އައްޑޫ ސިޓީގައި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ އެންމެ ބޮޑު ޓޫރިޒަމްގެ މަޝްރޫއު، އިސްމެހެލަ ހެރައިގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއު އަންނަ މަހު ފަށައިގަތުމަށް ނިންމައިފި އެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކެއް ވެސް ސަރުކާރުން މިހާރު ވަނީ ހޯދައިފަ އެވެ.
އައްޑޫއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވީ އިސްމެހެލާ ހެރައަށް ރާއްޖޭގެ ކުންފުންޏަކާއި ބޭރގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެއް ކުންފުނި އެ ރަށް ތަރައްގީ ކުރާނެ ގޮތުގެ ކޮންސެޕްޓެއް ހުށަހަޅާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެ މަޝްރޫއު ފެށުމަށް ސަރުކާރުން އިއުލާން ކޮށްފައި އޮތީ މިއަހަރުގެ އޮކްޓޯބަރު މަހު ހިސާބުގަ އެވެ. އެހެން ނަމަވެސް އެކި މައްސަލަތައް ދިމާވެ އެ މަޝްރޫއު އޮތީ ކުރިއަށް ނުގޮހެވެ.
ޒަމީރު ވިދާޅުވީ މި ފެށޭ ހަފްތާގައި އިސްމެހެލާހެރަ ހަވާލު ކުރާނެ ކުންފުންޏެއް ސަރުކާރުން ފައިނަލައިޒް ކުރާނެ އެވެ. އަދި އެއަށް ފަހު އަންނަ މަހުގެ ތެރޭގައި އަމަލީ މަސައްކަތްތައް އެ ކުންފުންޏަށް ފަށައިގަނެވޭ ވަރު ވާނެ ކަމަށް ޒަމީރު އުންމީދު ކުރައްވަ އެވެ.
"އެ މަޝްރޫއުގެ ކަންކަން ސަރުކާރުން ހުއްޓައެއް ނުލާ. ދެން މިކަން ވަރަށް ބާރަށް ކުރިއަށް ދާނެ. ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ މަޝްރުއެއް އެއީ. އެއީ މި ސިޓީގެ އެނދުގެ ކެޕޭސިޓީ 4،000 ހާހަށް ހެދުމުގެ ވައުދު އަޅުގަނޑުމެން މި ދައުރުގެ ތެރޭގައި އިރާދަ ކުރެއްވިއްޔާ ފުއްދާނަން،"މިނިސްޓަރު ވިދާޅުވި އެވެ.
އެ ރަށް ތަރައްގީ ކުރުމުގެ މަޝްރޫއު މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ސަރުކާރުން އިއުލާން ކުރުމުން، ސަންލޭންޑް ހޮލިޑޭޒް އިން މީގެ ކުރިން ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ. އެހެން ނަމަވެސް ފަހުން އެ މަޝްރޫއަށް ވީގޮތެއް ނޭނގެ އެވެ.
ސަރުކާރުން ކުރިއަށް ގެންދާ ގެސްޓް ހައުސް އައިލެންޑް މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން އައްޑޫގައި 1800 ވަޒީފާ އިތުރު ވެގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ. މި ރިސޯޓުގެ މަޝްރޫއުގެ ދަށުން އައްޑޫގައި 600 އެނދު ތަރައްގީ ކުރުމްށް ހަމަޖެހިފައިވެ އެވެ.