މާލޭ ހުކުރު މިސްކިތް

ހުކުރު މިސްކިތް ވަގުތީ ގޮތުން ބަންދުކޮށްފި

Oct 29, 2021

މާލޭގެ ހުކުރު މިސްކިތުގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ގޮތުން ހުކުރު މިސްކިތް ބަންދު ކޮށްފި އެވެ.

ހިރިގަލުން ހަދާފައިވާ ހުކުރު މިސްކިތުގައި ރޭ 8:50 ހާއިރު އަލިފާނުގެ ހާދިސާއެއް ހިނގީ ކަރަންޓު ސޯޓެއްވެ ފަންކާގައި ރޯވުމުންނެވެ.

އަލިފާނުގެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުވެ އެވެ. ނަމަވެސް މިސްކިތުގެ މަތިވަޑާންގަނޑަށް އަލިފާނާ ގުޅިގެން ގެއްލުންތަކެއް ލިބިފައިވެ އެވެ.

ހެރިޓޭޖު މިނިސްޓްރީން ބުނީ މިސްކިތް ވަގުތީގޮތުން ބަންދުކުރީ ކަރަންޓު ވަޔަރިން ހުރި ގޮތެއް ބަލައި އިތުރު ބަދަލެއް ގެންނަންޖެހޭނަމަ އެ މަސައްކަތްކޮށް ރައްކާތެރިކަން އިތުރަށް ކަށަވަރުކުރަން ފިޔަވަޅުތަކެއް އެޅުމަށް ކަމަށެވެ.


ހުކުރު މިސްކިތް ވަގުތީގޮތުން ބަންދުކުރުމާ ގުޅިގެން އެ މިސްކިތުގައި މިއަދު ހުކުރު ކޮށްފައެއް ވެސް ނުވެ އެވެ.

ހެރިޓޭޖު މިނިސްޓްރީން އިތުރަށް ބުނީ މިސްކިތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްފަހު ވީއެންމެ އަވަހަށް މިސްކިތް ހުޅުވާނެ ކަމަށެވެ.

ހުކުރު މިސްކިތް މަރާމާތަށާއި އާބާތުރަ ފިލުވުމަށް އެންމެފަހުން ބަންދުކުރީ ސެޕްޓެމްބަރު 13، 2019 ގައެވެ. މަރާމާތަށްފަހު މިސްކިތް އަލުން ހުޅުވީ މިދިޔަ އަހަރުގެ އޮކްޓޫބަރު އެއްވަނަ ދުވަހު އެވެ.

މާލޭގެ ހުކުރު މިސްކިތަކީ އައް ސުލްތާން އިބްރާހީމް އިސްކަންދަރުގެ ރަސްކަމުގައި މީލާދީން 1656 ވަނަ އަހަރުގެ ތެރޭ ބިނާކޮށް ނިންމެވި މިސްކިތެކެވެ. ހުކުރު މިސްކިތުގެ މުންނާރު ބިނާ ކުރެއްވީ ވެސް ހަމަ އެ ރަދުންގެ ރަސްކަމުގައި މީލާދީން 1675 ވަނަ އަހަރުގެ ތެރޭގަ އެވެ. ނަވާރަ ސަތޭކަ އަށްޑިހަ ހަތަރު ވަނަ އަހަރު އިސްލާމީ މަރުކަޒު ހުޅުވުމާ ހަމައަށް، ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ގޮތުގައި ހުރީ ހުކުރު މިސްކިތެވެ. ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓެއްގައި މި މިސްކިތް ހިމަނާފައި ވެއެވެ.