ބޮޑުތަކުރުފާނު މަގުން، އައިޖީއެމްއެޗްގެ ހުޅަނގު ފަރާތުގެ ފާރާ ކައިރީ ފެންބޮޑުވާ މައްސަލަ ހައްލު ކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އެ ސަރަހައްދުގައި ފެންގަނޑެއް އޮންނާތީ އާންމުންގެ ވަރަށް ގިނަ ޝަކުވާ އެ ކައުންސިލަށް ލިބޭ ކަމަށާއި އެ ސަރަހައްދުގައި ފެންގަނޑެއް ހެދޭ ސަބަބު ކައުންސިލުން މިހާރު ބަލާފައިވާ ކަމަށެވެ.
އެ ސަރަހައްދުގައު ފެން ހެދެނީ އައިޖީއެމްއެޗްގެ ކޫލިން ޓަވަރުތަކަކުން ބޭރުކުރާ ފެންތަކެއްގެ ސަބަބުން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
އެ ކޫލިން ޓަވަރުތަކުން ފެން ބޭރު ކުރަނީ ކައުންސިލަށް އެނގިގެން ނޫން ކަމަށާއި އެ ފެން މަގުމައްޗަށް ދޫކުރަކީ ކައުންސިލުން އެއްވެސް ހުއްދައެއް ދީގެން ނޫން ކަމަށް ވެސް ބުންޏެވެ.
އެ ފެންގަނޑު ހިންދަން އައިޖީއެމްއެޗްގެ ފަރާތުން އެމްޑަބްލިއުއެސްސީއާ ވާހަކަ ދެއްކި ނަމަވެސް ހައްލެއް ނުލިބެ އެވެ. އެހެންކަމުން އައިޖީއެމްއެޗުން މިހާރު ވަނީ އެ މަސައްކަތް ކޮށްދިނުމަށް އެދި ސިޓީ ކައުންސިލުގައި އެދިފަ އެވެ.
ކައުންސިލުން ބުނެފައި ވަނީ މާލޭގެ މަގުމައްޗަށް ފެން ދޫކުރުމަކީ އެ ކައުންސިލުން ހުއްދަ ދޭ ކަމެއް ނޫން ކަމަށެވެ.