މި އަހަރުގެ ރާއްޖޭގެ އިގްތިސޯދު 18 ޕަސެންޓު ކުރިއަރާނެ ކަމަށް ކްރެޑިޓް ރޭޓިން އޭޖެންސީ ފިޗް އިން ބުނެފި އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖޭގެ ރޭޓިން "ބީ" ނެގެޓިވް އައުޓްލުކް އިން ސީސީސީ އަށް ބަދަލު ކުރި ފިޗުން މިހާރުގެ ހާލަތުގެ މައްޗަށް ބަލައި ބުނެފައިވާ ގޮތުން ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދަށް އެންމެ ބޮޑަަށް އަސަރުކުރާނެ ދެކުނު އޭޝިއާގެ ދެ ގައުމަކީ ރާއްޖެ އާއި ސްރީލަންކާ އެވެ. މީގެ ސަބަބެއް ކަމަށް ބުނެފައިވަނީ ރާއްޖެ އާއި ސްރީލަންކާ އިން ޓޫރިޒަމަށް ބަރޯސާވަރު މަތިވުމެވެ.
ނަމަވެސް، ކޮވިޑް-19 ގެ ބަލިމަޑުކަމުން ޓޫރިޒަމް އަލުން ރަނގަޅުވަމުންދާތީ ފިޗުން ވަނީ ރާއްޖޭގެ އިގްތިސޯދު މި އަހަރާއި އަންނަ އަހަރު ވެސް ރަނގަޅުވާނެ ކަމަށް ލަފާކޮށްފަ އެވެ. މި އަހަރު ރާއްޖޭގެ އިގްތިސޯދީ ކުރިއެރުން 18 ޕަސެންޓަށް މަތިވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ފިޗުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރޭޓިން ދަށްކުރިއިރު "ސީސީސީ" ރޭޓިން ދީފައިވަނީ ރާއްޖޭގެ އިތުރުން ސްރީލަންކާ އަދި ލާއޯސް އަށެވެ.
ފިޗުން ވަނީ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ލޯނުތައް ފަސްކޮށް ދޭން ޖީ 20 ގައި ހިމެނޭ ގައުމުތަކުން ނިންމި ނިންމުގެ ސަބަބުން އެންމެ ބޮޑު މަންފާއެއް ލިބުނު އެއް ގައުމަކީ ރާއްޖެކަން ފާހަގަކޮށްފަ އެވެ. އެގޮތުން އޭޝިއާ ޕެސިފިކްގައި ސީސީސީ ރޭޓިންގައި ހިމެނޭ ގައުމުތަކުގެ ތެރެއިން މި މަންފާ ލިބުނީ ރާއްޖެ އަށް އެކަނިކަން ވެސް ފާހަގަ ކޮށްފައިވެ އެވެ.
ޖީ20 ގައި ހިމެނޭ ގައުމުތަކުން ނިންމި ނިންމުމާއެކު ރާއްޖޭގައި ހިމެނޭ ޗައިނާގެ ދަރަނީގެ ބޮޑުބައެއް ވަނީ އެ ގައުމުން ފަސްކޮށް ދީފަ އެވެ.
ފިޗުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖޭގެ ރޭޓިން ސީސީސީ އަށް ބަދަލު ކުރުމާއެކު އެ ރޭޓިން ގަބޫލު ނުކުރާނެ ކަމަަށް އޭރު ބުންޏެވެ. ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން 2016 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ، ހޮންކޮންގްގެ ފިޗް ރޭޓިން އިން އޭރު ބުނީ ރާއްޖޭގެ ރޭޓިން "ބީ" ނެގެޓިވް އައުޓްލުކް އިން "ސީސީސީ" އަށް ދަށްކުރި މައިގަނޑު ސަބަބަކީ ބޭރު ފައިސާ ލިބުމަށް ކުރިމަތިވެފައިވާ މަތިތަކުގެ ސަބަބުން އިގްތިސޯދަށް ކުރިމަތިވެފައިވާ ހީނަރުކަމާއި ކޮވިޑް-19 ގެ ސަބަބުން މިހާލަތުގައި ރާއްޖޭގެ ދަރަނި މަތިވަމުން ދިއުމެވެ.