ދުނިޔެ

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރުގެ ވާދަވެރިކަމެއް ފެށިދާނެ: ދިރާސާ

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު އާދަޔާ ހިލާފަށް އިތުރުވެ ޒަމާނީ ނިއުކްލިއާ އުފެއްދުންތައް އިތުރު ވެދާނެ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ފިނިހަނގުރާމާއިގެ ދުވަސްވަރު ގައުމުތަކުގެ މެދުގައި އޮތް ކަހަލަ ވާދަވެރިކަމެއް ނިއުކްލިއާ ގައުމުތަކުގެ މެދުގައި އުފެދި އެއް ބަޔަކަށް ވުރެ އަނެއް ބަޔަކު ކުރި ހޯދަން ކުރާ މަސައްކަތްތައް އޮތީ ނިއުކްލިއާ ސިނާއަތުގައި ކަމަށް ވެސް ދިރާސާއިން ވަނީ ދައްކާފަ އެވެ.

ދުނިޔޭގައި ނިއުކްލިއާ ގެންގުޅެނީ ނުވަ ގައުމަކުންނެވެ. ނިއުކްލިއާ ގައުމުތައް ކަމަށް ބައިނަލްއަގްވާމީ މިންގަނޑުން ބަލާ ގައުމުތަކަކީ އެމެރިކާ، ރަޝިއާ، އިނގިރޭސިވިލާތް، ފްރާންސް، ޗައިނާ، އިންޑިއާ، ޕާކިސްތާން، އިޒްރޭލު އަދި އުތުރު ކޮރެއާ އެވެ.

ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓް (އެސްއައިޕީއާރުއައި) އިން ބުނި ގޮތުގައި ދުނިޔޭގެ މަލަމަތިން ފެންނަނީ ނިއުކްލިއާ ވާދަވެރި ކަމެވެ.

ދުނިޔެ ހަކަތައަށް ޖެހިފައި އޮތް މި ދުވަސްވަރު ތެލަށް ބަރޯސާ ނުކޮށް ފަރުޖެއްސޭން އޮތް ގޮތަކީ ބައެއް ގައުމުތަކުން ދެކޭ ގޮތުގައި ނިއުކްލިއާ ހަކަތަ އެވެ.

ނިއުކްލިއާ ބޭނުން ކޮށްގެން ހަކަތަ އުފައްދަން ކުރާ މަސައްކަތްތައް ވެސް ނިއުކްލިއާ ހަތިޔާރަށް މިސްރާބު ޖަހާފާނެ ކަމަށް ބެލެވޭ ކަމަށް ދިރާސާއިން ވަނީ ދައްކާފަ އެވެ.

ނިއުކްލިއާ ހަތިޔާރު ގިނަ ވުމަކީ ކޮންމެހެން ހަނގުރާމައެއް ފެށުން ނޫން ކަމަށް އެ އިންސްޓިޓިއުޓުން ބުނެ އެވެ. އެކަމަކު ދުނިޔެއަށް އޮތް ބިރަކީ އެ ޖަމާއަތުން ބުނާ ގޮތުން ނިއުކްލިއާ ކުނިބުނި ގިނަވުމެވެ.

ދުނިޔެއަށް ހަތިޔާރު ގިނަވުމާ ބެހޭ ގޮތުން ތަޖުރިބާކާރުން ދައްކާފައި ހުންނަ ވާހަކަތަކުން ދޭހަވަނީ ބާރު ގަދަ ހަތިޔާރު ހުރުމަކީ ހަނގުރާމަ ކުރަން ގައުމުތައް ފަސްޖެހޭނެ ކަމެއް ކަމަށެވެ.

މިސާލަކަށް ނިއުކްލިއާ ގައުމަކަށް ނިއުކްލިއާ އެހެން ގައުމަކުން ހަމަލާ ނުދޭނެ ކަމަށް ބުނަނީ ހަމަލާދީފި ނަމަ ރައްދު ހަމަލާގައި އިދިކޮޅު ގައުމު އަނދާ ހުލި ކޮށްލާނެ ކަމަށް އޮންނަ ބިރާ ހެދި އެވެ.

ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓް އިން ބުނާ ގޮތުން ދުނިޔޭގައި އެންމެ ގިނައިން ނިއުކްލިއާ ގެންގުޅެނީ އެމެރިކާ އާއި ރަޝިއާ އެވެ. އެ ދެ ގައުމުގެ ނިސްބަތަކީ 90 ޕަސެންޓް ކަމަށް އެ އިންސްޓިއުޓުން ބުނެ އެވެ.

ޖާސޫސްކުރާ ސެޓެލައިޓްތަކުން ދައްކާ ގޮތުން ޗައިނާގައި ނިއުކްލިއާ މަރުކަޒުތައް ވަރަށް ގިނަ އެވެ. އަދި އިތުރު މަރުކަޒުތައް ބިނާ ކުރަމުން ދާކަން ފާހަގަކޮށް ރިސާޗް އިންސްޓިޓިއުޓުން ބުނީ ނިއުކްލިއާ ހަތިޔާރު ގިނަވުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.