ރިޕޯޓް

އިގްތިސޯދު ހިންގަން އިމަޖެންސީ ސެންޓަރެއް ބޭނުންވޭ!

ކޮވިޑް-19 ރާއްޖެ އިން ފެނުމާއެކު ސަރުކާރުން، ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއޯސީ) ދަރުބާރުގޭގައި އުފެއްދި އެވެ. އަދި މި ބަލި މަޑުކަމުން ގައުމު ސަލާމަތްވޭ ތޯ މުޅި ސަރުކާރު ގުޅިގެން މަސައްކަތް ފެށި އެވެ. ބަލި ފެތުރޭނެ ކަމަށް ބަލައި ދިރާސާ ކުރާނެ މާހިރުން ހޯދި އެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި ސިއްހީ ދާއިރާގެ ހިދުމަތްތެރިން ރާއްޖެ ގެނަ އެވެ. އެހެންވެ، ބަލީގެ "ޕެނިކް" ވަގުތުގައި ސަރުކާރަށް ފުންނޭވާއެއް ލާނެ ފުރުސަތު ލިބިގެން ދިޔަ އެވެ. ސިއްހީ ދާއިރާ މި ބައްޔަން ތައްޔާރުވި އެވެ. ޕްރޮފެޝަނަލްކޮށް ގިނަ ފިޔަވަޅު ތަކެއް އެޅި އެވެ.

ބަލީގެ އެ ހާލަތު ނިމި، ރާއްޖޭގެ އިގްތިސޯދު ހުޅުވާލައފިި އެވެ. މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޓޫރިޒަމްވެސް ހުޅުވިއްޖެ އެވެ. އެހެންވެ މިހާރު ބޭނުން ވަނީ އިގްތިސޯދު ބާރަށް ކުރިއަށް ދާނެ "ފަންޑިތަ" އެކެވެ. އެކަން ކުރެވޭނެ ގޮތެކެވެ. އެކަން ކުރެވޭނީ ކިހިނެއް ހެއްޔެވެ؟ މިހާރު ރާއްޖޭގެ އިގްތިސޯދު އޮތް ހާލަތުން އިކޮނޮމިކް އިމަޖެންސީ ސެންޓެއް ބޭނުން ނުވޭ ހެއްޔެވެ؟

"ސަރުކާރާއި ޕްރައިވެޓް ސެކްޓާ ގުޅިގެން އިގްތިސޯދު ކުރިއަށް ގެންދާނެ އަވަސް ޕްލޭނެއް އެކުލަވާލަން ޖެހޭ. ވަރަށް ރަނގަޅަށް ގުޅިގެން ރަނގަޅު މަގު ޗާޓެއް އެކުލަވާލަން ޖެހޭ މިކަމުން [ކޮވިޑް-19 ގެ ބަލިމަޑުކަމުން އިގްތިސޯދު] އަރައި ގަންނާނެ މަގެއް ހޯދަން ޖެހޭ،" ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޮޔާސް (އެންއެފްއެމްއީ) އިން ބޭއްވި ވެބިނާގައި ވާހަކަ ދައްކަވަމުން ކުރީގެ ގަވަރުނަރު އަދި އިކޮނޮމިކް އާއި ފިނޭންސް މިނިސްޓަރުކަން ކުރެއްވި މުހައްމަދު ޖަލީލް ވިދާޅުވި އެވެ.

ރާއްޖޭގައި މި ވަގުތު ހުންނެވި އިގްތިސޯދީ ގޮތުން އެންމެ ތަޖުރިބާކާރު އެއް ބޭފުޅާ ކަމަށްވާ ޖަލީލް، އެ ވިދާޅުވަނީ އިގްތިސޯދީ ކާރިސާ އިން ގައުމު އަރައި ގަނެވޭނެ އަވަސް މަގެއް ހޯދަން ޖެހޭ ވާހަކަ އެވެ. އެހެން ގޮތަކަށް މާނަކުރާނަމަ އެ ވިދާޅުވުން، އިކޮނޮމިކް އިމަޖެންސީ ސެންޓާ މޯލްޑިވްސް (އީއީސީއެމް) ނުވަތަ "އީސީމް" އުފައްދަން ޖެހޭ ކަމަށް ބުނެވިދާނެ އެވެ. މި ފަދަ ސެންޓަރެއް ރާއްޖެ އަށް މިވަގުތު މުހިންމު ވަނީ ކީއްވެގެން ހެއްޔެވެ؟ މި ފަދަ ސެންޓަރެއްގެ ދައުރަކީ ކޮބައި ހެއްޔެވެ؟

މާހިރުންނާއި ތަޖުރިބާކާރުންގެ އެހީ ހޯދާ

އީއީސީއެމް އުފައްދާނަމަ އެ ތަނުގައި އިގްތިސޯދީ ގޮތުން ރާއްޖޭގައި ތިބި އެންމެ ފުންނާބުއުސް ބޭފުޅުން ތިއްބަވަން ޖެހޭނެ އެވެ. މި ސެންޓަރު ވާން ޖެހޭނީ 24 ގަޑިއިރު ހުއްޓުމެއް ނެތް ހިނގާނެ ތަނަކަށެވެ. މި ސެންޓަރުން ދުނިޔޭގެ ގައުމުތަކުގެ ބޯޑަރުތައް ހުޅުވަން ކުރާ މަސައްކަތްތަކާއި ދުނިޔޭގެ ހާލަތު މޮނީޓަ ކުރެވެން ވާނެ އެވެ. އެ ތަނުގައި ފައިނޭންސް ދާއިރާގެ ބޭފުޅުން ތިއްބަވަން ޖެހޭނެ އެވެ. ޓޫރިޒަމް ސިނާއަތުގައި ރާއްޖޭގައި ތިބި އެންމެ މައްޗަށް ކިޔަވައިގެން ތިބި ބޭފުޅުންގެ ހިއްސާ ބޭނުން ވާނެ އެވެ. ހާއްސަކޮށް ސުނާމީ ފަދަ ބޮޑެތި ކާރިސާތަކުގައި ރާއްޖޭގެ އިގްތިސޯދު ނަގައި ކޮޅަށް ޖަހަން މަސައްކަތް ކުރި އިހުގެ ވަޒީރުން މި ވަގުތު ވަރަށް ބޭނުން ވާނެ އެވެ. އެކި ޒަމާނުގައި ރާއްޖޭގެ ހާރިޖީ ދާއިރާގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ހިއްސާ ވެސް ބޭނުންވާނެ އެވެ.

މިހާރު އިގްތިސޯދީ ގޮތުން ގައުމު މިއޮތީ ހާއްސަ އިމަޖެންސީ ހާލަތެއްގައިކަން އެންމެން ވެސް ދަންނަން ޖެހެ އެވެ. އެހެންވެ މިވަގުތު ވިސްނަންވީ ސިޔާސީ ގޮތުން ތިމަންނަ ހުރި ސައިޑަށް ވުރެ ބޮޑަށް ގައުމުގެ ކުރި މަގަށް ވިއްސާށެވެ. ސިޔާސީ ހަރަކާތް ހިންގޭނީ ވެސް މިތަނުގައި ދިވެހިންނަށް ތިބެވިގެންނެވެ. ވޯޓު ލާން ވެސް ބަޔަކު ނުކުންނާނީ އިގްތިސޯދީ ގޮތުން ކުރިމަތިވާ ދަތިކަމުން އަރައި ގަނެ "ހަމަނޭވާ" ލައިގެން އުޅެވުނު ދުވަހަކުންނެވެ.

މަގު ޗާޓެއް ކުރަހައިދީ!

މި ފަދަ ގިނަ ބޭފުޅުންނާއެކު އުފައްދާ އިކޮނޮމިކް އިމަޖެންސީ ސެންޓަރަކުން ރާއްޖޭގެ އިގްތިސޯދު މިހާރުގެ ގެއްލުމުން އަރައި ގަންނާނެ "މަގު ޗާޓެއް" ކުރެހެން ޖެހޭނެ އެވެ.

ސުނާމީ ކާރިސާގެ ދުވަސްވަރު ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި، ކުރީގެ މިނިސްޓަރު ޖަލީލް ވިދާޅުވެފައިވާ ގޮތުގައި ކޮވިޑް-19 އިން އިގްތިސޯދު ކޮޅަށް ޖަހަން އެކުލަވާލާ މަގު ޗާޓުގައި ވަރަށް ފަރުވާތެރިކަމާއެކު ޕްރައިވެޓް ސެކްޓާ އާއި މާލީ ސިނާއަތްތަކާއި މާލީ ދާއިރާގެ ރޯލް ސާފު ވާން ޖެހޭނެ ކަމަށެވެ.

"މި ފަދަ ޕްލޭނެއްގައި [މަގު ޗާޓެއް] ދިގު މުއްދަތެއްގައި ކުރިއަށް ދާނެ ގޮތަކާއި ކުރުން މުއްދަތެއްގައި ކުރާނެ ކަންކަން ސާފު ވާން ޖެހޭ. އެކުލަވާލާ ޕޮލިސީތަކުގެ އިތުބާރު އޮންނަން ޖެހޭ، ޔަގީންކަން އޮންނަން ޖެހޭ، ވަރަށް ރަނގަޅަށް އެކަން ބެލެހެއްޓޭނެ އުސޫލުތައް ހުންނަން ޖެހޭ،" ޖަލީލް ވިދާޅުވި އެވެ.

ވަކިވަކިން ވަޒީރުން މަސައްކަތް ކުރުން ހުއްޓާލާ

މި ވަގުތަކީ ވަކިވަކި ވަޒީރުން މަސައްކަތްކޮށްގެން ނަތީޖާ ހޯދޭނެ ވަގުތެއް ނޫނެވެ. އަދި އެފަދަ ހާލަތެއް ވެސް ނޫނެވެ. މިވަގުތު އެކަތި ގަނޑެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ނޫން ގޮތަކަށް ގައުމު ސަލާމަތް ކުރެވޭނެ އެވެސް މަގެއް ނުފެނެ އެވެ. މިހާރު ތިބި ވެރިންގެ އަތުގައި ހިފައިގެން ކުރި އަށް ދާނެ ތަޖުރިބާކާރުން ވެސް ނުނަނު ބޭނުންވެ އެވެ. މިހާރު އިގްތިސޯދުން ފެންނަމުން ދަނީ "އިމަޖެންސީ" ގެ ހާލަތުގައި ގައުމަކުން ފެންނާނެ މަންޒަރު ތަކެވެ.

ރާއްޖޭގެ އިގްތިސޯދުގެ މައި ބަދަ ކަމަށްވާ ޓޫރިޒަމް ހުޅުވާލިއަަސް މިމަސް ނިނުމުއިރު ދެ ހާހެއްހާ ޓޫރިސްޓުން ވެސް ނާދެ އެވެ. އެހެންވެ މި އަދަދުން ކުރިއަށް އޮތް މަސް ތަކަށް ވިސްނާލާނަމަ ބުނެވޭނީ ކުރިއަށް އޮތް ފަސް މަސް ދުވަހަކީ ވެސް ހިކި އަނަރޫފަ ފަސް މަހަށް ވާނެ ކަމެވެ. މިހާރުގެ ފޯކާސްޓަކީ މި އަހަރު ގާތްގަނޑަކަށް ހަތް ލައްކަ ޓޫރިސްޓުން ގެންނަން ކަމަށްވީނަމަވެސް މި ލަނޑުދަނޑި އަށް ހާސިލް ނުވުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. އެހެންވެ ޓޫރިޒަމަށް ހާއްސަ އިސްކަމެއް ދޭން ޖެހެ އެވެ.

އިގްތިސޯދު ހިންގަން އުފައްދާ އިމަޖެންސީ ސެންޓަރުގެ އެންމެ މުހިންމު ދައުރަކަށްވާން ޖެހޭނީ ދެން ހަދާނެ ގޮތަކީ ކޮބައި ތޯ ބެލުމެވެ. އެ ހައްލު ދެނެގަތުމެވެ. ދައުލަތަށް އާމްދަނީ ހޯދަން ދެން ކުރާނެ ކަމެއް ހޯދުމެވެ. މަތިވަމުންދާ ޑޮލަރުގެ އަގު ދަށް ކުރަން އެޅޭނެ ފިޔަވަޅެއް ބެލުމެވެ. މިހާރު ޑޮލަރެއްގެ އަގު 18ރ. އިން މަތީގައި ހުރުމަކީ ގައުމު މިއޮތީ އިގްތިސޯދީ ގޮތުން ވެސް ބޮޑު އިމަޖެންސީއެއްގެ ތެރޭގައިކަން ޔަގީންވާ ހެއްކެކެވެ. މިހާރު މުޖައްރިބުން އެނގޭ ހަގީގަތަކީ ކުރިން އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ދައުލަތުން ލަފާކުރި 30 ބިލިއަން ރުފިޔާގެ ތެރެއިން ގާތްގަނޑަކަށް 15 ބިލިއަން ރުފިޔާ އުނިވެގެން ދިއުމެވެ. އިމަޖެންސީ ސެންޓަރު އުފައްދައި ދައުލަތަށް ދުނިޔޭގެ އެކި ގައުމުތަ ކުން އެހީ ހޯދަން މަސައްކަތް ކުރަން ޖެހެ އެވެ.

އިންޑިޔާ ކަނޑުގެ އޮއެވަރަށް ގައުމު ދޫކޮށް ނުލާ!

ގައުމުތަކުން އެހީ ހޯދަން މަސައްކަތް ކުރާއިރު މި ކަމަކީ ހަމައެކަނި އިންޑިޔާ ކަނޑުން ނޫނީ ނުވާނެ ކަމަށް ބެލުމުގެ ފިކުރު އެއް ފަރާތް ކުރަން ޖެހެ އެވެ. ހަގީގަތަކީ ޗައިނާ ފަދަ ގައުމުތަކާ ގާތް ގުޅުމެއް އުފައްދަން ރާއްޖެއަށް މަޖުބޫރުވާ ކަމެވެ. ހަމައެކަނި މިއޮތީ ތައްޔާރަށޭ ބުނުމަކުން ނުފުދެ އެވެ. އެކަން އަމަލުން ދައްކަން ޖެހެ އެވެ. ރާއްޖޭގެ ޓޫރިޒަމްގެ ބޮޑު ޕަސެންޓެއްގެ ހިއްސާ ވަނީ ޗައިނީޒް އެވެ. ޗައިނާ މީހުންނެވެ. އެހެންވީއިރު އެ ގައުމާ ގުޅުން ވަރުގަދަ ނުކުރަންވީ ކީއް ވެގެން ހެއްޔެވެ؟ އިކޮނޮމިކް އިމަޖެންސީ ސެންޓަރުން ކުރަން ޖެހޭ ކަމަކީ މި އެވެ. މި ފަދަ ހުރިހާ ގައުމަކާ ގުޅުން ގާއިމް ކުރުމެވެ. ސައޫދީ ރުޅި އައިސްފާނެތީ ގަތަރާ ގުޅުން ގާއިމް ނުކޮށް މިހާރު ތިބުމުގެ އެއްވެސް މާނައެއް ވެސް ނެތެވެ. މި ވަގުތަކީ "ސަވައިވަލް" އަށް މަސައްކަތް ކުރަން ޖެހޭ ވަގުތެވެ. ފެން އެހުރީ ދަތްދޮޅިން މަތީގަ އެވެ. އިގްތިސޯދު އޮތީ ވެންޓިލޭޓަރު ގުޅާފަ އެވެ. އިގްތިސޯދީ އިމަޖެންސީ ސެންޓަރު އުފައްދައި މަސައްކަތް ކުރަންވީ އިންޑިއާ ކަނޑުގެ ތެރެ އަށް ރާއްޖެ ބެހިގެން ނުދާނެ ގޮތެއް ވޭތޯ ބެލުމަށެވެ.

ރާއްޖެ މިހާރު މިއޮތީ އިގްތިސޯދީ ކާރިސާއެއްގެ މެދުތެރޭގަ އެވެ. މި ކާރިސާގެ މެދުތެރޭގައި އިންޑިއާ ކަނޑުގެ ގަދަ ރާޅު ބާނީގެ ތެރޭގައި ދެކޮޅަށް ތަޅުވަމުން ދާއިރު މިހާރު އިގްތިސޯދީ ގޮތުން މިވާނުވާއެއް ހަމަ އެއްގޮތަކަށް ވެސް ނޭނގެ އެވެ. އެހެންވެ އިކޮނޮމިކް އިމަޖެންސީ ސެންޓާ މޯލްޑިވްސް އުފައްދައި މިހާރުން މިހާރަށް މަސައްކަތް ފަށަން އެބަ ޖެހެ އެވެ. ރާއްޖެ އަށް އިގްތިސޯދު ހިންގާނެ އިމަޖެންސީ ސެންޓަރެއް ބޭނުވަނީ އެހެންވެ އެވެ.