ހަބަރު

ލަމްހާގެ ބަންދަށް ތިންވަނަ ފަހަރަށް މުއްދަތު ޖަހައިފި

Jan 16, 2022
2

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މޭރީގެ ފިރިމީހާ މާވިންގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ ބަންދަށް އަނެއްކާ ވެސް މުއްދަތު ޖަހައިފި އެވެ.

މިއީ އޭނާގެ ބަންދަށް މުއްދަތު ޖެހި ތިންވަނަ ފަހަރެވެ. މި މަހުގެ ދެވަނަ ދުވަހު ލަމްހާގެ ބަންދަށް ޖެހި 15 ދުވަސް ހަމަވުމުން މި ފަހަރު ޖެހީ 10 ދުވަހުގެ މުއްދަތެވެ.

މޭރީގެ މަރުގެ މައްސަލާގައި މާވިން ހައްޔަރުކުރީ މިދިޔަ އޮކްޓޫބަރު 27 ވަނަ ދުވަހު އެވެ. ލަމްހާ ހައްޔަރުކުރީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ.

މޭރީއާއި މާވިންއާއި ލަމްހާ އަކީ އައިޖީއެމްއެޗްގެ ނަރުހުންނެވެ. މާވިން އާއި ލަމްހާ މަސައްކަތް ކުރަމުން ދިޔައީ ޑައިލިސިސް ޔުނިޓްގަ އެވެ.

މާވިންއާއި ލަމްހާގެ މައްޗަށް ދައުވާކޮށްދިނުމަށް ފުލުހުން މިހާރު ވަނީ އެ މައްސަލަ ޕީޖީ އޮފީހަށް ވެސް ފޮނުވާފަ އެވެ. މޭރީ މަރަން ރޭވުމާއި، މަރު ފޮރުވުމާއި، ކުށް ކުރުމަށް ރޭވުމާއި، ކުށެއް ކުރުމަށް އެދުމާއި، ކުށްކުރުމުގެ އާލާތް އަތުގައި ހުރުމާއި އަދި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތު ލަމްހާގެ މައްޗަށް ކުރެވެ އެވެ.

މޭރީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ވެސް ވަނީ ހަދާފަ އެވެ. ފުލުހުން ބުނީ މޭރީ އަމިއްލައަށް ދަންޖެހިފައިވާ ކަމަަށް ނުބެލެވޭ ކަމަށެވެ. އަދި ބެލެވެނީ އެއްޗަކުން ޖެހުމުން މަރުވީ ކަމަަށެވެ. ނުވަތަ މީހެއްގެ ފަރާތުން ލިބުނު ބޮޑު އަނިޔާއަކުން މަރުވީ ކަމަަށް ބެލެވޭ ކަމަށެވެ.

މޭރީ މާލޭގައި އުޅެމުން ދިޔައީ ފިރިމާހާއާއި އަދި ފަސް އަހަރުގެ ދަރިފުޅާ އެކުގަ އެވެ. ދަރިފުޅު މިހާރު ވަނީ މެރީގެ އާއިލާއާ ހަވާލުކޮށްފަ އެވެ.