ބޮލީވުޑް

އަހަންނަކީ އެންމެ ރަނގަޅު ބައިވެރިޔާ: ރަންވީރު

Dec 4, 2015

ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ރަންވީރު ސިންގް އާއި ދިޕިކާ ޕަދުކޯންގެ ދެމެދުގައި އޮންނަނީ ވަރަށް ހާއްސަ ގުޅުމެއްކަން އެންމެންނަށް ވެސް އެނގެ އެވެ.

މިހާތަނަށް ވެސް މިދެތަރިން އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށް ދެތަރިންވެސް އެއްބަސްވެފައިނުވާއިރު، ޕާޓީތަކާއި ރޭގަނޑުގެ ކެއުންތަކަށް އެކުގައި ދެތަރިން އިންސާފުކުރަން ރެސްޓޯރެންޓްތަކަށް ގޮސްއުޅޭ ފޮޓޯތައް އަބަދުހެން އާންމުވެ އެވެ.

މިދެތަރިން އެއްބަސް ނުވިކަމުގައި ވިޔަސް، ރަންވީރު ދިޕިކާ އާއި ދޭތެރޭ އަބަދުވެސް ބަހައްޓާ ގާތްކަމާއި ދިޕިކާއާ ބެހޭގޮތުން އޮއްސާލާ ތައުރީފުގެ ބަސްތަކުން އޭނާގެ ހިތުން ދިޕިކާ އަށް ހާއްސަ މަގާމެއް ދެވިފައިވާ ކަން އެނގެ އެވެ.

އާދީއްތަ ދުވަހުގެރޭ އެންމެފަހުން ރިލީޒްކުރި ދިޕިކާގެ ފިލްމު "ތަމާޝާ" އަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޕާޓީއަށް ރަންވީރު ގޮސްފައިވަނީ ދިޕިކާ އާއެކު އެވެ.

މިޕާޓީގައި ބޭރުގައި ތިތބި ނޫސްވެރިންނާއި ވާހަކަދައްކަމުން ރަންވީރުގެ ތައުރީފުގެ ބަސްތައް ދިޕިކާ އަށް އޮއްސާލާފައިވާއިރު ރަންވީރު ވަނީ އޭނާ ދިޕިކާއާ މެދު ވަރަށް ފަހުރުވެރިވާ ކަމަށް ބުނެފަ އެވެ. ރަންވީރުގެ ތައުރީފުގެ ބަސްތަކުން އުފާވި ވަރުން އޭނާގެ ކޮލަށް ދިޕިކާ ވަނީ ދޮނެއްވެސް ދީފަ އެވެ.

ދިޕިކާގެ މިހަރަކާތުން ސޯޝަލް މީޑިއާގައި މިވީޑިއޯ ކްލިޕާއި ފޮޓޯތައް އާންމުވެގެން ގޮސްފައިވާއިރު، ރަންވީރަށް ވަނީ "ބެސްޓް ބޯއިފްރެންޑް"ގެ ޓެގްވެސް ލިބިގެން ގޮސްފަ އެވެ.

ސޯޝަލް މީޑިއާގައި އެންމެ ރަނގަޅު ލޯބިވެރިޔާގެ ޓެގް ލިބުމާއި ގުޅިގެން ވާހަކަދައްކަމުން ރަންވީރު ވަނީ މިއީ އޭނާއަށް ހައްގު އެއްޗެއް ކަމަށް ބުނެފަ އެވެ.

ރަންވީރު މިއީ އޭނާ އަށް ހައްގު އެއްޗެއް ކަމަށް ބުނުމުން ގިނަ ބަޔަކު މިހާރު އަންނަނީ އޭނާ އާއި ދިޕިކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ކަށަވަރުވީ ކަމަށް ބުނެފަ އެވެ. އެހެން ނޫންނަމަ ސޯޝަލް މީޑިއާގައި ބަޔަކު އޭނާ އަށް ދިން ޓެގަކުން އެހާ ބޮޑު ސީރިއަސް ޖަވާބެއް ދޭންވީ ކީއްކުރަންތޯ އަހާފަ އެވެ.

މިޕާޓީގައި ނަގާފައިވާ ފޮޓޯތަކުގެ ތެރެއިން އާންމުވެފައިވާ ފޮޓޯތަކަކަށް ބަލާލުމުން މިދެތަރިންގެ ދެމެދުގައި އޮންނަނީ ވެސް ވަރަށް ގާތްގުޅުމެއް ކަން އެނގެ އެވެ. އަދި ދިޕިކާ ރަންވީރުގެ ކޮލަށް ދޮނެއްދީ އޮޅުލައިގެން ނޫސްވެރިބްގެ ފޮޓޯއަށް ހުއްޓިގެން އިނީ ރަންވީރުގެ ގައިގަ އޮޅުލައިގެންނެވެ.

ރަންވީރާއި ދިޕިކާގެ ދެމެދުގައި ގާތްގުޅުމެއް އުފެދުނީ ދިޕިކާގެ ކުރީގެ ލޯބިވެރިޔާ ރަންބީރު އޭނާ ދޫކޮށް ކެޓްރީނާ ކައިފް އާއި ރައްޓެހިވި ހިސާބުން ދިޕިކާ ވަރަށް އެކަނިވެރިކޮށް އުޅެނިކޮށެވެ. ބުނެވޭ ގޮތުގައި ހަލާކުވެފައިވާ ދިޕިކާގެ ހިތުގައި ބޭސް އަޅައިދީފައިވަނީ ރަންވީރެވެ.