އުޖޫރައިގެ ހަމަހަމަކަން ގާއިމުކުރުމަށާއި މިނިމަމް ވޭޖު ތައާރަފްކުރުމަށް 500 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.
ބަޖެޓުގައިވާ ގޮތުން މިނިމަމް ވޭޖް އެޑްވައިޒަރީ ކައުންސިލުން ލަފާ ދީފައިވާ ގޮތަށް މުސާރަ އާއި ފިކްސްޑް އެލަވަންސްތައް ކަނޑައަޅައި މިނިމަމް ވޭޖުގެ ގޮތުގައި މަހަކަށް 7،000 ރުފިޔާ ތަންފީޒު ކުރަން ފަށައިފިނަމަ މިނިމަމް ވޭޖް ދިނުމަށް 163 މިލިއަން ރުފިޔާ ބަޖެޓުން ހޭދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އިތުރަށް ހޭދަކުރާ އަދަދަކީ ސަރުކާރު މުވައްޒަފުންގެ ތެރެއިން އެއް މަސައްކަތެއް ކުރާ ފަރާތްތަކުގެ މެދުގައި އުޖޫރައިގެ ހަމަހަމަކަން ގާއިމުކުރުމަށް ކުރާ މަސައްކަތަށް ހޭދަކުރާ މިންވަރެވެ. އެގޮތުން ހޭދަކުރާ އަދަދަކީ މި ވަގުތު މަސައްކަތްކުރަމުންދާ މުވައްޒަފުންނަށް ހިނގާ ހަރަދެވެ.
މުވައްޒަފުންގެ އުޖޫރައިގެ ހަމަހަމަކަން ގާއިމުކުރުމާއި މިނިމަމް ވޭޖު ތަންފީޒު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވަނީ ތިން އަހަރަށް ބަހާލައިގެންނެވެ. އެ މަސައްކަތަށް އަންނަ އަހަރު 500 މިލިއަން ރުފިޔާ ހިމެނި ނަމަވެސް 2023 ވަނަ އަހަރު އެ މަސައްކަތަށް 750 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އަދި 2024 ވަނަ އަހަރަށް އެއް ބިލިއަން ރުފިޔާ އެ މަސައްކަތަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އަންނަ އަހަރުން ފެށިގެން ޓީޗަރުންގެ މުސާރަތައް ބޮޑުކުރުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މީގެކުރިން އިއުލާންކުރައްވާފައިވެ އެވެ. އެކަމަށް އިޝާރާތް ކުރައްވާ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވީ މުވައްޒަފުންގެ އުޖޫރައިގެ ހަމަހަމަކަން ގާއިމުކުރުމުގެ މަސައްކަތް ފަށާނީ ތައުލީމީ ދާއިރާ އިން ކަމަށެވެ. އެ މަސައްކަތްތަކާ އެކު ޓީޗަރުންގެ މުސާރަތަކަށް ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބޭނެ އެވެ.
މިނިމަމް ވޭޖު އަންނަ އަހަރު ތަންފީޒު ކުރަން ފެށުމާއެކު ސަރުކާރުގެ ހުރިހާ އިދާރާއެއްގައި ވެސް އަދި އަމިއްލަ ކުންފުނިތަކުގައިވެސް މުވައްޒަފުންނަށް ވަކިން ހާއްސަކޮށް އާދައިގެ ވަޒީފާ ތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތަކަށް ވެސް ކުރިއެރުން އަންނާނެ އެވެ.
"2022 ވަނަ އަހަރުން ފެށިގެން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނެ މިންވަރު ނުވަތަ މިނިމަމް ވޭޖް ކަނޑައަޅައި ތަންފީޒުކުރަން ވަނީ ނިންމާފައި. އަދި އެއް ފެންވަރެއްގެ، އެއް ކަހަލަ މަސައްކަތް ކުރާ ސަރުކާރު މުވައްޒަފުންގެ މެދުގައި ހުރި މުސާރައިގެ ފަރަގުތައް ނައްތާލުމުގެ ގޮތުން، އާ ޕޭ ފްރޭމްވާކެއް އެކުލަވާލައި، އަންނަ އަހަރުން ފެށިގެން ޕޭ ހާމަނައިޒޭޝަން މަރުހަލާތަކަކަށް ބަހާލައިގެން ތަންފީޒުކުރަން ފަށާނެ،" ބަޖެޓު ބަޔާނުގައިވެ އެވެ.