ރާއްޖެ ކުޅިވަރު

ހާސިލްވީ ކޯޗު ބޭނުންވި ޓާގެޓް، ވިކްޓަރީގެ ޓާގެޓެއްނޫން: ނާދު

މި އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ވިކްޓަރީން ބޭނުންވި ޓާގެޓް ހާސިލްވެފައިނުވާ ކަމަށާއި ނަމަވެސް އޭނާ ބޭނުންވި ޓާގެޓް ހާސިލްވި ކަމަށް ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނެފި އެވެ.

މި ސީޒަން ވިކްޓަރީ ނިންމާލީ އުރދޫ ދިވެހި ޕްރެމިއާ ލީގުގެ ފަސް ވަނަ މަގާމުގަ އެވެ.

"ކުލަބުން ބޭނުންވީ ގަދަ ހަތަރެއްގައި އޮންނަން. އެކަމަކު އެންމެން ޓީމު ހަމަކުރީމަ ވިކްޓަރީން ކުޅުންތެރިން ހޯދީ. އެހެންވީމަ އެންމެ ފަހުން ކުޅުންތެރިން ހޯދައިގެން ޓީމު ހަމަކުރި ޓީމަކަށް ބަލާފައި ކޯޗެއްގެ ގޮތުން އަހަރެން ބޭނުންވީ ގަދަ ހަޔެއްގައި އޮންނަން. އެކަން ހާސިލްވި،" ކުރިން ވިކްޓަރީ އަށް ކުޅުނު ނާދު ބުންޏެވެ.

ލީގުގައި ވިކްޓަރީ ފަސް ވަނާގައި ނިންމާލިއިރު ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލަށް ނުގޮސް ކެޓީ އެވެ. ނަމަވެސް ނާދު ބުނީ ވިކްޓަރީގެ ކުޅުން ގޯސް ނޫން ކަމަށާއި ވަރުގަދަ ޓީމުތަކާއެކު ވިކްޓަރީން ރަނގަޅު ފައިޓެއްދީފައިވާ ކަމަށެވެ.

"މި ލީގުގެ ފަހު ބުރަށް ބަލާލީމާ ވެސް އެނގޭނެ އެކަން. ވިކްޓަރީ ވަރަށް ރަނގަޅަށް ކުޅުނު. ބައެއް މެޗުތައް ގެއްލިފައިވަނީ އެންމެ ފަހު ވަގުތު ފީކަޅާ ގޯލެއް ވަދެގެން. އެކަމަކު ޖުމުލަކޮށް މުޅި ސީޒަނަށް ބަލާއިރު ވިކްޓަރީގެ ނަތީޖާތައް ގޯހެއްނޫން،" ނާދު ބުންޏެވެ.

މި އަހަރުގެ ސީޒަނާ ވިކްޓަރީން ކުރިމަތިލީ ކުޅުންތެރިންގެ ގޮތުން ނިކަމެތި ޓީމަކާއެކުގަ އެވެ. ނަމަވެސް ފަހުން ތަޖުރިބާކާރު ބައެއް ކުޅުންތެރިން ވެސް ގެނެސް ވިކްޓަރީ ރަނގަޅު ޓީމެއްގެ ގޮތުގައި ފެނިގެންދިޔަ އެވެ.