އައިޖީއެމްއެޗް

މިދިޔަ އެއް އަހަރު ސްޓްރޯކް ޖެހިގެން 626 މީހަކަށް ފަރުވާ

Oct 28, 2021

އައިޖީއެމްއެޗްގައި ހުޅުވާފައިވާ ސްޓްރޯކް ސެންޓަރުން މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 626 މީހަކަށް ފަރުވާ ދީފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

މާދަމާއަކީ ދުނިޔޭގެ ސްޓްރޯކް ބަލީގެ ދުވަހެވެ. ދުވަހާއި ގުޅިގެން އެ ހޮސްޕިޓަލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އައިޖީއެމްއެޗް ހޮސްޕިޓަލްގައި ހުޅުވާފައިވާ ސްޓްރޯކް ސެންޓަރުން އޮކްޓޫބަރު 17، 2020ން އޮކްޓޫބަރު، 25 2021ގެ ނިޔަލަށް 291 މީހަކަށް ފަރުވާދީފައިވާ ކަމަށެވެ. އަދި ސެޕްޓެންބަރު 27، 2020 ފެށިގެން މިހާތަނަށް 626 މީހަކަށް ސްޓްރޯކް ކްލިނިކުން ހިދުމަތް ދީފައިވާ ކަމަށެވެ.

އެ ހޮސްޕިޓަލުން ބުނީ ސްޓްރޯކް ސެންޓަރަކީ އެ ބަލި ޖެހިގެން ގެންނަ ބަލިމީހުންނަށް ލިބެންޖެހޭ ހިދުމަތްތައް ވީހާވެސް އަވަހަށް ފޯރިކޮށް ދިނުމަށް ހާއްސަކޮށްފައިވާ ސެންޓަރެއް ކަމަށެވެ. އެ ސެންޓަރުން ހިދުމަތް ދިފައިވާ ބަލިމީހުންގެ ތެރެއިން އެންމެ ގިނަ މީހުން ފަރުވާ ހޯދާފައި ވަނީ ސިކުނޑިއަށް ޖެހޭ ސްޓްރޯކްގެ ބާވަތެއް ކަމަށްވާ އިސްކީމިކް ސްޓްރޯކަށެވެ. 210 މީހަކަށް ވަނީ އިސްކީމިކް ސްޓްރޯކް ޖެހިގެން ފަރުވާ ދީފައެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް މީހުން ފަރުވާ ހޯދާފައިވަނީ ވެސް ހަމަ ސިކުނޑިއަށް ޖެހޭ ހެމޮރެޖިކް ނަމަކަށް ކިޔާ ސްޓްރޯކްގެ ބާވަތަކަށެވެ. މިބާވަތުގެ ސްޓްރޯކް ޖެހިގެން ގުމްލަ 44 މީހަކު ވަނީ ފަރުވާ ހޯދާފައެވެ. 

އައިޖީއެމްއެޗް ބުނި ގޮތުން ސްޓްރޯކް ކްލިނިކްއަކީ ސްޓްރޯކަށް ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާ ބަލިމީހުނަށް ގަވާއިދުން ފަރުވާ ދިނުމަށް ހުޅުވި ކްލިނިކްއެކެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލުން ދުނިޔޭގެ ސްޓްރޯކް ބަލީގެ ދުވަސް ފާހަކަ ކުރުމުގެ ގޮތުން ބައްޔާމެދު މީހުން ހޭލުންތެރިކުރުމަށް މާދަމާ ހަވީރު ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ގުޅިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ހާއްސަ ހަރަކާތްތަކެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ މިދުވަހުގެ ޝިޔާރަކީ "މިނެޓްސް ކެން ސޭވް ލައިވްސް" އެވެ.