(25 އޮކްޓޫބަރ 2021އާ ގުޅޭ)
"ޝަހުރު! ބަލަ ރޮނީތަ؟" ޔޫހާގެ ދެލޯ ވަނީ ބޮޑުވެފައެވެ. އެ މޫނު މަތިން ފެންނަނީ ހައިރާން ކަމެވެ.
"އަނެއްކާ؟" ޔޫހާގެ ދޫ ވަގުތު ކޮޅަކަށް ބަންދު ވުމަށްފަހު އަނެއްކާ ވެސް ވާހަކަ ދެއްކީ ހަމަ ޔޫހާއެވެ.
"ބައްޕާ! ތި މީހުން އަނެއްކާ ކަމެއް އަހަރެންނަށް ސިއްރު ކުރަނީތަ؟ ބުނެބަލަ!" ޔޫހާ ބަލައިލީ ޝަހުރާއި ޔާސިިރަށެވެ. ޔޫހާ ބޭނުންވީ އޭނާގެ ހިތަށާއި ބޮލަށް ވެރިކޮށްލި ސުވާލުތަކުގެ ޖަވާބެވެ. ގޮތް ހުސް ވެފައިވާ ބީދައަކުން ޔާސިރު ބަލައިލީ ޝަހުރަށެވެ. މިކަމާ ގުޅިގެން ޔާސިރު އެެއްވެސް އެއްޗެއް ބުނަން ބޭނުން ނެތީއެވެ. ޝަހުރަށް ބަލަހައްޓައިގެން ޔާސިރު ހުރީ ޝަހުރުގެ ހަރަކާތް ތަކުން ނުތަނަވަސްކަން ވެރިވެފައެވެ. ރާއްޖެ ނުދެވެނީސް ދެއްކި ވާހަކަތަކުގެ އެއްވެސް އަގެއް ނެތުނީ ކަމަށް ބަލައިގެންނެވެ. ނަމަވެސް އެހެން އެކަން ވާކަށް ޝަހުރު ވެސް ބޭނުމެއް ނުވެއެވެ. ތެޅިގެންފައި ކަހަލަ ގޮތަކަށް ޝަހުރު ބައްދައިލީ ޔޫހާގެ ގައިގައެވެ. ޔޫހާއަށް އިޚްތިޔާރެއް ނެތި ވަގުތުން ޝަހުރުގެ ބުރަކަށީގައި އޭނާގެ އަތް ހިންގައިލެވުނެވެ. އެތައް ސުވާލެއް ހިތުގައި ބިންވަޅު ނަގަމުން ދާ ޙާލުގައެވެ.
"ޔޫހާ. އަހަރެން ޔޫހާ ދެކެ ވަރަށް ވަރަށް ލޯބިވޭ. ދުވަހަކުވެސް.. ދުވަހަކުވެސް އަހަރެން ނޭދޭނެ ޔޫހާއަށް ދެރަ ގޮތެއް ވާކަށް. ޔޫހާ ބަލިވީމަ އަހަރެންނަށް އެތަން ބަލަން ހުންނާކަށް އެއްވެސް ފަސޭހަ އެއް ނޫނޭ. އެ މަންޒަރު ހެލްޕް ލެސް މީހެއް ފަދައިން ބަލަން ހުރުން އެއީ އަހަރެންގެ ހިތަށް އެއްވެސް ވަރަކަށް ކުޅަދާނަ ކަމެއް ނޫން. އެކަމު މިއަދު އަހަރެން މި ހުރީ އުފަލުން ޔޫހާ. އެއީ ކީއްވެގެންކަން އެނގޭތަ؟ އެއީ އަހަރެންގެ އަރިހުގަ، އަހަރެންނާ އެކުގަ މިއަދު ޔޫހާ ހުރީމަ. އަހަރެން އުފާ ވަނީ، ޔޫހާ އަހަރެންގެ މޭގެ ތެރޭގަ ތި ގޮތަށް ބާއްވައިލަން ފުރުޞަތެއް ލިބުނީމަ.. އަހަރެންނަށް ރޮވުނީ އެހެންވެ. އެއީ އުފާވެރި ކަރުނަ.. އަހަރެން މި ހުރީ ދެރަވެގެން ރޮއި ރޮއި ވަރުބަލި ވެފަ. ދެން އިތުރަށް އެހެން ރޯކަށް އަހަރެންގެ ހަށްޓަކު ހިތްވަރެއް ނެތް." ޝަހުރުގެ ވާހަކަތައް އިވުމާ އެކުގައި ޔޫހާ ހިނިތުން ވެލަމުން ބަލައިލީ ޝަހުރަށެވެ. އަދި ޝަހުރުގެ މޫނުގައި މަޑުމަޑުން ޔޫހާ އަތް ކާއްތައިލިއެވެ.
"އަހަރެން މިހުރީ އޭ! އަަބަދުވެސް އަހަރެން މިހެން ޝަހުރާ އެކުގަ ވާނަމޭ! އަހަރެން ޝަހުރު ދޫކޮށް ނުދާނަން. އެޔަށް ވުރެ ބޮޑަށް އަހަރެން ޝަހުރު ދެކެ ލޯބިވަން.." ޔޫހާ ގެ އިނގިލިތަކުން ޝަހުރުގެ މޫނުގައި ފިރުމަމުން ޔޫހާ ބުނެލިއެވެ. ޝަހުރު ވެސް ލުއިކޮށް ހީނލަމުން ހިފައިލީ ޔޫހާގެ ކޮލުގައެވެ. އެ މަންޒަރު ބަލަން ހުރި ޔާސިރު ވެސް ގަދަކަމުން ހިނިތުންވެލީއެވެ.
***
"އަހަރެން އޯކޭތަ ލިޔާން ލައްވާ ޑެޑީ ކިޔުއް ވިޔަސް؟" ފުޅާ ހިނިތުން ވުމަކާ އެކުގައި ޒަކްވާން ބަލައިލީ ލިވިޔާއަށެވެ. އޭރުވެސް އެއް އަތުން ޒަކްވާން ގެންދިޔައީ ލިޔާންގެ ކުޑަކުޑަ އަތުގައި ފިރުމަމުންނެވެ.
"އާނ! ތީ ހަމަ ޒަކްވާންގެ ދަރިއެކޭ ހީކޮށްލާ.." ލިވިޔާ ހީނލަމުން އެހެން ބުނެލީ މަޖާ ކޮށްލުމުގެ ނިޔަތުގައެވެ. އެމީހުންނާ އެކުގައި އެވަގުތު އެތަނުގައި އިން ޖޭސްމީން ވެސް ހިނިތުން ވުމެއް ދީގެން އިނެވެ.
"އެހެންވިއްޔާ އަހަރެން ވާނެ މަންމަ އަށް ވެސް.." ޖޭސްމީން ހެމުން ބުނެލިއެވެ.
"އާނ! މައްސަލައެއް ނެތް. އެކަމު ތިހެން ގޮސް ތި ދެމީހުން އަހަރެންގެ އަތުން ދަރި ޖަހައިނުގަންނާތި." ލިވިޔާ ކޮށްލީ ސަމާސާއެކެވެ. އެހެން ބުނުމާ އެކުގައި ޒަކްވާނާއި ޖޭސްމީން ފެށީ ބާރަށް ހޭންށެވެ. ޒަކްވާންގެ ޝަޢުޤުވެރިކަން ހޯދުން އެއީ ޖޭސްމީންގެ އެންމެ ބޮޑު އެދުމެވެ. އޭނާ ހުރިހާ ކަމެއް ވެސް ކުރަނީ އެގޮތަށް ވިސްނައިގެންނެވެ. ޖޭސްމީން އެދޭ ފަދައިން އެދެމީހުންނަށް އެކަހެރި ބައްދަލުވުންތައް ވެސް އެ ގޭ ތެރެއިން ބާއްވައިލެވެއެވެ. ދިިރިއުޅުމާ ދޭތެރޭ އެދެމީހުން ވާހަކަދައްކައެވެ. ޒަކްވާން ރައްޓެހިވާން ނޭހިޔަސް، އެދެމީހުން އުޅެނީ ރައްޓެހިވެގެންނޭ ވެސް ބުނެވިދާނެއެވެ. އެއީ ޔަޤީނުން ވެސް ޖޭސްމީނާއި ލިވިޔާ ވެސް ދެކޭ ގޮތެވެ. މީގަ އޮތީ ހަމަ އެކަނި ޒަކްވާންގެ ވިސްނުން ތަފާތު ވުމެވެ. ޒަކްވާންގެ ހިތުގައި ވަނީ ހަމަ އެންމެ ނަމެކެވެ. އެ ފަރާތް ހޯދުމުގެ ނިޔަތް ޒަކްވާން އަދިވެސް މުޅިއަކުން ދުލެއް ނުކުރެއެވެ. އެހާ ފަސޭހައިން ކަންތައް ތަކުގައި ދޫ ދިނުމަކީ ޒަކްވާން ބޭނުންވާ ގޮތެއް ނޫނެވެ. ޚާއްޞަކޮށް އޭނާގެ އަލަތު ލޯތްބަށްޓަކައި އޭނާގެ ދެކޭ ހުވަފެން ތަކާއި ކުރަމުންދާ ހަނގުރާމަ އަމާން ދީގެން ދުރުގައި ރޯން އަބަދު ހުރުމަކީ ޒަކްވާން ނުކުރާނެ ކަމެއް ކަމަށް އޭނާ ހުރީ ނިކަން ވަރުގަދަ ޢަޒުމެއް ކަނޑައަޅައިގެންނެވެ.
"ދެން ތި މީހުން ވެސް ބޭބީ އެއް ހޯދަ ބަލަ!" ލިވިޔާ ހެމުން ބަލައިލީ ޒަކްވާނާ ޖޭސްމީންގެ މޫނަށެވެ. ލިވިޔާގެ ދުލުން ބޭރުވި ޖުމުލައާ އެކުގައި ޖޭސްމީން މުޅިން "ބްލަޝް" ވެގެން ދިޔައިރު، އެ ވާހަކަ ޒަކްވާނަށް އިވޭ ކަމަކަށް ވެސް އޭނާ ނުހެދިއެވެ. ލިޔާންއަށް ބަލަހައްޓައިިގެން އިނދެ، ލިޔާނާ ލޯބި ކުރަމުން ޒަކްވާން ގެންދިޔައީއެވެ. އެއް ވާހަކައެއް ތަކުރާރުކޮށް ދައްކައިގެން ޒަކްވާންގެ ސަމާލުކަން ހޯދަން ލިވިޔާ ބޭނުން ނުވުމުން ދެން އިތުރަށް ލިިވިޔާ އެއްޗެއް ނުބުނެއެވެ.
***
އިންޑިޔާ އިން ޔޫހާ ފަރުވާއަށް ފަހު ރާއްޖެ އަންނާތީ، ދެ ފަރާތުގެ ޢާއިލާ ވެސް ތިބީ އެއާރޕޯޓުގައެެވެ. އެންމެން ވެސް ތިބީ ނުހަނު އުފަލުންނެވެ. މާތް ﷲއަށް ޙަމްދު ކޮށްލައިގެންނެވެ. އެ އުފާވެރިކަން އެ އެންމެންގެ މޫނުމަތިން ދިޔައީ ފެންނަމުންނެވެ.
ފްލައިޓު ރާއްޖޭގައި ޖެއްސުމާ އެކުގައި މީހުންތައް އޭގެން ފައިބަން ފެށިއެވެ. ހުސްނާ އާއި ރާދާ ހުރީ ޔޫހާ ބަލައިލާ ހިތުން ކެތް މަދުވެފައެވެ.
"ދަރިފުޅާ!" ރާދާ އާއި ހުސްނާއަށް އެހެން ބުނެވުނީ އެކު އެކީގައެވެ. ދެމީހުން ވެސް ދުވަމުން ގޮސް ބައްދައިލީ ޔޫހާގެ ގައިގައެވެ. އެއާރޕޯޓުގެ ތެރޭގައި ފެންނަމުން ދިޔައީ އުފާވެރި މަންޒަރެކެވެ. ނަމަވެސް އެ އުފަލުގައި ބައިވެރި ނުވެ ޝީލާ ހުރީ ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެންނެވެ. ދޭތެރެ ދޭތެރެއިން ޝީލާ ގެންދިޔައީ ފޯނަށް ބަލައިލަމުންނެވެ. ޝީލާގެ މޫނުމަތިން ފެންނަނީ ވަރަށް ބޮޑަށް ހާސް ކަމަވެ.
"މަހެއް މިވީ މިހެން އުޅޭތާ! ދެން ބުނަން ވީނު؟ އަބަދު މިހެން ނޫޅެވޭނެ ދޯ؟" ޝީލާގެ ފޯނަށް އައި މެސެޖު ކިޔައިލުމާ އެކުގައި އޭނާގެ ހިިތަށް އިތުރަށް އުނދަގޫ ވިއެވެ.
"ތި ފިޔަގަނޑު ކޮށައިލަން ޖެހޭނީ އަމިއްލައަށް.. އެހެން މީހެއް ނާންނާނެ. އަމިއްލައަށް ތި ފޮށްޓަކަށް އެރެ ތި އޮތީ.." ދެން ވެސް މެސެޖު ކުރީ ހަމަ އެ ނަމްބަރުންނެވެ. ޝީލާގެ ހާސް ވުން އިތުރު ވަމުން ދިޔައެވެ.
"އައި ވިލް. ރައިޓް ޓައިމްގަ. ގިވް މީ ސަމް ޓައިމް.." ޝީލާ އެހެން ޖަހައިލުމަށްފަހުގައި މެސެޖު ފޮނުވައިލިއެވެ. އަދި ހިނގައިގަތީ ޔޫހާމެން ތިބި ތަނަށެވެ.
***
ހަވީރުގެ ވަގުތެވެ. ކޮޓަރީގައި އިން ލިވިޔާގެ ކިބައިން ފެންނަނީ ހިމޭން ކަމެވެ. އެ ހިމޭން ކަމުގެ ފަހަތުގައި ވަނީ އޭނާގެ ދާސްތާނެވެ. އެނދުގައި އޮތް ލޯބިލޯބި ލިޔާނަށް ބަލައިލަމުން، ލިވިޔާގެ ކަޅި ގޮސް ހުއްޓުނީ އެނދުުގައި އޮތް ލިޔާންގެ އުފަން ސެޓްފިކެޓަށެވެ. ބައްޕަ ނެތް ދަރިއެއްގެ ގޮތުގައި ލިޔާން ލޭބަލް ކުރާކަށް އެއްވެސް ގޮތަކަށް ލިވިޔާ ނޭދެއެވެ. އެއީ ލިޔާނަށް ހައްޤު މިންވަރު ނޫންކަން ލިވިޔާ ޤަބޫލުކުރެއެވެ. ބައްޕައެއް ހުރެ، އެހެން ހެދުން އެއީ ލިވިޔާގެ ނިންމުމެއް ވެސް ނޫނެވެ. އޭނާގެ މައިންބަފައިން ބޭނުންވި ގޮތެވެ. އެހެން ނޫން ނަމަ، ލިވިޔާ ނިންމައިގެން ހުރީ އަނެއްކާ ވެސް ޝަހުރުގެ ގާތަށް ގޮސް އާދޭސް ކުރާށެވެ. ލިޔާންގެ ޙައްޤަށްޓަކައެެވެ.
***
އެއްވެސް ވަރަކަށް ޝީލާގެ ހިތަށް ތަސައްލީއެއް ނުލިބެއެވެ. ފޯނު ހުޅުވައިފި ނަމަ ފެންނަނީ ފޭސް ކުރަން އުނދަގޫ އޭނާގެ ޙާލަތެވެ. ނަމަވެސް އެ މެސެޖުތަކަކީ ޙައްޤު ތެދުކަން ޝީލާ ވެސް ޤަބޫލު ކުރެއެވެ. އަމިއްލަ މީހާގެ ފިޔަގަނޑު ކޮށައިލާފައި، ކޮށިން ނުކުންނަން ވެއްޖެއޭ އެތަށް ފަހަރަކު ޝީލާގެ ހިތަށް އަރައެވެ. އެފަދަ ވިސްމުއްގެ ތެރޭގައި އިންދާ ޝީލާ ފޯނު ހުޅުވައިލިއެވެ. ދެ ފިކުރެއްގައި ހުރެގެންނެވެ. ޝީލާގެ ފޯނަށް އެންމެ ފަހުން އައި މެސެޖަށް އޭނާ ކަޅިއެއް ދިނެވެ.
"ބުނެބަލަ! ލޯބި ނުވަނީތަ؟ ބުނީމަ ދޯ އެނގޭނީ؟" ޝީލާގެ ކަޅި ވަނީ ފޯނަށް އެއްކޮށް ހުއްޓިފައެވެ. (ނުނިމޭ)