ދައުލަތުގެ ބަޖެޓް

ބަޖެޓު ބަހުސް ނޮބެމްބަރު އަށްވަނަ ދުވަހު

Oct 31, 2021

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ބަހުސް ކުރިއަށް އޮތް ނޮވެމްބަރު މަހުގެ އަށްވަނަ ދުވަހު ފެށުމަށް ނިންމައިފި އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުމަށް މިއަދު ބޭއްވި ޖަލްސާގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ބަޖެޓު ހުށަހަޅުއްވާ ނިމުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވަނީ ބަޖެޓުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް މެންބަރުންނާ ހިއްސާކުރައްވާފަ އެވެ.

މިއަދުން ފެށިގެން ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް ފެށުނީ ކަމަށް އިއުލާންކުރައްވަމުން އީވާ ވިދާޅުވީ ބަޖެޓު ބަހުސް ފެށޭނީ ނޮވެމްބަރު މަހުގެ އަށްވަނަ ދުވަހު ކަމަށެވެ. އެގޮތަށް ހަމަޖެއްސެވީ ބަޖެޓު މަޖިލީހަށް ހުށަހެޅުމުން ބަޖެޓު ދިރާސާކުރުމަށް މެންބަރުންނަށް ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް މަޖިލީހުގެ ގަވައިދުގައި ބުނެފައިވާތީ އެވެ.

ބަޖެޓު ދިރާސާ ކުރާނީ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީގެ ހުރިހާ މެންބަރުން ހިމެނޭ ޖޮއިންޓް ކޮމިޓީ އަކުންނެވެ. ޖޮއިންޓް ކޮމިޓީން މިއަދު ބައްދަލުވުމަށްފަހު ކޮމިޓީގެ މުގައްރިރާއި ނައިބް މުގައްރިރު މިއަދު ހޮވާނެ އެވެ.

އީވާ މިއަދު ހާމަކުރެއްވި ތާވަލަށް ބަލާއިރު ބަޖެޓު ދިރާސާކުރުމަށްފަހު އެންމެ ލަސްވެގެން ނޮވެމްބަރު 18 ވަނަ ދުވަހުގެ ކުރިން ބަޖެޓު ކޮމިޓީގެ ރިޕޯޓް ރިޔާސަތަށް ފޮނުވަންޖެހެ އެވެ. އަދި ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުން ނޮވެމްބަރު 22 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ނިންމާފައިވެ އެވެ.

ބަޖެޓު ބަހުސްގައި މެންބަރުންނަށް ވަގުތު ދޭނެ ގޮތެއް ކަނޑައަޅާނީ މަޖިލީހުގެ އާންމު ކޮމިޓީންނެވެ. ކޮމިޓީގެ ބައްދަލުވުން އޮންނާނެ ދުވަހެއް މަޖިލީހުގެ އިދާރާ އިން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި މިއަދު މަޖިލީހަށް ހުށަހަޅާފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުން އަންނަ އަހަރު 34 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވާއިރު އޭގެތެރެއިން ރިކަރަންޓް ހަރަދުގެ ގޮތުގައި 24.8 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވެ އެވެ. އަންނަ އަހަރުގެ އާމްދަނީއަށް ބަލާއިރު ޓެކުހުގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ އަދި ޓެކްސް ނޫން އެހެން ގޮތްގޮތުން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ ހަ ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން 2.9 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ވެސް ސަރުކާރުން ލަފާކުރެ އެވެ.