އުތުރު ތިލަ ފަޅު

އުތުރު ތިލަފަޅުގެ އެއްބަސްވުމާ ބެހޭ މައުލޫމާތު ދޭން އެއްބަސްވެއްޖެ

އިންޑިއާ ސަރުކާރާއެކު މިދިޔަ ފެބްރުއަރީ މަހު ހެދި އުތުުރު ތިލަފަޅު (ޔޫޓީއެފް)ގެ އެއްބަސްވުމާ ގުޅޭ ގޮތުން "ދިޔަރެސް" ނޫހުން ހޯދަން އެދުނު މައުލޫމާތު އެ ނޫހާ ހިއްސާކުރުމަށް ޑިފެންސް މިނިސްޓްރީން ނިންމައިފި އެވެ.

ގައުމީ ސަލާމަަތަށް ނުރައްކާވާނެ ކަަމަށް ބުނެ އެ މައުލޫމާތު ހާމަކުރަން ޑިފެންސް މިނިސްޓްރީން ކުރިން ދިޔައީ ދެކޮޅު ހަދަމުންނެވެ. އެ މައުލޫމާތު ހަތް ދުވަހުގެ ތެރޭގައި ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިމަހުގެ 14 ވަނަ ދުވަހު ޑިފެންސް މިނިސްޓްރީއަށް އެންގުމުން، އެ އެންގުމާ އެއްގޮތަށް ވެސް އެ މިނިސްޓްރީން އަމަލުކޮށްފައެއް ނުވެ އެވެ.

ނަަމަވެސް ދިޔަރެސް ނޫހުން ހޯދަން އެދުނު މައުލޫމާތު މި ހަފްތާގެ ތެރޭގައި ހާމަކުރާނެ ކަމަށް ޑިފެންސުން އެ ނޫހަށް އަންގާފައިވާ ކަމަށް ދިޔަރެސް ނޫހުގެ އޮފިޝަލަކު މިއަދު ވަނީ އަވަސް އަށް ޔަގީންކޮށްދެއްވާފަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު މީގެކުރިން ވިދާޅުވީ ދިޔަރެސް ނޫހުން އެދުނު މައުލޫމާތު ޑިފެންސް މިނިސްޓްރީން ރަނގަޅަށް ނުދީގެން އެ މައްސަލަ ދިޔަރެސް އިން ހުށަހަޅައިފި ނަމަ އެ މައްސަލަ އެ އޮފީހުން ބަލާނެ ކަމަށެވެ. ނަމަވެސް މައުލޫމާތު ދިނުން ލަސްވި މައްސަލައިގައި ފިޔަވަޅެއް ނާޅާނެ ކަމަށް ވިދާޅުވި އެވެ.

ދިޔަރެސްއިން ހޯދަން އެދުނު މައުލޫމާތު

  • އިންޑިއާގެ "ޓެކްނިކަލް" ބައެއް ކަމަށް ބުނާ މީހުން ނިސްބަތްވާ މުއައްސަސާ.
  • "ޓެކްނިކަލް" މީހުންނަށް ޑިޕްލޮމެޓިކް އިމުނިޓީ ލިބޭނެ ގޮތުގެ ތަފްސީލްތައް
  • "ޓެކްނިކަލް" މީހުންގެ އެއްވެސް ހަރަދެއް ދިވެހި ސަރުކާރުން ބަލާނަމަ އެކަމުގެ ތަފްސީލް
  • "ޓެކްނިކަލް" މީހުންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު
  • އިންޑިއާ މީހުންނަށް ރާއްޖޭގައި ތިބުމަށް ހުއްދަ ދީފައިވާ މުއްދަތު.
  • އެއްބަސްވުމާ ގުޅިގެން ދީފައިވާ 50 މިލިއަން ޑޮލަރުގެ ލޯނުގެ މައުލޫމާތު

މި މައުލޫމާތުތަކުގެ އިތުރުން އިތުރު މައުލޫމާތުތަކެއް ހޯދަން ވެސް ދިޔަރެސް އިން ފަހުން ހުށަހެޅި އެވެ.

ފަހުން ހޯދަން އެދުނު މައުލޫމާތު

  • - އެއްބަސްވުމުގެ ދަށުން ތަރައްޤީކުރާ ވަސީލަތްތައް އެހެން ގައުމަކުން ބޭނުން ކުރަން ޖެހިއްޖެނަމަ އިންޑިއާގެ ހުއްދަ ނެތި އެ ވަސީލަތްތައް އެ ގައުމަށް ބޭނުން ކުރުމުގެ ފުރުސަތު ރާއްޖެއަށް ދެވޭނަމަ އެކަމުގެ ތަފްސީލު.
  • - އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގެ ކަންކަން ބަލަހައްޓާ ހާއްސަ ވޯކިން ގުރޫޕަށް ލިބިދޭ އެންމެހާ ބާރުތައް. އަދި އެއްބަސްވުމުގެ އެ މާއްދާ ލަފުޒުން ލަފުޒަށް.
  • - އުތުރު ތިލަފަޅު ދުވަހުން ދުވަހަށް ހިންގުމަށް އެކުލަވާލެވޭ ޖޮއިންޓް ރެޒިޑެންޓް ޓީމުގައި ހިމެނޭ ފަރާތްތަކުގެ ތަފްސީލު އަދި އެ ޓީމަށް ލިބިގެންވާ ބާރުތައް. އެއްބަސްވުމުގެ އެ މާއްދާ ލަފުޒުން ލަފުޒަށް.
  • - އެއްބަސްވުމުގެ ދަށުން މަތިންދާ ބޯޓު ޖައްސަން ރަންވޭ އަކާއި އެފަދަ ވަސީލަތްތައް ޤާއިމްކުރާނަމަ އެކަމުގެ ތަފްސީލު.
  • - އިންޑިއާގެ ހުއްދަ ނެތި އެއްބަސްވުން ބާތިލު ކުރެވޭނެ ނަމަ އެކަމުގެ ތަފްސީލު.
  • - އެއްބަސްވުމުގެ ދަށުން އިންޑިއާގެ އަސްކަރިއްޔާއަށް ނިސްބަތްވާ އެއްވެސް ބަޔަކު އެއްވެސް ވަރަކަށް، އުތުރު ތިލަފަޅުގައި އެއްވެސް ބޭނުމަކު ތިބެވޭނަމަ އެކަމުގެ ތަފްސީލު. އަދި އެފަދަ ފަރާތްތަކަށް ހަތިޔާރު ގެންގުޅެވޭނެ ނަމަ އެކަމުގެ ތަފްސީލު.

އުތުރު ތިލަފަޅުގެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއާ ހިއްސާކުރީ މިިދިޔަ އާދިއްތަ ދުވަހު އެވެ. ނަމަވެސް އެ އެ އެއްބަސްވުމުގެ ހުރިހާ ބައިތަކެއް ކޮމިޓީއާ ހިއްސާ ނުކުރާ ކަމަށް ކޮމިޓީގެ ބައެއް މެމްބަރުން ވިދާޅުވެ އެވެ. ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އެ އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކާވާރުގެ ކަމެއް ފާހަގަވެފައި ނުވާ ކަމަަށެވެ.

ޔޫޓީއެފްގެ އެއްބަސްވުުމުގެ ދަށުން ސިފައިންގެ ކޯސްޓްގާޑް ބަނދަރަކާއި ޑޮކްޔާޑެއް އިންޑިއާއިން ތަރައްގީ ކުރާނެ އެވެ. އެތަން އިންޑިއާއިން ތަރައްގީކުރި ނަމަވެސް އެ ތަނުގައި އިންޑިއާ ސިފައިން ނުތިބޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެ އެވެ. ނަމަވެސް އިދިކޮޅުން ބުނާ ގޮތުގައި ޓެކްނީޝަނުން ފަދަ އެކި ނަންނަމުގައި އެ ތަނުގައި އިންޑިއާ ސިފައިން ގާއިމުވެގެން ތިބޭނެ އެވެ. އެ މައްސަލައިގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ދަނީ އެކަމާ ދެކޮޅަށް ވަރަށް ބޮޑަށް އަޑުއުފުލަމުންނެވެ.

މީގެ ކުރިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޔޫޓީއެފް އެއްބަސްވުން މަޖިލީހާ ހިއްސާކުރަން ނުޖެހޭ ކަމަށެވެ. އަދި ރައީސް ސޯލިހު ވެސް އެ އެއްބަސްވުން ސިއްރުކުރުން ދިފާއު ކުރެއްވި އެވެ. ނަަމަވެސް ފަހުން ޔޫޓީއެފް އެއްބަސްވުން މަޖިލީހާ ހިއްސާކުރަން ރައީސް ނަޝީދު އެންގެވި އެވެ.