އަންނަ އަހަރު ރާއްްޖޭގެ އިގްތިސާދު 12 ޕަސެންޓް ކުރިއަރާނެ ކަމަށް ލަފާކޮށްފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވީ ކޮވިޑް-19ގެ އަސަރު ރާއްޖެ ފަދަ ޖަޒީރާ އަދި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ގައުމުތަކަށް ކުރި މިންވަރު ބޮޑު ކަމަށާއި އެކަމުން އަރައިގަންނަ ސްޕީޑް ވެސް ވަރަށް ބާރު ކަމަށެވެ. އަދި އިގުތިސާދީ ދަތިކަމަށް ފަހު ރާއްޖޭގެ އިގުތިސާދު ކުރިއަރަމުން އަންނަނީ ދުނިޔޭގެ އިގުތިސާދީ ދުވެއްޔަށްވުރެ އެތައް ގުނައެއް ބާރަށް ކަމަށެވެ.
އައިއެމްއެފްއާ ހަވާލާދީ އަމީރު ވިދާޅުވީ ދުނިޔޭގެ އިގްތިސާދު މިއަހަރު 5.9 އިންސައްތައިން ކުރިއަރާނެ ކަމަށް ލަފާކުރެވޭއިރު، 2022 ވަނަ އަހަރުވެސް 4.9 އިންސައްތައިގެ ކުރިއެރުމެއް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"ރާއްޖޭގެ އިގުތިސާދު މި އަހަރު [2012 ވަނަ އަހަރު] 31.6 އިންސައްތައިން ކުރިއަރާނެ. އަދި އަންނަ އަހަރު ރާއްޖޭގެ އިގުތިސާދު 12 އިންސައްތައިން ކުރިއަރާނެކަމަށް ލަފާކުރެވޭ." މިނިސްޓަރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ ދުނިޔޭގެ އިގުތިސާދަށް އަންނަ ފަހި ބަދަލާ އެކު ރާއްޖޭގެ ފަތުރުވެރިކަމަށްވެސް އާރޯކަން ލިބެމުންދާ ކަމަށެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ މިންވަރު 2019އާ ގާތްގަނޑަކަށް އެއް ހަމައަކަށް އައިސްފައިވާ ކަމަށާއި އަދި އަންނަ އަހަރުގެ ތެރޭގައި ކޮވިޑް-19ގެ ކުރިން ފަތުރުވެރިން ޒިޔާރަތްކުރި މިންވަރާއި ހަމައަށް ވާސިލުވެވޭނެކަމުގެ އުންމީދު ބޮޑު ކަމަށެވެ.
"އަންނަ އަހަރު ރާއްޖެއަށް 1.5 މިލިއަނާ 1.8 މިލިއަން ދޭތެރޭ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށް ފަހު ރާއްޖޭގެ އުފެއްދުންތެރިކަމަށް އެންމެ ބޮޑަށް ހިއްސާކުރާ ދާއިރާތަކަކީ ދަތުރުފަތުރާއި، އިމާރާތްކުރުމާއި، އާންމު ވިޔަފާރިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު އެ ދާއިރާތައް ވެސް ކުރިއަރާނެ ކަމަށް ބެލެވޭ ކަމަށެވެ.
"ކޮވިޑް-19 ގެ ބަލިމަޑުކަން ގިނަ ދުވަސްތަކަކަށް ދެމިގެން ދިއުމުގެ ސަބަބުން ސަޕްލައި ޗެއިނަށް ދިމާވި ގޮންޖެހުންތަކާއެކު، ރާއްޖެއަށް މުދާ ލިބުން ދަތިވެ، ވިޔަފާރިތަކަށް ވަނީ މިކަމުގެ އަސަރުކޮށްފައި. އަދި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ތެރެއިން ކުރިއަށްދާ މަޝްރޫއުތަކަށްވެސް މިކަމުގެ ސަބަބުން ލަސްތައް ކުރިމަތިވެ، އިމާރާތްކުރުމުގެ ދާއިރާ ވަނީ 2020 އަދި 2021 ވަނަ އަހަރުވެސް ދަށަށް ގޮސްފައި." މިނިސްޓަރު ވިދާޅުވި އެވެ.
އެހެން ނަމަވެސް ދުނިޔޭގެ ދަތުރުފަތުރު އާންމު ހާލަތަކަށް ގޮސް މިއަންނަ އަހަރުން ފެށިގެން އެދާއިރާތައް ވެސް ކުރިއަށް ދާނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ބަޖެޓުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން އިމާރާތްކުރުމުގެ ދާއިރާއަށާއި ގުޅިފައިވާ ދާއިރާތަކަށް ކުރިއެރުން ލިބި އަދި ފަތުރުވެރިކަން ވެސް ހަމައަކަށް އެޅި އެ ދާއިރާއާ ގުޅިފައިވާ ދަތުރުފަތުރާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ހަލުވިކަމާއެކު ކުރިއަރާނެކަމަށް ބެލެވޭ ކަމަށެވެ.