ރާއްޖޭގެ ދަރަނީގެ ހާލަތު ކުރިއަށް އޮތް ދުވަސްތަކުގައި ރަނގަޅުވާނެ ކަމަށް ލަފާކޮށް ބައިނަލްއަގްވާމީ ކްރެޑިޓް ރޭޓިން ކުންފުނި، ފިޗުން ރާއްޖޭގެ ރޭޓިން "ސީސީސީ" އިން "ބީ މައިނަސް"އަށް މައްޗަށް ޖައްސައިފި އެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިން ބީ މައިނަސްގައި ހުއްޓާ ފިޗުން ރާއްޖެގެ ރޭޓީން ސީސީސީ އަށް ވައްޓާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
ފިޗުގެ ރޭޓިންއަށް ބަލާއިރު ސީސީސީ އަކީ މާލީ ހާލަތު އެންމެ ގޯސްވެގެން ދަރަނި ނުދެއްކިދާނެ ކަމަށް ފެންނަ ގައުމުތަކަށް ދޭ ރޭޓިން އެކެވެ.
ރާއްޖޭގެ ހާލަތު އެއް އަހަރު ފަހުން ބަލައި ވަޒަންކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން ބީ މައިނަސް އަށް މައްޗަށް ޖެއްސީ ކޮވިޑަށް ފަހު ރާއްޖޭގެ ޓޫރިޒަމް ކުރިން ލަފާކުރި ވަރަށް ވުރެ މާބޮޑަށް ހާލަތު ރަނގަޅުވެ ދަރަނި ދެއްކުމުގެ ގާބިލްކަން ރާއްޖެއަށް ލިބިފައިވާ ކަމަށް ފިޗަށް ގަބޫލުކުރެވޭތީ އެވެ.
ފިޗުން ރޭގެ ވަގުތެއްގައި ނެރުނު ރޭޓިންގައި ބުނެފައިވަނީ ރާއްޖެ އަށް އަދިވެސް ދަތިތަކެއް ހުރި ނަމަވެސް ރާއްޖޭގެ މާލީ ހާލަތު މިހާރު އޮތީ ނުރައްކަލުގައި ނޫން ކަމަށެވެ. ރާއްޖެއަށް ދަރަނި ދެއްކުމުގެ ގާބިލްކަން ލިބިފައިވާ ކަމަށާއި ބޭރު ފައިސާ ލިބުމުގައި ދަތިތަކެއް ހުރި ނަމަވެސް އިގްތިސާދީ ލަފާކުރުންތައް ރަނގަޅު ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
ފިޗުން ރާއްޖޭގެ ރޭޓިން ބީ މައިނަސް އަށް މައްޗަށް ޖެއްސި ސަބަބުތަކުގެ ތެރޭގައި ކޮވިޑްގެ ކުރިއަށް ރާއްޖޭގެ ޓޫރިޒަމްގެ ތަފާސްހިސާބުތައް ހުރި މިންވަރަށް ބަލައި 70 ޕަސަންޓަށް އެ އަދަދު އުފުލުމާއި ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ ދުވަހުގެ އަދަދު އިތުރުވެ ބެޑް ނައިޓްސް ވެސް އިތުރުވުން ހިމެނެ އެވެ. ޖީޑީޕީގެ ނިސްބަތުން ރާއްޖޭގެ ދަރަނި އަންނަ އަހަރު 107.6 ޕަސަންޓަށް ކުޑަކުރެވޭނެ ކަމަށް ލަފާކުރެވުމާއި ޖީޑީޕީގެ ނިސްބަތުން ރާއްޖޭގެ އުފެއްދުންތެރިކަން އަންނަ އަހަރު 29.4 ޕަސަންޓަށް ކުރިއަރާނެ ކަމަށް ލަފާކުރެވުން ވެސް ހިމެނެ އެވެ. މީގެއިތުރުން ރާއްޖެއިން ސްކޫކު ބޮންޑެއް ވިއްކާލުމަށްފަހު އަންނަ އަހަރު ޖުލައިގައި ފައިސާ ދައްކާ ހަލާސް ކުރަން އޮތް ޑޮލަރު ބޮންޑެއްގެ ފައިސާ ދައްކާ ހަލާސްކުރުމާއި އަންނަ އަހަރު ރާއްޖޭގެ ޓޫރިޒަމް 80 ޕަސަންޓަށް ކުރިއަރައި އަދި 2023 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދީ ހާލަތު ކޮވިޑްގެ ކުރީގެ ހާލަތަށް މުޅިން ބަދަލުވާނެ ކަމަށް ލަފާކުރެވުމަކީ ވެސް ރޭޓިން މައްޗަށް ޖެއްސި ސަބަބެކެވެ.
ދުނިޔޭގެ ގައުމުތަކުންނާއި ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ގައުމުތަކަށް ލޯނު ދިނުމުގައި ފިޗުގެ ރޭޓިން ބަލަމުންދާތީ ރާއްޖޭގެ ރޭޓިން މަތިކުރަން ކުރެވުނު މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ޝުކުރު ދަންނަވާފަ އެވެ. އަދި ބީ މައިނަސްގެ ރޭޓިން އަކީ މިވަގުތަށް ބަލައިގަންނަ ރޭޓިން އެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.