ބޮލީވުޑް

އާމިރް ޚާނާއެކު ލޯބީގެ ފިލްމެއް ކުޅެން ސަނީ ލިއޯން ބޭނުންވޭ

Dec 5, 2015

އެޑަލްޓް ފިލްމީ ތަރި ސަނީ ލިއޯން ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޮލީވުޑްގައި ފައިތިލަ ސާބިތުކޮށްފަ އެވެ.

މިހާތަނަށް އޭނާ ކުޅުނު އެއްވެސް ފިލްމެއްގައި ބޮލީވުޑްގެ މަޝްހޫރު ތަރިއެއް ނުހިމެނު ނަމަވެސް ސަނީ އަބަދުވެސް ވަނީ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ ޝާހްރުކް ޚާނާއި އާމިރް ޚާން އަދި ސަލްމާން ޚާނާއެކު ފިލްމު ކުޅެން ޝައުގުވެރިވާކަން ހާމަކޮށްފަ އެވެ.

މިތިން ތަރިންގެ ތެރެއިން ސަނީ އަކީ އާމިރް ޚާންގެ ވަރަށް ބޮޑު ފޭނެކެވެ.

އާމިރަށް ތައުރީފުކޮށް ސަނީ މީގެކުރިން ވާހަކަވެސް ދައްކާފައިވާއިރު، މީގެ ދުވަސްކޮޅެއް ކުރިން އާމިރަށް ތައުރީފުކޮށް ކުރި ޓްވީޓަކަށް އާމިރް ވަނީ ޖަވާބުވެސް ދީފަ އެވެ.

މިކަމާއި އިންތިހާ އަށް އުފާވެފައިހުރި ސަނީ ނޫހަކަށް ދިން އިންޓަވިއު އެއްގައި ވަނީ އަދި ދުވަހަކުވެސް އޭނާ އާއި އާމިރްއާ ބައްދަލުނުވާ ކަމަށާއި އަދި އާމިރް އާއެކު ލޯބީގެ ފިލްމެއް ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ.

"ކާކު ބޭނުންނުވާނީ އާމިރް ޚާނާއެކު ރޮމޭންސްކުރަން" ކޮންމެ ބަތަލާއެއްވެސް އާމިރް އާއެކު ފިލްމެއްގައި ލޯބީގެ ރޯލެއް ކުޅެން ބޭނުންވާނެ ކަމަށް ބުނަމުން ސަނީ ބުނެފައިވެ އެވެ.

ސަނީ ކުރި ޓްވީޓެއްގައި ޖަވާބު އާމިރް ދިނުމުން އެކަމާއި ގުޅޭގޮތުން ވަނީ އެކަމާއި ވަރަށް އުފާވި ކަމަށާއި އޭނާގެ ޓްވީޓަށް އާމިރް ޖަވާބު ދިން ވާހަކަ އޭނާ ކައިރީގައި ބުނެފައިވަނީ ވެސް ފިރިމީހާ ޑެނިއަލް ކަމަށެވެ.

"އަހަރެން އަދިވެސް ހަނދާން އެބަހުރި ޑެނިއަލް އަހަރެން ކައިރި .. އޭ، އާމިރް ސަނީގެ ޓްވީޓަށް ރިޕްލައި ކުރިކަން އެނގޭތަ؟ އަހަންނަކަށް ގަބޫލެއްވެސް ނުކުރެވުނު. ވަރަށް އުފާވި. އޭނާގެ ފަރާތުން އެކަހަލަ އިޝާރާތެއް ވެސް ލިބުން އެއީ ރަނގަޅު ކަމެއް" ސަނީ ބުނެފައިވެ އެވެ.

ސަނީ އަކީ ގަވާއިދުން އާމިރްގެ ފިލްމުތައް ވެސް ބަލާ ބަތަލާ އެކެވެ. އަދި ވަނީ އާމިރަކީ ހިންދީ ފިލްމު ތަރިންގެ ތެރެއިން މޮޅު ތަރިއެއް ކަމަށް ވެސް ބުނެފަ އެވެ.

މީގެއިތުރުން ވެސް މިފަހުން ސަނީ ވަނީ ބޮޑެތި ތަރިންނާއެކު ފިލްމު ކުޅުމަކީ ދެކޭ ވަރަށް ބޮޑު ހުވަފެނެއް ކަމަށް ބުނެފަ އެވެ.

ސަނީ އާއެކު ފިލްމުކުޅެން މަޝްހޫރު ތަރިންނަށް ހުށަހެޅުން ލިބުނު ނަމަވެސް އެކަމަށް ތަރިން އިންކާރު ކުރަނީ އޭނާ މާބޮޑަށް ނިވާކަން ކުޑަ ހެދުން އަޅައި ބޭއަދަބީ ހަރަކާތްތައް ދައްކާތީވެ އެވެ.

ސަނީ ދެން އެންމެ އަވަހަށް ފެނިގެންދާނީ އަންނަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ރިލީޒްކުރާ "މަސްތިޒާދޭ" އިންނެވެ.