ގދ. ހޯޑެއްދޫގައި ނޭޗާ ޕާކެއް އަޅަން އެ ރަށުގެ ޖަމިއްޔާއެއް ކަމަށްވާ ހުވަދޫ އެއިޑުން ނިންމައިފި އެވެ.
ނޭޗާ ޕާކު އަޅަން ނިންމާފައި ވަނީ ހޯޑެއްދޫގެ ހުޅަނގު އުތުރު ފަރާތުގައި ގުޅިފައި އޮންނަ ހަަތަރު ކުޅި ހިމެނޭ ސަރަަހައްދުގަ އެވެ. އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވެސް އިއްޔެ ވަނީ ސޮއި ކޮށްފަ އެވެ.
ހޯޑެއްދޫ ނެޗާ ޕާކް ޕްލޭންގައިވާ ގޮތައް ޕާކް ތަރައްގީކޮށް ހިންގައި ބަލަހައްޓާނީ ހުވަދޫ އެއިޑުންނެވެ. އަދި އެ ޕްލޭނާއި އެއްގޮތަށް އެތަން ހިންގުމަށް ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ "ހޯޑެއްދޫ ނޭޗާ ޕާކް މެނޭޖްމެންޓް ކޮމިޓީ" އުފައްދާނެ އެވެ.
ހުވަދޫ އެއިޑުން ބުނީ މި މަޝްރޫއު ކުރިއަށް ގެންދާނީ ހޯޑެއްދޫ ކައުންސިލުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭ ގޮތަށް އެ ޖަމިއްޔާއިން އިން އެކިފަރާތްތަކުގެ އެހީތެރިކަން ހޯދައިގެން ކަމަށެވެ. ތިން އަހަރުގެ މުއްދަތަށް ހިންގޭ މި މަޝްރޫއު ނިމޭއިރު 3.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަަމަށް އެ ޖަމިއްޔާއިން އަންދާޒާ ކުރެއެވެ.
މި މަޝްރޫއުގެ ދަށުން، ހޯޑެއްދޫ ކުޅިތަކުގެ ގުދުރަތީ ރީތިކަން އާލާކުރުމަށް އެ ސަރަހައްދުގައި ގަސް އިންދަން ވަނީ ނިންމައިފަ އެވެ. އެގޮތުން އެކިވައްތަރުގެ 2000 ގަސް އިންދައި އެސަރަހައްދު ސާފުކޮށް ޗަކަ ނަގަންޖެހޭ ސަރަހައްދުތަކުގެ ޗަކަ ނަގަން ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން ހިއްފަސޭހަ މައިޒާނެއްގެ ގޮތުގައި ކުޅިތައް ބޭނުންކުރުމަށް، އެތަންތަނުގެ ތެރެއަށް ވަދެ ނިކުމެ އުޅެވޭހެން ބޯޑްވޯކް ހެދުމާއި މަޑުކޮށްލައިގެން ތިބޭނެ ޕްލެޓްފޯމުތަކެއް ގާއިމްކުރާނެ އެވެ.