އިންޑިއާ

ޗެންނާއީގައި ތިބި ދިވެހިން ރައްކާތެރި ސަރަަހައްދުތަކަށް ބަދަލު ކުރަނީ

Dec 4, 2015

އިންޑިއާގެ ޗެންނާއީއަށް ކުރާ ވިއްސާރައިގައި އެ އަވަށުގެ ބޮޑު ބައެއްގައި ފެންބޮޑުވެފައި ވާތީ އެތަނުގައި، ދިރިއުޅެމުން އަންނަ ދިވެހިންނަށް އެހީތެރިވުމަށް ކުރަމުން އަންނަ މަސައްކަތުގައި ބައެއް ދިވެހިން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި އެވެ.

ދިއްލީގައި ހުންނަ ދިވެހި ހައިކޮމިޝަނަރު، އަހުމަދު މުހައްމަދު ވިދާޅުވީ ޗެންނާއީގައި އުޅޭ ކަމަށް ހައިކޮމިޝަނަށް ލިބިފައި އޮތީ 55 މީހެއްގެ މައުލޫމާތު ކަމަށެވެ. އޭގެ ތެރެއިން ނުވަ މީހެއް ފިޔަވައި އެންމެންނާ ގުޅުނު ކަމަށް އަހުމަދު ވިދާޅުވި އެވެ. އަހުމަދު ވިދާޅުވި ގޮތުގައި އެހެން ސަރަހައްދުތަކަށް ބަދަލުވާން ބޭނުންވި ދިވެހިން ބެންގަލޫރަށާއި ޓްރެވިންޑްރަމްއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބައެއް އާއިލާތައް މިހާރު އަމިއްލަ އަށް ބެންގަލޫރަށް ގޮސްފައިވާ އިރު، ޑްރެވިންޑްރަމްއަށް އަންނަން ބޭނުންވާ ދިވެހިން ހައިކޮމިޝަނުގެ ވެހިކަލްތަކުގައި އެ ސަރަހައްދަށް މާދަމާ ގެންދާނެ ކަމަށް އަހުމަދު ވިދާޅުވި އެވެ.

މިހާތަނަސް ގުޅުނު އެއްވެސް އާއިލާއެއް ހާލުގައި ޖެހި، ގެއްލުމެއް ލިބިފައި ނެތް ކަމަށް އަހުމަދު ވިދާޅުވި އެވެ. އެންމެންގެ ހާލު ވެސް ރަނގަޅުކަން ފާހަގަ ކުރެއްވި އެވެ. ނުގުޅި ތިބި އަނެއް ނުވަ މީހުންނާ ނުގުޅެނީ ފެންބޮޑުވުމުގައި މުވާސަލާތީ ހިދުމަތަށް ބުރޫއަރާފައިވާތީ ކަމަށް ބެލެވޭ ކަމަށް ހައިކޮމިޝަނަރު ވިދާޅުވި އެވެ. އެހެން ނަމަވެސް އެ މީހުން ދީފައި ހުރި އެޑްރެސްތަކަށް ގޮސްގެން އެ މީހުންނާ ވެސް ބައްދަލު ކުރުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

''ދިމާވި ތަކުލީފު ފިޔަވައި، ނޫނީ ލިބުނު ޝޮކް ފިޔަވައި، ޢާއްމުކޮށް ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅު. ކާބޯތަކެތީގެ މާބޮޑު ދަތިތަކެއް ދިމާވެ ނޫނީ ފެނަށް ޖެހި، ކާނާއަށް ޖެހި މިކަހަލަ ކަމެއް ދިމައެއް ނުވޭ އިރާދަކުރެއްވިއްޔާ" ދިވެހި ސަފީރު ވިދާޅުވި އެވެ.

ޗެންނާއީއަށް ވާރޭ ވެހުމުގެ ސަބަބުން އެތައް ބަޔަކު ވަނީ މަރުވެފަ އެވެ. އަދި އެ އަވަށުގެ ބޮޑު ބައެއް އަދިވެސް އޮތީ ފެނުއަޑީގަ އެވެ. އެ މީހުންނަށް އެހީވުމަށް އެގައުމުގެ އެތައް ހާސް ސިފައިންނެއް ވަނީ ހިދުމަތަށް ނެރެފަ އެވެ.