ސަލަފް ޖަމިއްޔާ

ވަރުގަދަ މެސެޖުތައް ހިމެނޭ ދަރުސެއް ސަލަފުން ދީފި

Oct 29, 2021
8

ވަރުގަދަ މެސެޖުތަކެއް ހިމެނޭ މުހިންމު ދަރުސެއް ޖަމިއްޔަތުއް ސަލަފުން ރޭ ބާއްވައިފި އެވެ. ސަލަފުން ރޭ ދަރުސް ބޭއްވީ "މަގޭ ދީން" މި ނަމުގައެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އަހުމަދު ސަމީރު ދެއްވި ދަރުސްގައި ދިވެހިން ބަލައިގެންފައިވާ މަތިވެރި އިސްލާމްދީނަށް މިއަދު ހުރި ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކާއި ދެކޮޅަށް މަސައްކަތް ކުރަން ޖެހޭ ގޮތް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްދެއްވިއެވެ. އަދި ދީނުގެ އަސްލުތަކާއި ހިލާފު ނިންމުންތައް ނިންމަމުން ގެންދާތީ އެކަންކަމާ ދެކޮޅަށް ވާހަކަ ދެއްކެވިއެވެ.

ކާނިވާ ސަރަހައްދަށް ޖަމާވެފައިވާ އެތައް ސަތޭކަ ބަޔަކާއި މުހާތަބުކޮށް ދަރުސް ދެއްވަމުން ޝައިހް ސަމީރު ވިދާޅުވަނީ ޒިނޭގެ ކުށް ސާބިތުކުރުމަށް ޑީއެންއޭ ހެއްކެތް ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި އެޅުމަށް އިޝާރާތް ކުރައްވާ އެކަމާއި ގުޅޭގޮތުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ސަމީރު ވިދާޅުވި ގޮތުގައި ޖިނާއީ އަދުލުގެ ނިޒާމު އެއްކޮށް ފުނޑާލައި ދީނުގެ ހައްދުތަކަކީ ކުޅިވަރާއި މަޖަލާއި ސަކަރާތެއްކަމަށް ދެކޭ ބަޔަކު ދިވެހިންގެ ތެރޭގައި އެބަތިއްބެވެ. އަދި ދީނުގެ އިލްމު ނެތް މީހުން ދީނުގެ ހުކުމްތަކާއި ގުޅޭގޮތުން ގޮތް ނުނިންމޭނެ ކަމަށް ވިދާޅުވިއެވެ.

"ގުރުއާނުގެ ތަފްސީރެއް އޭގެ އުސޫލެއް، ހަމައެއް، ހަދީސެއް، ސައްހައެއް، ނުސައްހައެއް، އިލްމުވެރިންގެ ބަސްތަކެއް، ކިޔޭނެ ބަހުރުވައެއް ނުދަންނަ ބަޔަކު އިސްލާމްދީނުގެ ކައްޗަށާއި ދިގަށް އަދި ހުރަހަށް ވާހަކަ ދައްކަން ފެށީމަ އަމިއްލަ މީހުންނަށް އެބަ އެނގެން ޖެހޭ މިއީ ތިމާމެންގެ ދާއިރާއެއް ނޫންކަން،"

ސަމީރުގެ ދަރުސްގައި އަނިޔާވެރި ވެރިންގެ އަނިޔާތަކާއި ބާރުގަދަ ގައުމުތަކުގެ އަޅުވެތިކަން ދިވެހިންނަށް ތަޖުރިބާ ކުރަން ޖެހިފައިވާއިރު އެއިން އެއްވެސް ފަހަރަކު ދިވެހިން "ވަރިހަމަ" ކޮށްގެން ނުތިބޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި ކޮންމެ ފަހަރަކު އަނިޔާވެރިންގެ ކިބައިން މާތްﷲ ދިވެހި ގައުމު ސަލާމަތް ކުރައްވާފައިވާ ކަމަށް ވަރަށްވެސް އާދަޔާ ހިލާފު ގޮތަކަށް ކަމަށެވެ.

"ގޯވާ ކަރައަށް ގޮސް ނަސާރާ ދީނަށް ވަތް ނުވަވަނަ ހަސަން ރަސްގެފާނުގެ ވެރިކަންވެސް ދިވެހިން ވަނީ ދެކެފައި. އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ފުރުސަތު މި ފަސްގަނޑުން ފަހިކޮށްދިން ޚާއިނުންނާއި ދިވެހިންގެ މައްޗަށް އަނިޔާވެރިވި ވެރިން ދިވެހިން ވަނީ ދެކެފައި. އެ ހުރިހާ ހާލަތެއްގައިވެސް ﷲސުބުޙާނަހޫވަތަޢާލާ ވަނީ ފިސާރި އާދަޔާ ހިލާފު ގޮތަކަށް މި ގައުމު އެފަދަ އަނިޔާވެރިންގެ ފަރާތުން ސަލާމަތް ކުރައްވާފައި،" ސޯޝަލް މީޑިއާގެ ވަސީލަތްތަކުން އެތައް ސަތޭކަ ބަޔަކު ބެލި ދަރުސްގައި ޝައިހް ވިދާޅުވިއެވެ.

ދަރުސް ކުރިއަށް ގެންދަވާ ސަމީރު ވިދާޅުވީ ދިވެހިންގެ ވެރިއެއްގެ ގޮތުގައި އިންތިހާބުކުރާ ކޮންމެ ބޭފުޅަކުވެސް ދިވެހިންގެ ދީނާއި ދިވެހި ގައުމަށް އިހުލާސްތެރިވާން ޖެހޭނެ ކަމަށެވެ. ވެރިކަން ކޮށްދެއްވަން ޖެހެނީ ދިވެހިންގެ މައްޗަށް ކަމަށްވެސް ވިދާޅުވިއެވެ. އަދި ބޭރުގެ ނުފޫޒުތަކަށް ވަފާތެރިވާން ފަށައިފިނަމަ ދިވެހިން ނުތިބޭނެ ކަމަށް ވިދާޅުވިއެވެ.

ޝައިހް ވިދާޅުވި ގޮތުގައި ދިވެހިންގެ ތާހިރު އަގީދާ ހިމާޔަތް ކުރުމުގެ ޒިންމާ ކޮންމެ ރައްޔިތެއްގެ ކޮނޑުގައިވެސް އެޅިފައިވެއެވެ. އަދި އެ ޒިންމާ ފުރިހަަމަ ގޮތުގައި އަދާކުރެެއްވުމަށް ގޮވާލެއްވިއެވެ.

"އެހެންވީމަ މި ގައުމުގެ ސިޔާސީ ދާނޫނަށް މި ގައުމު ހިންގުމާ ހަވާލުވާ އެންމެހާ ބޭފުޅުންނަށް އަޅުގަނޑުމެން ދަންނަވާލަން އޮތީ ދިވެހި ގައުމުގެ އެންމެ މުހިންމު ބަހާއަކީ އިސްލާމްދީނޭ. ދިވެހި ގައުމަށް ވަފާތެރި ކޮންމެ މީހަކު ދިވެހިންނަށްޓަކައި ދިވެހިންގެ ގައުމުގެ އަސާސުތަކަށް ދިވެހީންނަށް ވެރިކަން ކޮށްދޭށޭ. އެއްވެސް ހާލަތެއްގައި ބޭރުގެ ނުފޫޒުތަކާއި ބާރުތަކަށް ވަފާތެރިވެ ދިވެހިން ބަލައިގެންފައިވާ މަތިވެރި އަގީދާއާ އަގީދާގެ އުސޫލުތައް ގުރުބާން ނުކުރާށޭ. އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ހެޔޮ ގޮތުގައި ހިފަހައްޓާށޭ،"

ޝައިހް ވިދާޅުވީ ރާއްޖެ އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށާ ދިވެހިންގެ ބިމުން އިސްލާމްދީނު ފުހެލުމަށް ބަޔަކު ވަރަށް ހީލަތްތެރިކަމާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އެއިން އެއްވެސް މަސައްކަތަކަށް ފުރުސަތު ނުދީ ދީނުގެ ވަފާތެރިންގެ ފަހަތުން ރައްޔިތުން ނިކުންނަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ދީނަށް ފުރައްސާރަކުރުމަށް ފުރުސަތު ނުދެވޭނެ ކަމަށް ވިދާޅުވިއެވެ. ލާދީނިއްޔަތު ފަތުރަން އުޅޭ ޖަމާއަތްތަކާއި ފަރުދުން އިސްލާމްދީން އުނގެނި އެ ދީނުގެ އުސޫލުތައް ދަސްކޮށް އެގޮތަށް ރުޖޫއަވުމަށްވެސް ގޮވާލެއްވިއެވެ. ޝައިހް ވިދާޅުވީ ދީން ހިމާޔަތް ކުރާނެ މެންބަރުން މަޖިލީހުގައިވެސް އެބަތިއްބެވި ކަމަށާ އަމުދުން މި ދިވެހި ފަސްގަނޑުގައި އެފަދަ އެތައް ހާސް ރައްޔިތަކު ތިބިކަން ސާބިތުކޮށްދީފައިވާ ކަމަށެވެ.

"އެމްޑީއެން ދިވެހިން ނިކުމެ ވަނީ އުވާލާފައި. އޭގެ ފަހަތުން ދަތުރުކުރަން ބޭނުން ހުރިހާ ޖަމާއަތްތަކާއި ހުރިހާ އަފުރާދުންނަށް ވަރަށް ސާފު މެސެޖެއް ދިވެހިން ވަނީ ދައްކާފައި. އެ މަގު ހިޔާރުކޮށްފި ކޮންމެ ފަރާތަކާއި ދެެކޮޅަށް އެއީ އަހަރެމެންގެ ގާތް މީހުންވިޔަސް ނިކުންނާނެކަން ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށްފައި. ހަމަ އެއާއެކުގައި އިސްލާމްދީނުގެ އިލްމުވެރިންގެ މަސައްކަތަށް ހުރަސް އެޅޭ ފަދަ ގޮތަކަށް ބިލެއް ފަރުމާކުރުމުން އެ ބިލާ ދެކޮޅަށްވެސް ދިވެހިން ވަނީ ވަރަށް ސާފުކޮށް ބަސް އިއްވާފައި. އިސްލާމްދީން ފެތުރުމަށް ހުރަސް އެޅިގެން ނުވާނެކަން ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށްދީފައި،"

ރޭގެ ޖަލްސާއަށް އެތައް ހާސް ބަޔަކު ހާޒިރުވިއިރު ސަލަފުގެ ސޯޝަލް މީޑިއާގެ ވަސީލަތްތަކުން 12،000 ވުރެ ގިނަ މީހުން ވަނީ ދަރުސް އަޑުއަހާފައެވެ. މިއީ މެދުކެނޑުމަކަށް ފަހު ސަލަފުން މިދިޔަ ދެ އަހަރުތެރޭ ބޭއްވި މިފަދަ ފުރަތަމަ ދަރުހެވެ.

ދީނީ ދަރުސްތަކުގެ އިތުރުން ޓީވީ ޝޯތަކާއި ވަރަށް ގިނަ ޕްރަގްރާމްތައް އެ ޖަމިއްޔާއިން އުފައްދާ ގެނެސްދެއެވެ. އަވަސްއާ ގުޅިގެންވެސް "ތަސްލިޔާ" ގެ ނަމުގައި ހާއްސަ ޕްރަގްރާމެއް ދަނީ ގެނެސްދެމުންނެވެ.

މީގެ އިތުރުން ކޮންމެ ހަފްތާ ބަންދަކު އަތޮޅުތެރޭގެ ދެ ރަށެއްގައި ސަލަފުން ދީނީ ދަރުސްތަކާއި އިވެެންޓްތައް ކުރިއަށް ގެންދެއެވެ. އަދި ދީނީ ގޮތުން ރައްޔިތުންނަށް އޮޅުން އަރާ ކަންކަން ސާފުކޮށް ދިނުމުގައި އެ ޖަމިއްޔާގެ ދީނީ އިލްމުވެރިން ވަރަށް ގިނަ ވަގުތު ހޭދަކުރައްވައެވެ.

ދިވެހިންގެ ދީނީ ހޭލުންތެރިކަމަށް މަސައްކަތް ކުރުމަށް އުފެއްދި ޖަމިއްޔާތަކުގެ ތެރެއިން ރައްޔިތުންގެ އިތުބާރު އެންމެ ބޮޑު އަދި އެންމެ ހަރަކާތްތެރި ޖަމިއްޔާއަކީ ސަލަފެވެ.