ދައުލަތުގެ ބަޖެޓް

ފުލުހުންނާއި ސިފައިންގެ ބަޖެޓަށް 3.3 ބިލިއަން ރުފިޔާ

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ދިވެހި ފުލުހުންގެ ހިދުމަތުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.

ފުލުހުންނާއި އެމްއެންޑީއެފްގެ ބަޖެޓުގެ ގޮތުގައި މި ހިނގާ އަހަރަށް ފާސްކޮށްފައިވަނީ 2.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެމްއެންޑީއެފަށް މިއަހަރު 1.3 ބިލިއަން ރުފިޔާ އަދި ފުލުހުންނަށް މިއަހަރު 1.5 ބިލިއަން ރުފިޔާ ފާސްކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިހރު ހުށަހަޅާފައިވާ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި އެމްއެންޑީއެފް އަށް 1.5 ބިލިއަން ރުފިޔާ ވަނީ ނިންމާފަ އެވެ. އެއީ މިއަހަރަށް ފާސްކުރި ބަޖެޓަށް ވުރެ 268 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެމްއެންޑީއެފްގެ ބަޖެޓުން އަންނަ އަހަރު އެންމެ ބޮޑު ހޭދައެއް ކުރުމަށް ނިންމާފައިވަނީ ލޮޖިސްޓިކް ސަޕޯޓް ހިދުމަތްތަކަށެވެ. އެކަމަށް 665.9 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

އެމްއެންޑީއެފްގެ ބަޖެޓުން އަންނަ އަހަރު ހަރަދުކުރާ ދާއިރާތައް

  • އެގްޒެކްޓިވް އަދި އިދާރީ ހިދުމަތްތައް - 200 މިލިއަން ރުފިޔާ
  • ކޮމްބެޓް އެންޑް މެނޫވަރ ފޯސަސް - 337 މިލިއަން ރުފިޔާ
  • ލޮޖިސްޓިކް ސަޕޯޓް ހިދުމަތްތައް - 666 މިލިއަން ރުފިޔާ
  • ފަންކްޝަނަލް ކޮމާންޑްސް - 208 މިލިއަން ރުފިޔާ
  • ކޮމްބެޓަންޓް ކޮމާންޑްސް - 122 މިލިއަން ރުފިޔާ

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ފުލުހުންގެ އިދާރާގެ ބަޖެޓުގެ ގޮތުގައި ހިމަނާފައިވަނީ 1.8 ބިލިއަން ރުފިޔާ އެވެ. އެއީ މިއަހަރަށް ފާސްކުރި ބަޖެޓަށް ވުރެ 306 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ފުލުހުންގެ ބަޖެޓުން އަންނަ އަހަރު އެންމެ ބޮޑު ހޭދައެއް ކުރުމަށް ނިންމާފައިވަނީ ޑިވިޝަނަލް އޮޕަރޭޝަނަލް ކޮމާންޑަށެވެ. އެގޮތުން އެ ކޮމާންޑަށް 466 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ފުލުހުންގެ ބަޖެޓުން އަންނަ އަހަރު ހަރަދުކުރާ ދާއިރާތައް

  • އެގްޒެކްޓިވް އެންޑް ކޯޕަރޭޓް ސާވިސަސް - 77 މިލިއަން ރުފިޔާ
  • ޓްރެއިނިން އެންޑް ޑިވެލޮޕްމަންޓް - 73 މިލިއަން ރުފިޔާ
  • ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑް - 9 މިލިއަން ރުފިޔާ
  • ސްޕެޝަލިސްޓް ސަޕޯޓް - 112 މިލިއަން
  • ފޮރެންސިކް ސާވިސަސް - 49 މިލިއަން ރުފިޔާ
  • ރިސޯސް މެނޭޖްމަންޓް - 167 މިލިއަން ރުފިޔާ
  • ސަޕޯޓް ސާވިސަސް - 169 މިލިއަން ރުފިޔާ
  • ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް - 117 މިލިއަން ރުފިޔާ
  • ޑައިރެކްޓަރޭޓް އޮފް އިންޓެލިޖަންސް - 126 މިލިއަން ރުފިޔާ
  • ސެންޓްރަލް ޕޮލިސިން ކޮމާންޑް - 420 މިލިއަން ރުފިޔާ
  • ޑިވިޝަނަލް އޮޕަރޭޝަނަލް ކޮމާންޑް - 466 މިލިއަން ރުފިޔާ

ސިފައިންނާއި ފުލުހުންގެ ބަޖެޓު އަންނަ އަހަރު ބޮޑުކުރާއިރު ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމާއި ގުޅިގެން މަސައްކަތް ކުރުމުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް މެއި ހައެއްގެ ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ހެދި އިންކުއަރީ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެ މައްސަލަތައް ހައްލުކުރުމަށް ބައެއް ގާނޫނުތައް އިސްލާހުކުރުމަށާއި ބައެއް ގާނޫނުތައް އަލަށް ހެދުމަށްވެސް ލަފާ ދީފައިވެ އެވެ.