އެޗްޑީސީ

ސެލިއުލާ ޓަވަރުތަކުން ހިދުމަތްދޭން ދިރާގަށް

Oct 28, 2021

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޗްޑީސީން ގާއިމް ކޮށްފައިވާ ސެލިއުލާ ޓަވަރުތައް ބޭނުން ކޮށްގެން ހިދުމަތް ދިނުމަށް ދިރާގާއި ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން އެ ސަރަހައްދުގެ މުވާސަލާތީ ގުޅުމާއި އަދި މޯބައިލް ކަވަރޭޖް ރަނގަޅުވެގެންދާނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

އެޗްޑީސީންން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ޓަވަރުތައް ވެސް ހަރުކުރާނެ ކަމަށެވެ. އެ ޓަވަރުތައް މެދުވެރިކޮށް މި ދާއިރާއިން ހިދުމަތް ފޯރުކޮށްދެމުންދާ އެހެން ކުންފުނިތަކާއެކު ވެސް މުސްތަގުބަލުގައި މަސައްކަތް ކުރާނެ ކަމަށެވެ.

އެޗްޑީސީގެ ޕްލޭނަކީ ވަކިވަކިން ގިނަ ސެލިއުލާ ޓަވަރުތަކެއް ކުންފުނިތަކުން ހަރުކުރުމުގެ ބަދަލުގައި ދެވަނަ ފިޔަވަހީގެ ތަރައްގީގެ ޕްލޭނާ އެއްގޮތަށް އެކަށީގެންވާ ވަރަށް ޓަވަރު ހަރުކޮށް ހުރިހާ ކުންފުންޏަކުން ވެސް ހިދުމަތް ދިނުން ކަމަށް އެކުންފުނިން ބުންޏެވެ. އެގޮތަށް ޓަވަރުތައް ބޭނުންކުރުމުން މުވާސަލާތީ ހިދުމަތް ދޭ ކުންފުނިތަކުން ކުރަންޖެހޭ އިންވެސްޓްމެންޓް ހަރަދު ކުޑަވާނެ އެވެ.

ހުޅުމާލޭގައި ފުރިހަމަ ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއް ގާއިމްކޮށް މުވާސަލާތީ ހިދުމަތްތަކުން ގުޅައިލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އެޗްޑީސީއިން ބުނެ އެވެ. ކަވަރޭޖް ރަގަޅުކުރުމަށް ކުރިއަށްއޮތްތަނުގައި ރޫފްޓޮޕް އަދި ސްޓްރީޓް ޕޯލްސް ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެޗްޑީސީއިން ބުންޏެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވަމުން އަންނަ އިރު ހިޔާ ފްލެޓްތަކުގައި މިހާރު މީހުން ވަނީ ދިރިއުޅެން ފަށައިފަ އެވެ. ނަމަވެސް އެ ސަރަހަދުގައި އަދިވެސް ރަގަޅަށް މުވާސަލާތީ ހިދުމަތްތައް ނުލިބޭ ކަމަށް ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ.