ބޭރު ކުޅިވަރު

މެސީ އާއި ނޭމާ އަދި ސުއަރޭޒް ވަރުގެ ފޯވަޑް ލައިނެއްނެތް: ކޯޗު

ބާސެލޯނާގެ ތިން ފޯވަޑުން ކަމަށްވާ ނޭމާ އާއި ލަޔޮނަލް މެސީ އަދި ލުއިސް ސުއަރޭޒްގެ ފޯވަޑް ލައިނަކީ މިހާތަނަށް ދުނިޔެ ދެކެފައިނުވާ ފަދަ ފޯވަޑް ލައިނެއް ކަމަށް އެ ޓީމުން ބުނެފި އެވެ.

ކޯޗު ލުއިސް އެންރީކޭ ބުނީ ދުނިޔޭގެ އެހާ މޮޅު ތިން ކުޅުންތެރިން އެކަކު އަނެކަކަށް ލަނޑު ޖަހަން އެހީތެރިވެދީ އަދި އަމިއްލަ އަށް ވެސް އެހާ ގިނަ ލަނޑު ޖަހާތަނަ މީގެ ކުރިން ފެނިފައިނުވާ ކަމަށެވެ.

"އަހަންނަށް ތާރީހުގެ ހުރިހާ އެއްޗެއް ނޭނގެ. އެކަމަކު އަހަރެން ބުނަން ޖެހެނީ ދުނިޔެ މިވަރުގެ ފޯވަޑް ލައިނެއް ދެކެފައިނުވެއޭ. ހަގީގަތުގައި ވެސް އެއީ ވަރަށް މޮޅު ތިން ކުޅުންތެރިން. އެމީހުން ލަނޑު ޖަހާ. އަދި ލަނޑު ޖަހަން އެކަކު އަނެކަކަށް އެހީތެރިވެދޭ،" އެންރީކޭ ބުންޏެވެ.

ސްޕެނިޝް ލީގުގައި މިރޭ ބާސެލޯނާ ވާދަކުރާނީ ވެލެންސިއާއާ އެވެ. އެ ޓީމު ލީގުގައި އަމިއްލަ ދަނޑުގައި ކުޅެގެން ބަލިވެފައިނުވާއިރު އެންރީކޭ ބުނީ ވެލެންސިއާގެ ދަނޑަކީ ބާސެލޯނާ އަށް ކުޅެން އެންމެ އުނދަގޫ އެއް ދަނޑު ކަމަށެވެ. އަދި ވެލެންސިއާގެ އާ ކޯޗު އިނގިރޭސިވިލާތުގެ ގެރީ ނެވިލް އަކީ ވަރަށް މޮޅު މީހެއް ކަމަށާއި މެޗަށް ބާސެލޯނާ ވަރަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށެވެ.

ލީގުގައި ބާސެލޯނާ އޮތީ ތިން ވަނާގައިވާ ވާދަވެރި ރެއާލް މެޑްރިޑަށްވުރެ ހަ ޕޮއިންޓް ކުރިން އެއްވަނާގަ އެވެ. ހަތަރު ޕޮއިންޓް ފަހަތުން ދެ ވަނާގައިވަނީ އެތްލެޓިކޯ މެޑްރިޑެވެ. ވެލެންސިއާ އޮތީ ނުވަވަނާގަ އެވެ.