ދުނިޔެ

ނިއުކްލިއާ ހަކަތައަށް ބިލް ގޭޓްސް ތާއީދު ކޮށްފި

އަންނަން އޮތް ޖީލުގެ ނިއުކްލިއާ ރިއެކްޓަރުތައް ނިސްބަތުން ރައްކާތެރި ވާނެ ކަމަށް ބިލް ގޭޓްސް ލަފާ ކުރައްވައިފި އެވެ. އޭނާ ވިދާޅުވީ ޒަމާނީ ނިއުކްލިއާ ރިއެކްޓަރުތަކުން އުކާލަން ޖެހޭނީ މަދު މިންވަރެއް ކަމަށެވެ.

ގޭޓްސް ވިދާޅުވާ ގޮތުގައި ނިއުކްލިއާ ރިއެކްޓަރުތަކުން ތިމާވެއްޓަށް ގެންލުން ލިބޭނެ ކަމަށް ވިސްނައިގެން ވާކަށް ނެތެވެ. އަންނަ ޖީލުގެ ރިއެކްޓަރުތަކުގެ ސަބަބުން މޫސުމީ ކާރިސާތަކުން ސަލާމަތް ވާން އެހީތެރި ވެވިދާނެ ކަމަށް ވެސް އޭނާ ދެކެލައްވަ އެވެ.

މައިކްރޮސޮފްޓްގެ ބާނީ ބިލް ގޭޓްސް ދެކެލައްވާ ގޮތުގައި ނިއުކްލިއާ ހަކަތައަށް ފުރަގަސް ދިނުމަކީ ގޯހެކެވެ.

ޖަރުމަނުގެ ވިޔަފާރި ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ގޭޓްސް ވިދާޅުވީ މިހާރު ހުރި ނިއުކްލިއާ ރިއެކްޓަރުތައް ބަންދު ކުރުމަކީ ހަކަތަ ކަށަވަރު ކުރަން ހުރަހަކަށް ވާނެ ކަމަށެެވެ. އޭނާ އެ އިޝާރާތް ކުރައްވަނީ ތެލުގެ އަގަށް އަންނަ ބަދަލު ތަކަށެވެ.

ގޭޓްސް ވިދާޅުވި ގޮތުގައި ކަރަންޓަށް އޮތް ޑިމާންޑް އެތައް ގުނައެއް އިތުރުވެގެން ދާނީ ހަމައެކަނި ކާރު ދުއްވާތީ އެކަންޏެއް ނޫނެވެ. ގެދޮރު ހޫނު ކުރުމާއި ފެކްޓަރީތަކުގައި ޒަމާނީ މެޝިންތައް ބޭނުން ކުރުމަކީ ވެސް ހަކަތައަށް އޮތް ބޭނުން އިތުރުވާނެ ކަމެއް ކަމަށް ގޭޓްސް ވިދާޅުވި އެވެ.

ޖަރުމަނުގައި ގޭހުން ހަކަތަ އުފައްދަން ޕަވާ ޕްލާންޓްތައް އުފައްދަން ކުރާ މަސައްކަތްތަކަށް ގޭޓްސް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ގޭހަކީ ދެމެހެއްޓެނިވި ވަސީލަތެއް ނޫން ކަމަށާއި ތަރައްގީ ކުރަންވީ ނިއުކްލިއާ ރިއެކްޓަރުތައް ތިމާވެއްޓަށް ރައްޓެހި ކުރުވާނެ މެކޭނިޒަމެއް ކަމަށެވެ.