ސުޕްސްޓާ ސަލްމާން ޚާންގެ ހަޔާތުގެ މައްޗަށް ލިޔާ ފޮތް، އޭނާގެ 50 ވަނަ އުފަންދުވަހާއި ދިމާކޮށް މިމަހުގެ 27 ވަނަ ދުވަހު ރިލީޒްކުރަން ނިންމައިފި އެވެ.
"ބީންގ ސަލްމާން"ގެ ނަން ދީފައިވާ މިބަޔޮގްރަފީ ލިޔެފައިވަނީ ޖާސިމް ޚާން އެވެ. އަދި މިފޮތުގައި ސަލްމާންގެ ޒާތީ ދިރިއުޅުމުގެ އިތުރުން އާއިލާ އާއި ބެހޭގޮތުން ލިޔެފައިވާނެ ކަމަށް ސަލްމާންގެ ފަރާތުން ނެރުނު ސްޓޭޓްމަންޓެއްގައިވެ އެވެ.
ސަލްމާން ބޮލީވުޑަށް ތައާރަފުވެފައިވަނީ 1988 ވަނަ އަހަރު ނިކުތް "ބީވީ ހޯތޯ އެއިސޭ" އިންނެވެ. ނަމަވެސް ސަލްމާން މަޝްހޫރުވެފައިވަނީ އޭގެ ޖެހިގެން އައި އަހަރު ނިކުތް ފިލްމު "މެއިނެ ޕިޔާރް ކިޔާ" އިންނެވެ.
ސަލްމާން އަންނަނީ "ބީންގް ހިއުމަން" ނަމުގައި އެންޖީއޯ އެއްވެސް ހިންގަމުންނެވެ.
މިހާތަނަށް 90 އެއްހާ ފިލްމު ކޫޅެފައިވާ ސަލްމާންގެ މިފަހުން ނިކުތް ގިނަ ފިލްމުތަކަށް ވަނީ ބްލޮކްބާސްޓާގެ ދަރަޖަ ލިބިފަ އެވެ. އޭގެތެރޭގައި، "ކިކް" އާއި "އޭކް ތަ ޓައިގާ" އާއި "ދަބަންގް" ގެ އިތުރުން "ބަޖްރަންގީ ބައިޖާން" ހިމެނެ އެވެ.
މިއަހަރު ސަލްމާންގެ ދެފިލްމެއް ރިލީޒްވެފައިވާއިރު، ފިތުރު އީދާއި ދިމާކޮށް ރިލީޒްވި "ބަޖްރަންގީ ބައިޖާން" އަށް އިންޑިއާއިން އެކަނި 300 ކްރޯޑް ރުޕީޒްއަށް ވުރެން ގިނައިން ލިބިގެން ގޮސްފައިވާއިރު މިއީ ސަލްމާންގެ ފިލްމަކަށް އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު ފިލްމެވެ.
އޭގެފަހުން ސަލްމާން ވަނީ ސޯޅަ އަހަރުގެ މެދުކެނޑުމަކަށްފަހު މަޝްހޫރު ޑައިރެކްޓަރު ސޫރަޖް ބަރްޖަތްޔާގެ ފިލްމު "ޕްރޭމް ރަތަން ދަން ޕާޔޯ" ކުޅެފަ އެވެ. މިފިލްމަށް ވެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ވަނީ ލިބިގެން ގޮސްފަ އެވެ.
ސަލްމާންގެ ހަޔާތަކީ މައްސަލަތަކުން ފުރިގެންވާ ދިރިއުޅުމަކަށްވީއިރު، މިފޮތުގައި 2002 ވަނަ އަހަރު ސަލްމާން ދުއްވަން އިން ކާރު އެކްސިޑެންޓްވެ، އެކަކު މަރުވެ ތިން މީހަކު ޒަހަމްވި މައްސަލައަށާއި ހިމާޔަތް ކޮށްފައިވާ ޖަނަވާރެއް މަރާލި މައްސަލަޔަށް ވެސް އަލިއަޅުވާލާފައިވާނެ އެވެ.
މީގެއިތުރުން ވެސް މިފޮތުގައި ސަލްމާންގެ ޒާތީ ދިރިއުޅުމުގެ ގިނަބަޔަކަށް ނޭނގޭ އެތައް ކަމެއް ހިމެނޭނެ ކަމަށް ވެސްވެ އެވެ.