އައްޑޫ ސިޓީގައި ޓޫރިޒަމް އިންވެސްޓްމަންޓް ފޯރަމެއް ބާއްވަން ސަރުކާރުން ނިންމައިފި އެވެ. އައްޑު އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި އެ ސިޓީގައި ހުންނަވައިގެން މިރޭ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު "އަވަސް" އަށް ވިދާޅުވީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ލޯކަލް ޓޫރިޒަމް އިންވެސްޓްމެންޓް ފޯރަމް އައްޑު އަތޮޅަށް އަމާޒު ކުރީ ދެކުނުގެ އެ ސިޓީގައި ޓޫޒިޒަމަށް އޮތް ފުރުސަތު ބޮޑު ކަމުން ކަމަށެވެ.
"އަޅުގަނޑު މި ބަލަނީ ފެބުރުއަރީ މަހު މި އިންވެސްޓްމެންޓް ފޯރަމް އައްޑޫގައި ބާއްވަން. މި ފޯރަމަކީ ރާއްޖޭގެ އިންވެސްޓަރުންނަށް ހާއްސަ ފޯރަމެއް،" މިނިސްޓަރު މިރޭ ވިދާޅުވި އެވެ. "އައްޑޫގައި ގެސްޓް ހައުސް ވިޔަފާރީގެ ފުރުސަތުތައް ވަރަށް ބޮޑު އެހެންވެ އެކަމަށް ބޭނުންވާނެ ފަހި ގޮތްތައް ލިބޭނެ ކަންކަން ގެންނަންޖެހޭ،"
މިނިސްޓަރު ވިދާޅުވީ އައްޑޫ ފޯރަމްގައި މޫދު ކުޅިވަރުތަކާއި ގެސްޓް ހައުސް އާއި އިންޓްގްރޭޓެޑް ޓޫރިޒަމާ ގުޅިފައިވާ ދާއިރާތަކުން ރާއްޖޭގެ ހުރިހާ ހިސާބެއްގެ އިންވެސްޓަރުންނާއި ވިޔަފާރިތައް ބައިވެރި ކުރާނެ ކަމަށާއި އެކަމާ ގުޅުންހުރި ކަންކަން މިހާރު ހިނގައިގެންފައިވާ ކަމަށެވެ.
އަދި ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބޭރުގެ އެއާލައިންތަކުން ޝެޑިއުލް ދަތުރުތައް މެދުނުކެނޑި ކުރެވޭނީ އައްޑޫ ސިޓީގައި ޓޫރިޒަމް ބެޑް އިތުރުވެގެން ކަމަށާއި އެކަމަށް ބޭނުންވާ ބައެއް ސާވޭތައް ނިމި އިތުރަށް ހަދަން ޖެހޭ ސާވޭތައް ވެސް ކުރިޔަށްދާ ކަމަށެވެ.
އެ ސިޓީގައި އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ އޮފީހެއް ވެސް ހުޅުވަން ނިންމަވާފައިވާ ކަމަށްވެސް މިނިސްޓަރު މިރޭ ވިދާޅުވި އެވެ.