އައިޖީއެމްއެޗްގައި މަސައްކަތްކުރާ ފިލިޕިންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.
މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ފިލިޕިންސް ފިރިހެން މީހާގެ ބަންދަށް ކޯޓުން ދިނީ 15 ދުވަހެވެ. އެކަން ފުލުހުން ވަނީ ޔަގީންކޮށްދީފައެވެ.
ފުލުހުން އިއްޔެ ބުނެފައި ވަނީ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އަންހެން މީހާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު ޕޯސްޓްމޯޓަމް ހަދާ ގައުމެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.
އަމިއްލައަށް މަރުވި ކަމަށް ބުނާ މި އަންހެން މީހާގެ މައްސަލަ ފުލުހުން ބަލަން ފެށީ މި މަހުގެ 19 ވަނަ ދުވަހު އެވެ. މައްސަލަ ބަލަން ފެށީ އެ މީހާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރެގެން ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
އޭނާ މާލޭގައި އުޅެމުން ދިޔައީ ފިރިމާހާއާއި އަދި ހަތަރު އަހަރުގެ ދަރިފުޅާ އެކުގައި ކަމަށް އެނގިފައިވެ އެވެ.
މި ހާދިސާއަށްފަހު އަންހެން މީހާގެ ފިރިމީހާގެ ޕާސްޕޯޓު ވެސް ފުލުހުން ވަނީ ހިފަހައްޓާފަ އެވެ.