮށްލާފައި ވަނިކޮށް އޭނާގެ މައްޗަށް ދައުލަތުން ދައުވާ އުފުލުމުން ހައިކޯޓުން ވަނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް އަމުރުކޮށްފަ އެވެ. ނަމަވެސް ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ދެން ވެސް ނިންމާފައި ވަނީ އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އިއްޔެ އެ ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ދަށު ކޯޓުން ޝަމީމް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައެޅިއިރު ތުހުމަތުކުރެވޭ މީހަކު ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައަށް ނުރައްކާވެދާނެ ކަމަށް ރިއާޔަތްކޮށްފައި ނެތް ކަމަށެވެ. އަދި ދޫކޮށްލާފައިވާ މުއްދަތުގައި އޭނާގެ ފަރާތުން އެފަދަ އަމަލެއް ނުފެނުމަކީ މުޖުތަމައަށް ނުރައްކާވުމުގެ އިހުތިމާލު ނެތް ކަމެއް ނޫން ކަމަށެވެ.
އެހެންކަމުން ދަށު ކޯޓުން ކޮށްފައިވާ އަމުރު ބާތިލުކޮށް އަހުމަދު ޝަމީމް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ ބެއްލެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ، ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ފަނޑިޔާރު މުހައްމަދު ފައިސަލެވެ.
މީގެކުރިން ވެސް ފޮނަދޫގައި މަސްއޫދުގެ ކާރު ބާއްވާފައި އޮއްވާ ކާރުގައި ވެސް ވަނީ ރޯކޮށްލާފަ އެވެ. މަސްއޫދު ވިދާޅުވި ގޮތުގައި އޭނާ އަށް ހަމަލާ ދިނީ އޭނާގެ ކާރުވެސް ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ މީހާ އެވެ.
މަސްއޫދުގެ ކާރުގައި ރޯކޮށްލައި ބޭނުން ނުކުރެވޭ ވަރަށް ކާރު އަންދާލީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އަވަސް އަށް އެނގިފައިވާ ގޮތުގައި ކާރު ރޯކޮށްލި މައްސަލަ ތަހުގީގުކޮށް ފުލުހުން ވަނީ އެ މައްސަލާގައި ތުހުމަތުކުރެވޭ މީހާގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާފަ އެވެ.