ހޯޑެއްދޫ

ހޯޑެއްދޫގައި ނޭޗާ ޕާކެއް ތަރައްގީކުރަނީ

Oct 28, 2021

ގދ. ހޯޑެއްދޫގައި ނޭޗާ ޕާކެއް ތަރައްގީކުރަން ހުވަދޫ އެއިޑާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ނޭޗާ ޕާކް އަޅަން ނިންމާފައިވަނީ ހޯޑެއްދޫގައިވާ ކުޅިތަކުގެ ގުދުރަތީ ރީތިކަން ބޭނުންކޮށްގެން އިގްތިސާދީ ގޮތުން ފައިދާތަކެއް ލިބޭ ގޮތަށެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހޯޑެއްދޫ ކައުންސިލުން ވަނީ "ހޯނޑެއްދޫ ނޭޗާ ޕާކް މެނޭޖްމެންޓް ކޮމިޓީ"ގެ ނަމުގައި ހަތް މެންބަރުންގެ ކޮމިޓީއެެއް ވެސް އެކުލަވާލާފަ އެވެ.

ޕާކް ތަރައްގީކުރުމަށް ކުރަންޖެހޭ ހުރިހާ ހަރަދަކާއި ހިންގުމުގެ ހުރިހާ ކަމެއް ހުވަދޫ އެއިޑުން ކުރިއަށް ގެންދާނީ ކޮމިޓީގެ ލަފާގެ މަތިންނެވެ.

ނޭޗާ ޕާކް ތަރައްގީކުރުމަށް 3.9 މިލިއަން ރުފިޔާ ހޭދަކުރުމަށް ހަމަޖެހިފައިވާއިރު މަޝްރޫއު ނިންމަންޖެހެނީ ތިން އަހަރުގެ ތެރޭގަ އެވެ. އެކަމަކު އިތުރު ދެ އަހަރުވެސް އެތަން ހިންގުމާއި ބެލެހެއްޓުމުގެ ހުރިހާ ކަމެއް ކުރާނީ ހުވަދޫ އެއިޑުންނެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝް ވިދާޅުވީ މަޝްރޫއު ނިމުމުން ނޭޗާ ޕާކްގައި ބައްދަލުވުންތަކާއި ހަފްލާތައް ބޭއްވޭ ގޮތަށް ނޭޗާ ޕާކު ޓަވަރެއް ގާއިމުކޮށް، 1،392 ފޫޓުގެ ވޯކްވޭއެއް ހެދި، 11 ވިޔުއިން ޕްލެޓް ފޯމް ހެދިފައި ހުންނާނެ ކަމަށެވެ. އަދި ކުޅި ތެރޭގައި ދުއްވާލުމަށް ޕެޑަލް ބޯޓުތަކާއި ކެނޯ ގެންނާނެ ކަމަށެވެ.

ވާރިޝް ވިދާޅުވި ގޮތުގައި ކުޅީގައި ހުރި ގަސްތަކުގެ ތެރެއިން 60 ޕަސަންޓް ގަސް މަރުވެފައިވާތީ މި މަޝްރޫއުގެ ތެރެއިން މަދުވެގެން 2،000 ގަސް އިންދާނެ އެވެ.

"ހަގީގަތުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުޅީގެ ގަސްތައް ވަރަށް ބޮޑަށް މަރުވެފައި އެވަނީ. އެހެންވެ އަލުން އެ ސަރަހައްދަށް ފެހިކަން ގެނައުމަށް ހުވަދޫ އެއިޑުން މިހާރު ވެސް އެބަހުރި ގަސްތަކެއް ގެނެވިފައި. ވަރަށް އަވަހަށް މިމަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށިގެންވެސް ދާނެ،" ވާރިޝް ވިދާޅުވި އެވެ.

ހޯޑެއްދޫގެ މޫދާއި، ގޮނޑުދޮށާއި، ކުޅިތައް ހިމެނޭ ގޮތަށް ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތް ކުރުމަކީ ކައުންސިލްގެ ޕްލޭންގައި ހިމެނޭ ކަންތައްތަކެކެވެ. އަދި ތިމާވެށީގެ މައްސަލަތަކަށް އާންމުން ހޭލުންތެރިކުރުމަށް ހާއްސަ ހަރަކާތްތަކެއް ހިންގުމަށްވެސް ނިންމާފައިވެ އެވެ.