ސަލަފް ޖަމިއްޔާ

ސަލަފުގެ ބޮޑު ދަރުސް "މަގޭ ދީން" މިރޭ

ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރިކަމަށް މަސައްކަތް ކުރާ ޖަމިއްޔަތުއް ސަލަފުން އިންތިޒާމުކޮށްގެން ބާއްވާ ބޮޑު ދަރުހެއް މިރޭ އަލިމަސްކާނިވާގައި އޮންނާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.

ސަލަފު ޖަމިއްޔާ އުފެދުނީއްސުރެ އެ ޖަމިއްޔާއިން ގެންދަނީ ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރި ކަމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި އަތޮޅުތަކުގައި ސިލްސިލާ ދަރުސްތައް ބާއްވައެވެ. ނަމަވެސް މިދިޔަ ދުވަސްތަކުގައި ބޮޑެތި ދަރުސްތައް ބޭއްވިފައިނުވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެންނެވެ.

މެދުކެނޑުމަކަަށް ފަހު އެ ޖަމިއްޔާއިން މިރެއިން ފެށިގެން އަނެއްކާވެސް ދަރުސް ސިލްސިލާ ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އެ ގޮތުން މިރޭ 9:00 ޖަހާއިރު ކާނިވާ ސަރަހައްދުގައި ހާއްސަ ދަރުހެއް އޮންނާނެ އެވެ.

ދަރުސް ދެއްވާނީ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އަހުމަދު ސަމީރެވެ. ދަރުސްގެ މައުލޫއަކީ "މަގޭ ދީން" މި މައުލޫއެވެ.

ސަލަފުން ވަނީ ވީހާވެސް ގިނަ ބަޔަކު ދަރުސް އަޑުއެހުމަށް ހާޒިރުވުމަށް އެދިފައެވެ.

ދީނީ ދަރުސްތަކުގެ އިތުރުން ޓީވީ ޝޯތަކާއި ވަރަށް ގިނަ ޕްރަގްރާމްތައް އެ ޖަމިއްޔާއިން އުފައްދާ ގެނެސްދެއެވެ. އަވަސްއާ ގުޅިގެންވެސް "ތަސްލިޔާ" ގެ ނަމުގައި ހާއްސަ ޕްރަގްރާމެއް ދަނީ ގެނެސްދެމުންނެވެ.

މީގެ އިތުރުން ކޮންމެ ހަފްތާ ބަންދަކު އަތޮޅުތެރޭގެ ދެ ރަށެއްގައި ސަލަފުން ދީނީ ދަރުސްތަކާއި އިވެެންޓްތައް ކުރިއަށް ގެންދެއެވެ. އަދި ދީނީ ގޮތުން ރައްޔިތުންނަށް އޮޅުން އަރާ ކަންކަން ސާފުކޮށް ދިނުމުގައި އެ ޖަމިއްޔާގެ ދީނީ އިލްމުވެރިން ވަރަށް ގިނަ ވަގުތު ހޭދަކުރައްވައެވެ.

ދިވެހިންގެ ދީނީ ހޭލުންތެރިކަމަށް މަސައްކަތް ކުރުމަށް އުފެއްދި ޖަމިއްޔާތަކުގެ ތެރެއިން ރައްޔިތުންގެ އިތުބާރު އެންމެ ބޮޑު އަދި އެންމެ ހަރަކާތްތެރި ޖަމިއްޔާއަކީ ސަލަފެވެ.