ދައުލަތުގެ ބަޖެޓް

36.9 ބިލިއަން ރުފިޔާގެ ބަޖެޓް ހުށަހަޅައިފި

Oct 31, 2021
1

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު މަޖިލީހަށް ހުށަހެޅުއްވި 36.9 ބިލިއަން ރުފިޔާގެ ބަޖެޓުން އަންނަ އަހަރު 34 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ނިންމާފަ އެވެ. މީގެތެރެއިން ރިކަރަންޓް ހަރަދުގެ ގޮތުގައި 24.8 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އަންނަ އަހަރުގެ އާމްދަނީއަށް ބަލާއިރު ޓެކުހުގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ އަދި ޓެކްސް ނޫން އެހެން ގޮތްގޮތުން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ ހަ ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން 2.9 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ވެސް ސަރުކާރުން ލަފާކުރެ އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ އަށް ނުވަތަ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރުމަށް 6.3 ބިލިއަން ރުފިޔާ ވެސް ކަނޑައަޅާފައިވެ އެވެ. އަދި އެހެނިހެން ހަރަދުގެ ގޮތުގައި އެކި ކަންކަމަށް ކުރާ ހަރަދުގެ ގޮތުގައި 5.8 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

އަންނަ އަހަރުގެ ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށެވެ. އެގޮތުން ދައުލަތުގެ ދަރަނި އަދާކުރުމަށް 2.9 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

އަންނަ އަހަރަށް ހުށަހަޅާފައިވަނީ ބަޖެޓަކީ 9.7 ބިލިއަން ރުފިޔާގެ ދަރަނި ބަޖެޓެކެވެ. އެއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 11.1 އިންސައްތަ އެވެ.

އަންނަ އަހަރުގެ ބަޖެޓު ފައިނޭންސް ކުރުމަށް ޖުމްލަ 13.4 ބިލިއަން ރުފިޔާ ހޯދަންޖެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ ބަޖެޓު ޑެފިސިޓް ގޮތުގައި ހިމެނޭ 9.7 ބިލިއަން ރުފިޔާ އާއި، ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ 2.9 ބިލިއަން ރުފިޔާ އާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޓްރާންސްފާ ކުރާ 769.2 މިލިއަން ރުފިޔާ، އަދި އެހެނިހެން ގޮތްގޮތުން ފައިނޭންސްކުރަންޖެހޭ 35.7 މިލިއަން ރުފިޔާ އެވެ.

އަންނަ އަހަރު ހޯދަންޖެހޭ ފައިނޭންސިންގ ގެ ތެރެއިން 7.5 ބިލިއަން ރުފިޔާ ބޭރުގެ ފަރާތްތަކުން ހޯދުމަށް ރާވައިފައިވާއިރު އެތެރޭގެ ފަރާތްތަކުން 5.9 ބިލިއަން ރުފިޔާ ހޯދުމަށް ވަނީ ރާވާފަ އެވެ.