ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވޯލްޑް ބޭންކް

ސާކް ސަރަހައްދުގައި ހުންނަވާ ވޯލްޑް ބޭންކުގެ ނައިބް ރައީސް ރާއްޖެ ވަޑައިގަންނަވަނީ

Oct 28, 2021
1

ވޯލްޑް ބޭންކުން ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައިވާ ނައިބް ރައީސް ހާޓްވިގް ޝޭފަ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ އޮފިޝަަލަކު ވަނީ ހާޓްވިގް މާދަމާ ރާއްޖެ ވަޑައިގަންނަވާ ކަން ޔަގީންކޮށްދެއްވާފަ އެވެ.

ހާޓްވިގްގެ މިދަތުރުފުޅަކީ ކޮވިޑް 19 ދުނިޔެއަށް ފެތުރިގެން ދިޔަ ފަހުން ވޯލްޑް ބޭންކުގެ ފަރާތުން ރާއްޖެ އަށް ވަޑައިގަންނަވާ އެންމެ އިސް އޮފިޝަލެވެ.

ހާޓްވިގް ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން އޭނާ އާންމުކުރެއްވި މެސެޖެއްގައި ވިދާޅުވީ ކޮވިޑާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓި، ރައްޔިތުންގެ ދިރިއުޅުމަށް އަސަރުކޮށް ބައެއް އާއިލާތައް ވަކިވެފައިވާ ކަމަށެވެ. އެކަމަކު އަލުން ރާއްޖެ އަށް ފަތުރުވެރިން އަންނަން ފެށުމަކީ ރާއްޖޭގެ އިގްތިސާދަށާއި ރައްޔިތުންނަށް އޮތް ރަނގަޅެއް ކަމަށެވެ.

ހާޓްވިގް ވިދާޅުވީ ކޮވިޑް ތެރޭގައި ރާއްޖޭގެ ސިއްހީ ދާއިރާ ވަރުގަދަކުރުމަށާއި އުދަނގޫތަކެއް ތަހައްމަލް ކުރަންޖެހުނު އާއިލާތަކާއި މަސައްކަތްތެރިންނަށް އިންކަމް ސަޕޯޓް ދިނުމަށް ވޯލްޑް ބޭންކުން އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ޒަމާނީ ކުރުމާއި ސުކޫލުތައް އިމާރާތް ކުރުމާއި ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ޕްރޮމޯޓް ކުރުމާއި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ކުރާ މަސައްކަތްތަކަށް ވެސް ވޯލްޑް ބޭންކުން އެހީތެރިވެދީފައިވާނެ ކަމަށް ފާހަގަކުރެއްވި އެވެ. އެކަމަކު އަދިވެސް އިތުރު މަސައްކަތްތައް ކުރަން ހުރި ކަމަށް ވިދާޅުވި އެވެ.

ހާޓްވިގް ވިދާޅުވީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ކަމާ ގުޅޭ ފަރާތްތަކާ ބައްދަލުކޮށް ކޮވިޑުން އަރައިގަތުމަށް ކުރާ މަސައްކަތްތަކާއި، ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކި ދާއިރާތަކުގެ ކުރިއެރުމަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.

ރާއްޖެއަށް ވަޑައިގަންނަވާ ކަމަށް ވިދާޅުވެ ހާޓިވިގް ޓްވީޓް ކުރެއްވުމާ ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ އޭނާ އަށް މަރުހަބާ ދެންނެވުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށެވެ. ވޯލްޑް ބޭންކަކީ ރާއްޖޭގެ ތަރައްގީގައި ޒަމާންވީ ބައިވެރިއެއް ކަން ފާހަގަކުރައްވާ އަމީރު ވިދާޅުވީ ކޮވިޑް 19އާ ކުރިމަތިލުމަށް ވެސް ވޯލްޑް ބޭންކުން ރާއްޖެއަށް މުހިއްމު އެހީތަކެއް ދެއްވާފައިވާ ކަމަށެވެ.