ބޮލީވުޑް

ސަންޖޭ ދަތު މިނިވަން ކުރަނީ!

Dec 4, 2015

ޕޫނާގެ ޔަރްވެދާ ޖަލުގައި ހުކުމް ތަންފީޒުކުރަމުން އަންނަ މަޝްހޫރު އެކްޓަރު ސަންޖޭ ދަތު، ހުކުމުގެ މުއްދަތު ހަމަވުމުގެ ކުރިން މިނިވަންކުރާނެ ކަމަށް ބުނެފި އެވެ.

އަަންނަ އަހަރުނިމޭ ހިސާބުގައި ހުކުމް ތަންފީޒުކޮށް އެއްކޮށް މިނިވަންވާނެ ކަމަށް ބެލެވޭ ސަންޖޭ ދަތުގެ ހުކުމުގެ ބާކީ އޮތްބައިގެ ހަތަރު މަސް ދުވަސް ލުއިކޮށްދިނުމަށްފަހު އޮގަސްޓް މަސް ހިސާބުގައި މިނިވަންކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ.

ބުނެވޭ ގޮތުގައި ސަންޖޭ ދަތު އަވަހަށް މިނިވަން ވަނީ، ޖަލުގައި ހުކުމް ތަންފީޒުކުރުމަށް ވޭތުވި ގާތްގަނޑަކަށް ތިން ވަރަކަށް އަހަރުގެ ތެރޭގައި އޭނާގެ އަހުލާގު ރަނގަޅު ކަމުންނެވެ. އެގޮތުން ކޮންމެ ގައިދީއެއްގެ ވެސް އަހުލާގު ރަނގަޅު ކަމުގައި ވަނީ ނަމަ، 144 ދުވަސް އެމީހަކު ތަންފީޒުކުރަމުން އަންނަ ހުކުމުގެ މުއްދަތުން އުނިކުރެވޭނެ އެވެ.

އެގޮތުން މިހާރު ސަންޖޭ ދަތު މިނިވަންވާން އޮތީ ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ މުއްދަތުއިރު، އެމުއްދަތުން 144 ދުވަސް އުނިކުރާނަމަ، ބާކީ ދެން އޮންނާނީ އަށް ވަރަކަށް މަސް ދުވަހެވެ. އެހެން ކަމަށް ވަނީ ނަމަ، އަންނަ އޮގަސްޓް މަހުގެ ތެރޭގައި ސަންޖޭ ދަތު މިނިވަންވުން ވަރަށް ގާތެވެ.

ނަމަވެސް ބައެއް ނޫސްތަކުގައިވާ ގޮތުން ސަންޖޭގެ ހުކުމުން ގާތްގަނޑަކަށް ހަމަސް ދުވަސް މާފުގެ ގޮތުގައި އުނިކުރެވޭނެ އެވެ. އެހެންކަމަށް ވަނީނަމަ އޭނާ މިނިވަންވަނީ ޖޫން ނުވަތަ ޖުލައި މަހުގެ ތެރޭގަ އެވެ.

އިތުރަށް ނޫސްތަކުގައިވާ ގޮތުން މިހާރު ކަރެކްޝަނަލްސް އިން ސަންޖޭ ދަތުގެ އަހުލާގު ރަނގަޅުވުމުގެ ސަބަބުން ހުކުމުން 144 ދުވަސް ކެނޑުމާއި ބެހޭގޮތުން އަންނަނީ މަޝްވަރާކުރަމުންނެވެ.

އަހުލާގު ރަނގަޅުވުމުން ތަންފީޒުކުރަމުން އަންނަ ހުކުމުގެ ގިނަ ދުވަސްތަކަކަށް މާފު ލިބުމުގެ އިތުރަށް، ޖަލުގައި ހުންނައިރު އަހުލާގު ރަނގަޅޔ ނަމަ މަހަކު ތިން ދުވަހުގެ ޗުއްޓީއެއް ލިބުމުގެ އިތުރަށް ޖަލުގައި ކުރަން ހުންނަ މަސައްކަތްތަކުގެ ތެރެއިން ތައުރީފު ހައްގުވާ ކަހަލަ މަސައްކަތެއް ކޮށްފިނަމަ ހަތަރު ދުވަހުގެ ޗުއްޓީ އެއް ލިބޭނެ އެވެ، އެގޮތުން މަހެއްގައި ހަތް ދުވަހުގެ ޗުއްޓީއެއް އަހުލާގު ރަނގަޅު ނަމަ ގައިދީންނަށް ދެވޭ އުސޫލުތަކެއް އޮންނައިރު މުޅި އަހަރު ތެރޭގައި ހުރިހާ ގައިދީންގެ ތެރެއިން އެންމެ އަހުލާގުގެ ގޮތުން އެންމެ ރަނގަޅު ގައިދީ އަކަށް ހޮވިއްޖެނަމަ އެއް މަސްދުވަހުގެ ޗުއްޓީ އެއް ލިބޭނެ އެވެ.

މިގޮތަށް ގައިދީން ތަންފީޒުކުރަމުން އަންނަ ހުކުމުން ދުވަސް އުނިކުރުމުގެ ބާރު ލިބިގެންވަނީ ސަބް ސުޕަވައިޒާ އާއި ޗީފް ސުޕަވައިޒާގެ އިތުރުން ސީނިއާ ޕޮލިސް އޮފިސަރުންނަށެވެ.

ދެހާސް ތޭރަ ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ޖަލަށްލީ ސަންޖޭ ދަތު މިހާތަނަށް ވަނީ ކަފާލާތުގެ ދަށުން ތިން ފަހަރަކު، އެއިން ކޮންމެ ފަހަރަކު މަސް ދުވަހަށް މިނިވަންކޮށްފަ އެވެ.

ސަންޖޭ ދަތު މިނިވަންވާ ދުވަސް ގާތްވަމުން އަންނައިރު، ޑައިރެކްޓަރު ރާޖް ކުމާރު ހިރަނީ އަންނަނީ އޭނާގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފެއްދުމަށް ތައްޔާރުކުރަމުންނެވެ. އެގޮތުން ސަންޖޭ ޖަލުން މިނިވަން ވުމުން މިފިލްމުގެ މަސައްކަތް ފެށޭނެ ކަމަށްވެސް ހިރާނީ ވަނީ މިފަހުން ބުނެފަ އެވެ.

މީގެ 21 އަހަރު ކުރިން، 1993 ވަނަ އަހަރު މުމްބާއީގައި ބޮން ގޮއްވުމުގެ ހާދިސާގައި އަމިއްލަ ނަފްސު ހިމާޔަތްކުރުމަށް ހުއްދަ ނޫން ހަތިޔާރެއް އަތުގައި ބެއްވުމުގެ ކުށް ސާބިތުވެ ސަންޖޭ ފަސް އަހަރަށް ޖަަލަށް ލާން ހުކުމްކޮށްފައިވަނީ 21 މާޗް 2013 ވަނަ އަހަރު އެވެ.އަދި މިމައްސަލައިގައި ސަންޖޭ ކުރިން 18 މަސް ދުވަސް ޖަލުގައި ހޭދަކޮށްފައިވާތީ މިހާރު ޖަލުގައި ހޭދަކުރަމުން އެދަނީ ހުކުމުގެ ބާކީ އޮތް ތިން އަހަރާއި ހަމަދުވަހުގެ މުއްދަތެވެ.