ޖަޕާނަށް އިއްޔެ އައި ބިންހެލުމުގެ ސަބަބުން ނިއުކްލިއާ ޕްލާންޓަކަށް ގެއްލުމެއް ނުވާ ކަމަށް ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ވިދާޅުވެއްޖެ އެވެ.
ޖަޕާނަށް ދެ ބިންހެލުން ވެސް އައިސްފައި ވަނީ ޖެހިޖެހިގެން، ފުލުފުލުން ކަހަލަ ގޮތަކަށެވެ.
ރިކްޓާ މިންގަނޑުން 6.4 އަދި 7.3 މެގްނިޓިއުޑްގެ ދެ ބިންހެލުން ތަޖުރިބާ ކުރެވެން ފެށުމާއެކު ޖަޕާންގައި ގިނަ ބަޔަކު އެންމެ ބޮޑަށް ކަންބޮޑުވީ ފުކްޝީމާ ނިއުކްލިއާ ރިއެކްޓަރަށް އަނެއްކާ ވެސް ކަންތައްގަނޑެއް ލައިގެންފާނެ ކަމަށެވެ.
ފުކްޝީމާ ނިއުކްލިއާ ޕަވާ ޕްލާންޓަށް މާޗް 11، 2011 ގައި ސުނާމީ އަރައި ހިނގި އެކްސިޑެންޓްގައި މުޅި ސަރަހައްދު ވަނީ ގިރައިގެން ގޮސްފަ އެވެ.
ރޭޑިއޭޝަން ލީކުވުމުގެ ސަބަބުން މީހުންނަށާއި ގަސްގަހާގެއްސަށް ވެސް ބޮޑެތި ގެއްލުން ވަނީ ލިބިފަ އެވެ. ތަޖުރިބާކާރުން ބުނާ ގޮތުން ރޭޑިއޭޝަންގެ އަސަރު އެ ސަރަހައްދުގައި އަދި ވެސް އެބަ ހުއްޓެވެ.
ޖަޕާންގެ ޗީފް ކެބިނެޓް ސެކްރެޓަރީ ހިރޮޒާކޫ މަޓްސޫނޯ ވިދާޅުވި ގޮތުން އޮނަގާވާ ނިއުކްލިއާ ރިއެކްޓަރަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. ފުކްޝީމާގައި ހުންނަ ދެ ނިއުކްލިއާ ރިއެކްޓަރަކީ މިހާރު ވެސް ރައްކާތެރިކަން ކަށަވަރު ޕްލާންޓްތަކަކަށް ނުވާތީ އެ ޕްލާންޓްތަކުގެ ހާލަތު އިތުރަށް ގޯސްވެފައި ހުރިތޯ ބަލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިއްޔެ އައި ބިންހެލުމުގެ ސަބަބުން ވެރިރަށް ޓޯކިޔޯގައި ކަރަންޓް ކަނޑައިގެން ގޮސް ކޭބަލް ކޮމިއުނިކޭޝަން މެދުކަނޑައިގެން ވަނީ ގޮސްފަ އެވެ.
ޖަޕާނަކީ ބިންހެލުން އާންމު ބިމެކެވެ. ޖަޕާން ރައްޔިތުން ވެސް ތިބެނީ ޓްރޭނިން ހަދައި ބިންހެލުމަށް ފަރިތަވެފަ އެވެ. އެހެން ނަމަވެސް ބިންހެލުން އަންން މޫސުމެއްގެ ސަބަބުން އިމާރާތްތަކަށާއި އާންމުންގެ މުދަލަށް ވަރަށް ބޮޑެތި ގެއްލުން ލިބެ އެވެ.
އެހެން ނަމަވެސް އިއްޔެ އައި ބިންހެލުމުގެ ސަބަބުން އިމާރާތްތަކަށާއި ތަކެއްޗަށް ލިބުނު ގެއްލުންތަކުގެ ތަފުސީލު ހާމައެއް ނުކުރެ އެވެ.