ދައުލަތުގެ އަންނަ އަހަރުގެ ދަރަނި 9.7 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފި އެވެ.
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ 2022 ވަނަ އަހަރު ދައުލަތުގެ އާމްދަނީ އާއި ހަރަދު އަންދާޒާކުރާ މިންވަރަށް ބަލައި، ދައުލަތުގެ ބަޖެޓުގެ ޑެފިސިޓް ނުވަތަ ދަރަނި ހުންނާނެ ކަމަށް ލަފާކުރެވެނީ 9.7 ބިލިއަން ރުފިޔާގައި ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓް ފައިނޭންސް ކުރުމަށް 13.4 ބިލިއަން ރުފިޔާ ހޯދަން ޖެހެ އެވެ. އޭގެތެރޭގައި ހިމެނެނީ ދަރަނީގެ ގޮތުގައި ހިމެނޭ 9.7 ބިލިއަން ރުފިޔާއާއި ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ 2.9 ބިލިއަން ރުފިޔާ އާއި އެހެނިހެން ގޮތްގޮތުން ބޭނުންވާ 805 މިލިއަން ރުފިޔާ އެވެ. އަންނަ އަހަރަށް ހޯދަން ޖެހޭ ފައިނޭންސްގެ ތެރެއިން 7.5 ބިލިއަން ރުފިޔާ ބޭރުގެ މީހުންގެ އަތުން ހޯދުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ކަނޑައަޅާފަ އެވެ. އަދި އެތެރޭގެ މީހުންގެ އަތުން 5.9 ބިލިއަން ރުފިޔާ ހޯދުމަށް ބަޖެޓްގައި ވަނީ ކަނޑައަޅާފަ އެވެ.
ބޭރުގެ މީހުންގެ އަތުން ހޯދަން ރާވާފައިވާ ފައިނޭންސިންގެ ތެރޭގައި ބޮންޑެއް ނުވަތަ ސްކޫކެއް ވިއްކައިގެން 200 މިލިއަން ޑޮލަރު ހޯދުމަށް އަމާޒުހިފައިފައިވާއިރު މަޝްރޫއުތަކުގެ ލޯނު ޑިސްބަސްމަންޓްގެ ގޮތުގައި 187 މިލިއަން ޑޮލަރު، ގްރީން ނުވަތަ ބުލޫ ބޮންޑެއް ވިއްކައިގެން 50 މިލިއަން ޑޮލަރު އަދި ބަޖެޓު ސަޕޯޓްގެ ގޮތުގައި 50 މިލިއަން ޑޮލަރު ހޯދުމަށް ވަނީ ބަޖެޓްކޮށްފަ އެވެ.
އަންނަ އަހަރުގެ ފައިނޭންސިން ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިއްސާ އާންމުންނަށް ވިއްކައިގެންނާއި ސްޓްރެޓެޖިކް ޕާޓްނަރުންނާ ގުޅިގެން ޕްރައިވަޓައިޒްކޮށްގެން 771 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފަ އެވެ.
މިދިޔަ އަހަރާއި މިއަހަރުގެ ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށް ނަގަން ޖެހުނު ދަރަނި ބޮޑުކަމާއެކު، މި އަހަރު ނިމޭއިރު ދައުލަތުން ދީފައިވާ ގެރެންޓީ ހިމަނައިގެން ދައުލަތުގެ ދަރަނީގެ ޖުމުލަ އަދަދު ހުންނާނެކަމަށް ބެލެވެނީ 94 ބިލިއަން ރުފިޔާގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 122 ޕަސެންޓެވެ.
މެދުރާސްތާގައި ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ފިސްކަލް ސަސްޓެއިނަބިލިޓީ ދެމެހެއްޓުމަށް ފިޔަވަޅުތައް އަޅައި، ޖީޑީޕީގެ ނިސްބަތުން ދަރަނި ކުޑަކުރުމަށް ރޭވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މަޖިލީހަށް މި އަހަރުގެ ޖުލައި މަހު ހުށަހެޅި ފިސްކަލް ސްޓްރެޓެޖީގައި ފިސްކަލް އަދި ޑެޓް ސަސްޓެއިނަބިލިޓީ ދެމެހެއްޓުމަށް ތިން ކަމެއް ހުށަހަޅާފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އެގޮތުން 2023 ވަނަ އަހަރު ނިމެންވާއިރަށް ދައުލަތުގެ ސީދާ ދަރަނި ޖީޑީޕީގެ ނިސްބަތުން 105 ޕަސެންޓް ތިރިކުރުމާއި، އެ އަހަރުގެ ނިޔަލަށް ޕްރައިމަރީ ބަޖެޓު ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން ފަސް ޕަސެންޓަށް ތިރިކުރުން ހިމެނެ އެވެ. އަދި ބަޖެޓު ޑެފިސިޓް އަދި ދައުލަތުގެ ދަރަނި އަހަރަކަށްފަހު އަހަރެއް ކުޑަވަމުންދާ މިސްރާބަކަށް ގެނައުން ހުށަހަޅާފައިވާނެ ކަމަށެވެ.
"މި އަމާޒުތައް ހާސިލުކުރުމަކީ މެދުރާސްތާގައި ބަޖެޓު ދެމެހެއްޓިނިވި މިންގަނޑަކަށް ގެނައުމަށް މުހިއްމު ކަމެއް. އަޅުގަނޑުމެން ބަޖެޓު އެކުލަވާލައި ތަންފީޒުކުރަމުންދާނީ މި އަމާޒުތައް ހާސިލުކުރެވޭނެ މަގުން. މި ސްޓްރެޓެޖީއާއެކު، ދައުލަތުގެ ސީދާ ދަރަނި 2022 ވަނަ އަހަރު ނިމޭއިރު، 104 އިންސައްތައަށް ތިރިކުރެވޭނެ ކަމަށް ލަފާކުރެވޭ. އަދި 2023 ވަނަ އަހަރު ނިމޭ އިރު 101 އިންސައްތައަށް ތިރިކުރެވޭނެ،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދަރަނި އިތުރުވެފައިވާ މިންވަރަކީ ރާއްޖެއަށް މީގެ ކުރިން ދިމާވެފައިވާ ކާރިސާއަކާއި ނުވަތަ ތަދުމަޑުކަމަކާ އަޅައިކިޔޭނެ މިންވަރެއް ނޫން ކަމަށެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ ރާއްޖެއަށް ދިމާވި އިގްތިސާދީ ތަދުމަޑުކަމުގެ ނިސްބަތަކީ ރާއްޖޭގެ ތާރީހުގައި ވެސް ފެންނަން ނެތް މިންވަރެއްގެ އަޑިގަނޑެއް ކަމަށެވެ.
މި ފަދަ އަޑިގަނޑަކުން އަރައިގަތުމަށް ފިސްކަލް ޕޮލިސީން ޖާގަ ބޭނުންވާ ކަމަށާއި ހާލަތާ އެކަށޭނަ ފިޔަވަޅު އެޅުމުގެ ފުރުސަތު ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ރާއްޖެއަށް ކޮވިޑް-19 ގެ ހާލަތުން މިހާ އަވަހަށް އަރައިގަނެވި، އިގްތިސާދީ ހަރަކާތްތައް އިތުރުވަނީ ހަރުދަނާ މާލީ އަދި އިގުތިސާދީ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. އަދި ދެން އަތުވެދާނެ އިގްތިސާދީ އަދި މާލީ ކާރިސާއަކަށް ތައްޔާރުވުމުގެ ގޮތުން މި ލިބޭ ފުރުސަތުގައި ޒިންމާދާރުކަމާއެކު ރާއްޖޭގެ ދަރަނި މެނޭޖްކޮށް، މާލީ ހާލަތު ހަރުދަނާ ކުރުމަކީ މުސްތަގްބަލަށްޓަކައި މި ވަގުތު ކުރަން ޖެހޭ ކަމެއް ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފަ އެވެ.